ޕާޕާގެ ވާހަކަތައް ދޮގުކޮށް، އެމްއެންޑީއެފްއިން ރައްދު ދީފި

ބޮން ގޮއްވި މައްސަލައިގައި ހައްޔަރު ކުރި ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ (ޕާޕާ) --

އުތުރުތިލަފަޅާއި ހަނިމާދޫ އެއާޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބުނެ ސިފައިންގެ މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު، އަދި ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ (ޕާޕާ) ދެއްކެވި ވާހަކަތަކަށް އެމްއެންޑީއެފްއިން ރައްދު ދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމްގައި ފަޔާޒް ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށާއި ހަނިމާދޫ އެއާޕޯޓުގެ ސިފައިން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން މިއަދު އެމްއެންޑީއެފްއިން ނެރުނު ނޫސްްބަޔާނެއްގައި ބުނީ، އެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އެމްއެންޑީއެފް ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށާއި އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫ އެއާޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ވަނީ ފަޔާޒަކީ މީގެ ކުރިން ތަފާތު ގިނަ އަހުލާގީ މައްސަލަތަކެއް ޖެހި، ސުލޫކީ މައްސަލަތަކެއްގައި ޑިސެންބަރު 17، 2015 ވަނަ ދުވަހު ސިފައިންގެ ކާނަލެއްގެ މަގާމުން ކެޕްޓަނެއްގެ މަގާމަށް ޑިމޯޓްކޮށް އަދި ޖޫން 19، 2016ގައި ކެޕްޓަނެއްގެ މަގާމުން ލެފްޓިނަންޓެއްގެ މަގާމަށް ޑިމޯޓްކޮށް "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަން ފާހަގަކޮށްފަ އެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާކޮށް އޭނާ ޖަލަށް ލައިފަ އެވެ. އޭނާ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމްތައް ބާތިލުކޮށްފަ އެވެ.

comment ކޮމެންޓް