މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ނަހުލާ ކުރިމަތިލާން ނިންމައިފި

ނަހުލާ އަލީ ----

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ކުރިމަތިލައްވަން ވިލިމާލެ ދާއިރާއިން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ނަހުލާ އަލީ ނިންމަވައިފި އެވެ.

ޑެޕިއުޓީ މޭޔަރަކު އިންތިހާބު ކުރާނީ މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ މީހުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ނަހުލާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބު ކުރުމަށް، ޒުވާނުންނާއި އަންހެނުންގެ ގިނަ އަދަދެއްގެ ވޯޓު ނެގުމަށް ޓަކައި އިލްމީ، ގާބިލު، ކެރޭ، ހިތްވަރު ހުރި އަންހެނަކު ޑެޕިއުޓީ މޭޔަރު ކަމަށް ހަމަޖެހުމަކީ ރައީސް އަބްްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމްއިން އެދޭ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިދިޔަ ދައުރުގައި މާލޭގެ މޭޔަރު ކަމާއި ޑެޕިއުޓީ މޭޔަރުކަން ކުރެއްވީ އަންހެނަކާއި ފިރިހެނެއްކަން ފާހަގަކުރައްވައި އެނާ ވިދާޅުވީ، އަންހެނުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ ޕީޕީއެމްއިން ތަރުހީބު ދޭނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

އެހެންކަމުން، އޭނާ އަކީ އިލްމާއި ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ކަމަށް ގަބޫލު ކުރާ ހާލު އަދި ގިނަ ބައެއްގެ އެދުމުގެ މަތިން ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލާން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ކުރިން މޭޔަރުވެސް އިންތިހާބު ކުރީ ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެެެ. ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މެދުގައި ވޯޓު ނަގައިގެން މޭޔަރަކު އިންތިހާބު ކުރި މިއީ ފުރަތަމަ ފަހަރެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އިންތިހާބުވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

comment ކޮމެންޓް