ސަރުކާރުން ކައުންސިލް އިންތިހާބުގެ ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާއަށް ނުފޫޒުފޯރަވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ދީފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުން އިންތިހާބުގެ ނަތީޖާއަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ.
"ވޯޓުން ވައްކަން ކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުން" އަދި ނަތީޖާ ބަދަލުކުރުމަށް "ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވުމަށް" ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ހީނާ ގޮވާލެއްވި އެވެ.
"މިކަންކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް، އެއީ މިފަދަ މައްސަލަތަކެއް ކޯޓަށް ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ވެސް މިދަނީ ތައްޔާރުވަމުން،" އެ މައްސަލަތައް ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދެއްވަމުން ހިނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ، ޕީޕީއެމްއަށް ކުޑަ ފަރަގުން ކާމިޔާބުވެފައި ހުރި ފޮށިތަކަށް ނޫފޫޒު ފޯރުވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަންކަން އިދިކޮޅު ކޯލިޝަނުން މިހާރު ބަލަމުންދާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އާންމުންގެ އެފަދަ ޝަކުވާއެއް އޮތް އެކަން ޕީޕީއެމްއަށް ހުށަހެޅުމަށް ވެސް ހީނާ އެދިވަޑައިގެންނެވި އެވެ. އަދި ޝަކުވާތައް ލިބެމުންދާ ވަރަކަށް އެކަންކަން އީސީއަށް ހުށަހަޅަމުންދާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ބައެއް ފޮށިތަކުގެ ނަތީޖާ ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެއީ ކޮން ފޮށިތަކެއް ކަމެއް ހިނާ ވިދާޅެއް ނުވެ އެވެ.
ހިނާ ވިދާޅުވީ، ސަރުކާރުން މީގެ ކުރިންވެފައިވާ ވައުދުތައް ފުއްދިފައި ނުވުމުގެ ސަބަބުން އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމަށް ސަރުކާރުން އިހްތިރާމް ކުރުމަށް ހީނާ އެދިވަޑައިގެންނެވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީން ކައިރިއަށް ރޭ ޕީޕިއެމްގެ މެމްބަރުން ވަނީ އެއްވެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕީޕީއެމްގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރީ، އެ މަރުކަޒުގައި އެއްވެސް ސަލާމަތީ ފިޔަވަޅެއް ނެތި ވޯޓު ފޮށިތައް ބެހެއްޓިފައިވާތީ އެވެ.
ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ވަނީ މުހިންމު ގިނަ ދާއިރާތަކުގެ ގޮނޑިތައް ކާމިޔާކޮށްފަ އެވެ.