ޗައިނާ ޑިވެލޮޕްމެންޓް ބޭންކުން ލަންކާއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

ސްރީލަންކާ-- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (އޭޕްރިލް 12): ޗައިނާ ޑިވެލޮޕްމެންޓް ބޭންކުން ސްރީލަންކާއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދޭން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗައިނާގައި ހުންނަ ލަންކާގެ އެމްބަސީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ 500 މިލިއަން ޑޮލަރަކީ މީގެ ކުރިން ޗައިނާ ޑިވެލޮޕްމެންޓް ބޭންކުން ލަންކާއަށް ދޭން އެއްބަސްވެފައިވާ އެއް ބިލިއަން ޑޮލަރުގެ ބަޔެކެވެ. އަދި އޭގެ ތެރެއިން 500 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މާޗް މަހު ވަނީ ދީފަ އެވެ.

އެ އެއްބަސްވުމުގައި ލަންކާގެ ފަރާތުން ސޮއި ކުރެއްވި ސަފީރު ޑރ. ޕަލިތާ ކޮހޯނާ ވިދާޅުވި ގޮތުގައި، އެގައުމަށް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި އިގުތިސާދު ކުރިއެރުވުމަށް އެ ލޯނުގެ ސަބަބުން މަގުފަހިވާނެ އެވެ. އަދި އެގައުމުގައި އިންވެސްޓާ ކޮންފިޑެންސް އިތުރުވެ، ލަންކާގެ ފައިސާގެ އަގު މަތިވާނެ ކަމަށް ވެސް ކޮހޯނާ ލަފާ ކުރެއްވި އެވެ.

ލަންކާގެ ޓްރެޝަރީ ސެކްރެޓަރީ އެސް އާރު އަޓިގަލް ވިދާޅުވި ގޮތުގައި އެ 500 މިލިއަން ޑޮލަރު މި މަސް ތެރޭ ޗައިނާއިން ދޭނެ އެވެ. އަދި އެ ލޯން އަނބުރާ ދައްކަން 10 އަހަރުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ލަންކާއިން އެ ލޯން ނަގާފައި ވަނީ އެގައުމުގެ ފޮރިން އެކްސްޗޭންޖް ރިޒާވް 4.05 ބިލިއަން ޑޮލަރަށް ވެއްޓުނު ފަހުންނެވެ. އެއީ 2008 ވަނަ އަހަރުގެ މާލީ ކާރިސާއަށް ފަހު އެގައުމުގެ ފޮރިން އެކްސްޗޭންޖް ރިޒާވް އެހާ ވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް