ކުރަނީ ކިޑްނެޕް އާއި ރޭޕްގެ ތުހުމަތު، ބަންދަށް ފަސް ދުވަސް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ މަގުމަތިން ހިނގާފާ ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ގަދަކަމުން ޖިންސީގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންނަކީ ވެސް ދިވެހީންނެވެ.

ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ދެމީހުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ފަސް ދުވަސް ވަނީ ދީފަ އެވެ.

އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައި ވަނީ، ދެމީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅުވާލެވޭ ވަރުގެ ކޮންމެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް