ފެރީ ނިޒާމަށް ބޭނުންވާ ފެރީ ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އަށް

ފެރީ ނިޒާމަށް ބޭނުންވާ ފެރީ ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އަށް - ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހަލުވި ފެރީ ނިޒާމަށް ބޭނުންވާ ފެރީ ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލު ކޮށްފިއެވެ.

އެ މަޝްރޫއުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ހިދުމަތަށް ބޭނުންވާ ސްޕީޑް ފެރީ ބަނުމަށް ގަލްފް ކްރާފްޓާ ހަވާލުކޮށް، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ހުސައިން އަލްޝާލީއެވެ.

މި އެއްބަސްވުމުގެ ދަށުން، 17 ސްޕީޑް ފެރީ ބަންނާނެ އެވެ.

ގަލްފް ކްރާފްޓް މޯލްޑިވްސް އަކީ މި ފަންނުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ކުންފުންޏެވެ. އެ ކުންފުންޏާ ހަވާލުކޮށްގެން ބަންނަ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ، 30 ނޮޓް ގެ ބާރުމިނު ގައި ދުވާ ފެރީތަކެކެވެ. އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މި ފެރީތަކުގެ ސްޕީޑް ތިން ގުނަ އަވަސް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފެރީތައް ބަނުމުގައި އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ގޮތަށް ކަމަށާއި އެގޮތުން ފެރީގެ ސީޓާއި، ފަސިންޖަރުންގެ ކެބިން ފަރުމާކުރަނީ އެފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ގާއިމްކުރާއިރު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން، ޓާމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެގޮތުން ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށި، އެހެން ޓާމިނަލް ތަކާއި ފެރީ ސްޓޮޕް ތަކުގެ
މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު އެ މަޝްރޫއުގެ ދަށުން، ބަންނަ ސްޕީޑް ފެރީގެ ހިދުމަތް މިއަހަރުގެ
ނޮވެމްބަރުމަހު ފެށުމަށް ބޭނުންވާ ފަންނީ މުއައްޒަފުން ހޯދަން މި މަހު އިއުލާނު ކުރާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށެވެ.

comment ކޮމެންޓް