ޕީޕީއެމްގެ އިހުތިޖާޖުގެ މެދަށް ނަޝީދަށް ވަޑައިގެންނެވުމުން ހޫނުވެއްޖެ

މިއަދު ބާ ޖަމާލުއްދީނަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދުގައި އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ ފަޔާޒު މޫސާ

ބާ ޖަމާލުއްދީނުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން އުޅޭތީ އިދިކޮޅު ޕީޕީއެމްއިން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަމުން ދަނިކޮށް އެތަނަށް އެމްޑީޕީގެ ރައީށް މުހައްމަދު ނަޝީދު ވަޑައިގަތުމުން އިތުރަށް ހޫނުވެއްޖެއެވެ.

ނަތީޖާ ކަށަވަރު ކުރުމަށް މިއަދު 1:30ގައި ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނަން އޮތީ ނިންމާފަ އެވެ. އެކަން ކުރަން ހަމަޖެހިފައި އޮތީ ބާ ޖަމާލުއްދީނުގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުގެ ރީރެޖިސްޓްރީ ހޯލުގަ އެވެ.

މިއަދު ބާ ޖަމާލުއްދީނަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދުގައި އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ ފަޔާޒު މޫސާ

ނަތީޖާ ކަށަވަރުކުރުމަށް 18 ވޯޓުފޮއްޓެއް އަލުން ގުނުމަށް ނިންމުމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ސަޕޯޓަރުން ތިބީ އެ ސަރަހައްދަށް އެއްވެ ނުރުހުން ފާޅުކުރާށެވެ. އެ ސަރަހައްދު އިތުރަށް ހޫނުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެތަނަށް ވަޑައިގަތުމުންނެވެ.

އިދިކޮޅުގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދާ ދިމާލަށް އެއްޗެހި ކިޔައި އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.

އެ ސަރަހައްދު ހޫނުވުމުން މާ ގިނަ އިރުތަކެއް މަޑުނުކުރައްވައި ރައީސް ނަޝީދު އެތަން ދޫކުރައްވައި ވަޑައިގަތެވެ.

ރައީސް ނަޝީދު އެތަނުން ނުކުމެވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އެތަނަށް ވަޑައިގަތީ ހެންވޭރު ދެކުނު ދާއިރާގެ ފޮށި ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގަނެ، 30 މިނެޓު ވީއިރުވެސް ނުނުކުންނެވުމުން ކަމަށެވެ.

"އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީގެ އިދާރާއަށް ވަދެވިގެން ނުވާނެ. އަޅުގަނޑު ހުރީ ބޭރުގަ،" ނަޝީދު ވިދާޅުވި އެވެ.

މިއަދު ބާ ޖަމާލުއްދީނަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދުގައި އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ ފަޔާޒު މޫސާ

އެ ސަރަހައްދުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރަން ފުލުހުން ހަރަކާތްތެރިވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައި އޮތީ 1:30 ގައި 18 ވޯޓުފޮއްޓެއް އަލުން ގުނަނީ ގުޅުން ހުރި ކެންޑިޑޭޓުންގެ ހާޒިރުގައި ކަމަށެވެ.

"މިއީ ވަގުތީ ނަތީޖާ ކަށަވަރު ކުރުމަށް ގުނާ ފޮށިތަކެއް،" އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް