ބޫސްޓާ ވެކްސިން އެއްގެ ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް އަހަރަކު އެއްފަހަރު ޑޯޒެއް ޖަހަން ޖެހިދާނެ

އަލްބަތް ބައުލާ

ވޮޝިންޓަން (އެޕްރީލް 17) : ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ތަކުގެ ތެރެއިން ކޮންމެވެސް އެއް ވެކްސިން އަހަރަކު އެއްފަހަރު ޖަހަން ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާގެ ފައިޒާ ކުންފުނީގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސާ އަލްބަޓް ބައުލާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ޓީވީ ނެޓްވާކެއް ކަމަށްވާ "ކޮންސިއުމާ ނިވްސް އެންޑް ބިޒިނެސް ޗެނެލް" (ސީއެންބީސީ) އަށް ދެއްވި ބަސްދީގަތުމެއްގައި އަލްބަޓް ވިދާޅުވީ ފައިޒާ ވެކްސިން ގެ ވެސް ތިން ޑޯޒު ޖަހަންޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި ތިންވަނަ ޑޯޒަކީ ކޮންމެއަހަރަކު ޖަހަންޖެހޭ ބޫސްޓާ ޑޯޒަކަށް ވުމުގެ ފުރުސަތު ބޮޑުކަމުގައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިންގެ ޑޯޒެއް (ބޫސްޓާ ޑޯޒެއް) ކޮންމެއަހަރަކު އެއްފަހަރު ޖަހަންޖެހެނީ ކޮރޯނާ ވައިރަސްގެ ތަފާތު ވޭރިއަންޓްތައް އުފެދި އެ ވޭރިއަންޓްތައް ދުނިޔޭގެ ކަންކޮޅު ތަކުގައި ފެތުރެމުންދާތީ އެކަމުން ސަލާމަތްވުމުގެ ގޮތުންނެވެ. ކޮންމެއަހަރަކު އެއްފަހަރު ޖަހަންޖެހޭ ބޫސްޓާ ޑޯޒަކީ ތަފާތު ޑޯޒަކަށް ވެގެންދާނެކަމަށާ އެކަން އެގޮތަށް ގެންދަންޖެހޭނީ ކޮރޯނާ ވައިރަސްގެ ވޭރިއަންޓްތައްވެސް ތަފާތުވަމުންދާތީ ކަމަށްވެސް އަލްބަޓް ވިދާޅުވިއެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބިއޮންޓެކް ކުންފުނި ގުޅިގެން އުފައްދާފައިވާ ފައިޒާ ބިއޮންޓެކް ވެކްސިންއަކީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ އެންމެ ކާމިޔާބު އެއްވެކްސިން އެވެ. އެވެކްސިން ގައި ހިމެނެނީ ދެ ޑޯޒެވެ. ތިންވަނަ ޑޯޒާބެހޭގޮތުން އެކުންފުނިން އަދި ވަކިގޮތެއް އަދި ނުނިންމި ނަމަވެސް ހަށިގަނޑުގައި ދިފާއީ ބާރު އިތުރަށް ވަރުގަދަކުރާ ބޫސްޓާ އެއްގެ ގޮތުގައި އޭގެ ތިންވަނަ ޑޯޒެއް އުފައްދައި ފައިޒާ ބިއޮންޓެކް އިންވަނީ އެ ޑޯޒު ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިންތަކުގެ ދެ ޑޯޒު ޖެހިނަމަވެސް ކޮރޯނާ ވައިރަސް ނުޖެހޭނެ ކަމުގެ ސައްތައިން ސައްތަ ގެރެންޓީ ދިނުމަށް ސައެންސްވެރިން ވަނީ ފަސްޖެހިފައެވެ. ނަމަވެސް ދެވަނަ ޑޯޒު ޖެހުމުން ކޮވިޑް-19 ޖެހުމުގެ ފުރުސަތު 90 އިންސައްތައަށް ކުޑަވާނެ ކަމުގެ ޔަގީންކަން ފައިޒާ ކުންފުނީގެ ސައެންސްވެރިން ދެއެވެ.

ދެވަނަ ޑޯޒު ޖެހިނަމަވެސް ކޮވިޑް-19 ޖެހުމުގެ ފުރުސަތު 90 އާ ހަމައަށް ކުޑަކޮށްދޭނެކަމުގެ ޔަގީންކަން ލިބެނީ ޖަހާ ވެކްސިން އެއްގެ ބާވަތުންނެވެ. ދެވަނަ ޑޯޒު ޖެހިނަމަވެސް އެކި ވެކްސިން ތަކުން ރައްކާތެރިކަން ލިބެނީ އެކި އިންސައްތައަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފައިޒާ ކުންފުނީގެ ސައެންސްވެރިން ބުނާގޮތުން އެ ކުންފުނީގެ ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމުން ކޮވިޑް-19 ވައިރަސް ނުޖެހޭނެ ކަމުގެ 91 އިންސައްތައާއި 95 އިންސައްތަ ޔަގީންކަން 6 މަސްދުވަހުގެ މުއްދަތަށް ލިބިދެއެވެ.

މިޔަގީންކަން ދެމެހެއްޓުމަށް ޓަކައި ކޮންމެއަހަރަކު އެއްފަހަރު ބޫސްޓާ ޑޯޒެއް ބޭނުންވާނެ ކަމަށް އެކުންފުނިން ލަފާކުރެއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ޑޭޓާ ނުލިބޭތީ ކޮވިޑް-19 ގެ ވެކްސިނުން އިންސާނުންނަށް ރައްކާތެރިކަން ލިބޭ މުއްދަތު އަދި މުޅިން ކަށަވަރު ނުކުރެވެއެވެ. އެހެންކަމުން ބޫސްޓާ ޑޯޒާމެދު ފައިޒާ ކުންފުނިން އެންމެ ފަހުގެ ނިންމުން އަދި ނިންމާފައެއް ނުވެއެވެ. (ސީއެންބީސީ + ނޫސްއެޖެންސީތައް)

comment ކޮމެންޓް