ވޯޓުގެ ނަތީޖާއާ ކުޅޭނަމަ މަޑުން ނުތިބޭނެކަމުގެ އިންޒާރު ދީފި

އޭޕްރީލް 13، 2021: ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން އުޅޭތީ އިދިކޮޅު ޕީޕީއެމްއިން ބާ ޖަމާލުދީންގައި އެކަމާ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކުރުން: މުޒާހަރާކުރަމުންދަނިކޮށް، އެމްޑީޕީ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެސަރަހައްދަށް ވަޑައިގެންފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއާ ކުޅޭނަމަ، މަޑުން ނުތިބޭނެ ކަމުގެ އިންޒާރު، އިދިކޮޅު ކޯލިޝަނުން ދީފި އެވެ.

އިންތިހާބުގައި އިދިކޮޅުން ވަނީ މިފަހަރު ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުކަމާ، ކައުންސިލްގެ ގިނަ ގޮނޑިތައް ވެސް ނެގީ އިދިކޮޅުންނެވެ.

ނަމަވެސް އިންތިހާބުގައި މާލެ ސިޓީގެ ހަތަރު ދާއިރާއަކަށް ލިބުނު ވޯޓު އަލުން ގުނައިދޭން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ވަނީ އެދިފަ އެވެ.

މިއަދު 18 ވޯޓު ފޮއްޓެއްގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ސަރުކާރުން އިންތިހާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް، ޕީޕީއެމް، ޕީއެންސީ މެމްބަރުން އިންތިހާބީ މަރުކަޒަށް އެއްވެ، އިހްތިޖާޖް ކުރި އެވެ. އަދި އެ އިހްތިޖާޖުގެ މެދަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ އިހްތިޖާޖު އިތުރަށް ހޫނުވި އެވެ.

އިހުތިޖާޖަށްފަހު، އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މާލޭގެ އިތުރުން އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގެ ވޯޓު ވެސް އަލުން ގުނަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ވޯޓާ ކުޅޭތަން ބަލަން ރައްޔިތުން އަބަދު ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެންމެ ވޯޓެއްގެ މައްސަލަ ވެސް ދޫނުކުރާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނާ ހަމައިން ނުނިމިއްޖެ ނަމަ ކޯޓަށް ވެސް ދާނެ ކަމަށެވެ.

"އެ ތަނުގައި މުޒާހަރާކުރަން ޖެހިއްޖެއްޔާ މުޒާހަރާ ކުރާނަން. އެތަނުން ނުނިކުމެ ތިބެން ޖެހިއްޖެއްޔާ ސައްވީސް ގަޑިއިރު ގޮނޑި އަޅައިގެން ވެސް ތިބޭނަން،" އަދުރޭ ވިދާޅުވި އެވެ.

މިއަދުގެ އިހުތިޖާޖާ ގުޅޭގޮތުން އަދުރޭ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އިސްވެރިން މަރުކަޒަށް ދިޔައީ އީސީގެ އެދުމަކަށް ކަމަށެވެ. އަދި އެތަނުގެ ހަމަޖެހުން ގެއްލުނީ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެތަނަށް ވަޑައިގަތުމުން ކަމަށެވެ.

ނަޝީދު އެތަނުގައި ހަމަނުޖެހުން ހިންގަން އުޅުއްވި ކަމުގެ ތުހުމަތު އަދުރޭ ކުރެއްވި އެވެ. އެގޮތުން ނަޝީދު ބޭނުންވެވަޑައިގަތީ ވޯޓު ގުނާ މަރުކަޒުގެ ހަމަޖެހުން ނަގާލައި، އެތަން ގަޑުބަޑުކޮށް، ވޯޓު ފޮށިތައް އުކާލައި އަލުން އިންތިހާބަކަށް ދާން ޖެހޭ ގޮތަށް މަސައްކަތް ކުރަން ކަމަށެވެ.

"އެ ފުރުސަތު އަޅުގަނޑުމެން ނުދިނީ،" އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް