ޕާޓީއަކަށް ނުބަލާނަން، ހުރިހާ ކައުންސިލަކަށް ވެސް ބާރު ދޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އަލަށް އިންތިހާބުވާ ކައުންސިލްތަކުގައި ސަރުކާރަށާއި އެމްޑީޕީއަށް އޮތް އަގުލަބިއްޔަތަށް ނުބައްލަވާނެ ކަމަށާއި، ހުރިހާ ކައުންސިލަކަށް ވެސް ގާނޫނުން ލިބިދީފައިވާ ބާރުތަކާއި، އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ނިމުނު ކައުންސިލް އިންތިހާބުގައި، މާލެ ސިޓީގެ މޭޔަރުކަމާއި ކައުންސިލްގެ މެޖޯރިޓީ ނެގީ އިދިކޮޅު ޕީޕީއެމްއިންނެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް ބައެއް އަތޮޅުތަކުން، އެ ޕާޓީގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ.

އެއާއެކު، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުން، ކައުންސިލްތަކަށް ދޭން ލާޒިމުކުރާ ބޮޑެތި ބާރުތައް ދޫކޮށްލާފާނެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވުރެއް ކަމަށާއި، ކައުންސިލްތަކަށް ބާރު ދެއްވާނެ ކަމަށެވެ. އަދި އެކަމުގައި ޕާޓީއަށް ނުބައްލަވާނެ ކަމަށެވެ.

"އޭގެ ދަށުން ކައުންސިލްތަކަށް ދޭންޖެހޭ އެއްބާރުލުމާއި، ބާރުވެރިކަން މި ސަރުކާރުން ދޭނެ. އެ އަދި ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މެމްބަރުން ކައުންސިލްގައި ތިއްބެވި ނަމަވެސް. އަދި ކޮންމެ ޕާޓީއަކަށް އަގުލަބިއްޔަތު އޮތް ކަމަށް ވީނަމަވެސް، އެއަށް އަޅުގަނޑުމެން ނުބަލާނަން. އަޅުގަނޑުމެން ބަލާނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އެކަން ކުރެވެން އޮތް ގޮތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުން ވެސް އެކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. ޕްރޮޖެކްޓުތައް ހިންގުމުގައި އެއީ އެމްޑީޕީއަށް ނުވަތަ ޕީޕީއެމް އަށް ތާއީދުކުރާ ރަށެއްތޯ ނުބައްލަވާ ކަމަށާއި މަސައްކަތް ކުރަނީ ކޮންމެ ރަށެއްގައި ވެސް ހުރި ކަންކަން ދެނެގަނެ، އެކަންތައްތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމަށެވެ.

"ހަމަ އެގޮތުން މާލެ ސިޓީގެ ވެސް މެޖޯރިޓީ އެމްޑީޕީއަށް ނެތް ނަމަވެސް، އަދި ސަރުކާރުގަ ނެތް ނަމަވެސް، އެޔަކަށް އަޅުނޑުމެން ނުބަލާނަން. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައްތައް، ގާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރުމުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމެއް، އެއްބާރުލުމެއް، ސަރުކާރުން ދޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ހަތަރު ސިޓީއަށް އަލަށް އިންތިހާބުވި ހަތަރު މޭޔަރުންނަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައިފަ އެވެ. އަދި ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

comment ކޮމެންޓް