ހަމަ ނުޖެހުމާ ގުޅިގެން ދެ ޕާޓީން ވެސް ހެދީ ދޮގު: ޝަރީފް

ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު އިންތިހާބީ މަރުކަޒު ތެރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް އަދި އެމްޑީޕީން ވެސް ހެދީ ދޮގު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރިފު ވިދާޅުވެއްޖެ އެވެ.

މިއަދު 18 ވޯޓު ފޮއްޓެއްގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެއާ އެކު ސަރުކާރުން އިންތިހާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް، ޕީޕީއެމް، ޕީއެންސީ މެމްބަރުން އިންތިހާބީ މަރުކަޒަށް އެއްވެ، އިހްތިޖާޖް ކުރަން ފެށި އެވެ. އަދި އެ އިހްތިޖާޖުގެ މެދަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ އިހްތިޖާޖު އިތުރަށް ހޫނުވި އެވެ.

އެމްޑީޕީން ބުނަނީ ގޯސް ހެދީ ޕީޕީއެމް އިން ކަމަށެވެ. އަދި ޕީޕީއެމް އިން ބުނަނީ ގޮސް ހެދީ އެމްޑިީޕީ ކަމަށެވެ.

މިއަދު އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރިފް ވިދާޅުވީ، 18 ވޯޓު ފޮށީގެ ސެކިއުރިޓީ ކެޑުމަށް ނިންމީ، އެއްވެސް ފަރާތަކުން ހުށަހަޅި ޝަކުވާއަކާ ގުޅިގެން ނޫން ކަމަށެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން ދެ ޕާޓީން ވެސް ވާހަކަ ދައްކަނީ އެ ޕާޓީއަކަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ސީދާ އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ ސާފުކުރުމުގައި ބައެއް ޝައްކުވާ ކަންތަކެއް ހުރުމުން، އެ ޝައްކު ފިލުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކޮމިޝަންގެ ބައްދަލުވުން ނިންމި ކަމެއް، 18 ފޮށީގެ ސެކިއުރިޓީ އުރަ ކެޑުމަށް،" ޝަރީފު ވިދާޅުވި އެވެ.

އޭޕްރީލް 13، 2021: އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، މައިގަނޑު ގޮތެއްގައި ހުރި މައްސަލައަކީ ނަތީޖާ ޝީޓްގައިވާ ބައެއް އަދަދުތައް ޓެލީ ނުވުން ނުވަތަ ދިމާނުވުން ކަމަށެވެ. ފޮށިތައް އަލުން ބެލި ނަމަވެސް ހުރިހާ ފޮއްޓެއްގެ ހުރިހާ ވޯޓެއް އަލުން ނުގުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ނަތީޖާ ކަށަވަރުކުރުމަށް އެ ހިސާބަށް ދާން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަން ކުރަން ނިންމީ އެ ފޮށިތަކާ ގުޅުންހުރި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާތައް ކުރިމަތީ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރިއަށް ނުދިޔައީ އާންމުން އެ ސަރަހައްދަށް އެއްވެ ހަމަނުޖެހުން ހިންގުމުން ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ވާދަވެރި ސިޔާސީ ހުރިހާ ޕާޓީތަކުން ވެސް މިކަން ރިޕޯޓުކޮށްފައި ވަނީ އެބޭފުޅުންގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް. ސިޔާސީ ޕާޓީތަކުން އެކަން ރިޕޯޓު ކުރީ ހަގީގަތާ ހިލާފަށް،" ޝަރިފު ވިދާޅުވި އެވެ.

ބައެއް މީހުން އެ ސަރަހައްދަށް ޖަމާވީ، ޝަކުވާތަކާ ގުޅިގެން ގުނަން ޖެހޭ ވޯޓުފޮށިތައް ގުނަމުންދާ ކަމުގެ ދޮގު މައުލޫމާތު ލިބިގެން ކަމަށް ޝަރިފް ވިދާޅުވި އެވެ. އަދި މީހުން އިންތިހާބީ މަރުކަޒަށް ގިނަވާން ފެށުމުން މިއަދު 18 ވޯޓު ފޮށި ބަލަނީ އެއީ އާންމުނާއި ޕާޓީތަކުން ހުށަހަޅި ޝަކުވާއަށް ނޫން ކަމަށް ބުނެ ކޮމިޝަނުން އެމީހުންނަށް އެކަން ވިސްނުވައި ދިނުމަށް މަސައްކަތް ކުރި ކަަމަށް ޝަރީފު ވިދާޅުވި އެވެ.

މަޖިލީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެ ސަރަހައްދަށް ވަޑައިގެންނެވީ އިދިކޮޅު ލީޑާޝިޕްގެ ވެރިން އެ މަރުކަޒަށް ވަނުމަށް ފަހު 30 މިނިޓުވީއިރު ވެސް ނުނިކުންނެވުމުން ކަމަށެވެ.

ޝަރިފް ވިދާޅުވީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދުމަށް އެއްވެސް ޕާޓީއަކާ އަދި އެއްވެސް ބޭފުޅަކާ އެކު މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ.

"އެމްޑީޕީގެ ފަރާތުން ބަޔަކު އައިސްގެން ބައްދަލުކޮށްފައި ނުވާނެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބަޔަކު އައިސްގެން ނަތިޖާއަށް އަސަރުކުރާ ފަަދަ މަޝްވަރާއެއްކޮށްފައި ނުވާނެ،"ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މަރުކަޒަށް ކޮމިޝަންގެ މެމްބަރުން ވަޑައިގެންނެވި އިރު އެތެރޭގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝީޕް ބޭފުޅުން ވެސް ތިއްބެވި ކަމަށާއި އެވަގުތު އެ ސަރަހައްދަށް ގިނައިން އެއްވެފައި ތިބީ އެބޭފުޅުންގެ ސަޕޯޓަރުން ކަމުން އެ އެ އިސްބޭފުޅުން މެދުވެރިކޮށް އަލުން ބަލަނީ ޝަކުވާ ހުށަހެޅި ވޯޓު ފޮށިތައް ނޫންކަމަށް ބުނެ އެ މެސެޖް ސަޕޯޓަރުންނަށް ދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އިންތިހާބުގެ ނަތިޖާއަށް ނުފޫޒު ފޯރުުވުމަށް މަރުކަޒު ތެރޭ ސިޔާސީ މީހުންނާ މަޝްވަރާކުރަމުންދާ ވާހަކަ ދައްކާފައި ވާތީ އެކަމުގެ ކަންބޮޑުވުން ޝަރީފް ފާޅުކުރެއްވި އެވެ.

"ހަގީގަތަކީ ދެ ފަރާތުން ދެއްކެވި ވާހަކައަކީ ހަގީހަތާ ހިލާފު ވާހަކައެއް." ޝަރީފު ވިދާޅުވި އެވެ.

comment ކޮމެންޓް