ލިބުނު ހަނި ފުރުސަތުގައި ގިނަ ބަޔަކު ފުރަފުރައިގެން ރަށްތަކަށް

ރަށްރަށް މީހުން ދާން ފުރަނީ ---

ވެރިރަށް މި މާލޭގައި ގިނަ ބަޔަކު ރަށު ބަންދެއްގައި ތިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މާލެއިން ފުރައިގެން ރަށްރަށަށް ދާން ބޭނުންވާނަމަ، ކަރަންޓީންވެ އެތައް ކަމެއް ކުރަން ޖެހެ އެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެޗްޕީއޭއިން ވަނީ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށްތަކަށް ކަރަންޓީނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދީފަ އެވެ.

މިއަދު ހެނދުނު 7:00 އިން ފެށިގެން ކައުންސިލް އިންތިހާބުގެ ވޯޓުލާން ފަށާފައިވާއިރު، މިއަދު ހެނދުނުން ފެށިގެން އެމްއެމްއޭ ކައިރީ ޖެޓީ ސަރަހައްދުން މާލެ ކައިރީ ބައެއް ރަށްތަކަށް އޮޑިތައް ދަނީ ފުރަމުންނެވެ.

ގިނަ މީހުން ފޮށި ތަންމަތީގައި އެ ސަރަހައްދަށް ވަނީ ޖަމާވެފަ އެވެ. "ސަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ އެ މީހުން ރަށަށް ދަނީ ވޯޓުލުމަށް ރަށަށް ދާން ލިބޭ ފުރުސަތުގަ އެވެ.

"ސިޔާސީ ޕާޓީން ދަތުރު ހަމަޖައްސައި ދިނީ. އެހެންވެ، ގިނަ ބަޔަކު މިހާރު މި ތައްޔާރު ވަނީ ވޯޓުލާން ރަށަށް ދާން،" ކ. ކާށިދުއަށް ފުރަން އޮތް ލޯންޗަށް އެރުމަށް ހުރި މީހެއް ބުންޏެވެ.

"ސަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔަ އިރު ހަތް ވަރަކަށް ލޯންޗު އޮތެވެ. ބައެއް ލޯންޗުތައް ފުރަނީ ރ. އަތޮޅުގެ ރަށްތަކާއި މާލެ އަތޮޅުގެ ރަށްތަކަށް އަދި ބ. އަތޮޅުގެ ރަށްތަކަށެވެ.

ކަރަންޓީނާ ނުލާ ދަތުރު ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ ހަމައެކަނި ވޯޓުލާން ދާ މީހާއަށެވެ. އެހެން ނަމަވެސް އެ ސަރައްހަދުގައި ވޯޓު ނުލެވޭ އުމުރުގައި ތިބި ކުޑަ ކުދިންވެސް ލޯންޗުތަކަށް އަރަމުން ދިޔަ މަންޒަރު ފެނުނެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، އެ އެންގުމާއެކު ރަށަށް ދާ މީހުން މޮނީޓާ ކުރާނީ އެރަށެއްގެ ކައުންސިލްތަކުން ކަމަށެވެ.

އެޗްޕީއޭގެ އެންގުމުގައިވާ ގޮތުން ވޯޓުލުމަށްފަހު، ގިނަ ވެގެން 48 ގަޑިއިރު ތެރޭ އެނބުރު އެމީހަކު ދަތުރު ފެށި މަންޒިލަށް އަންނަ ޖެހެ އެވެ. އަދި ހާއްސަ ގައިޑްލައިނަށްވެސް އަމަލު ކުރަން ޖެހެ އެވެ.

ވޯޓުލާން ރަށްރަށް ދާ މީހުން އަމަލު ކުރަން ޖެހޭ ކަންކަން:

  • ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
  • މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
  • ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ
    އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
  • ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.

ހަލުވިކަމާއެކު ވެރިރަށް މާލޭގައި އަދިވެސް ކޮވިޑް ދަނީ ފެތުރެމުންނެވެ. އިއްޔެ ވެސް 50 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މި މާލެއިން ކޮވިޑް ނެތް ރަށްތަކަށް މީހުން ފުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރަން ޖެހެ އެވެ. އެހެން ނޫނީ އިތުރު ގިނަ ރަށްތަކަށް ކޮވިޑް ފެތުރުމުގެ ބިރު ވަރަށް ބޮޑެވެ. އެކަމަށް ކަމާބެހޭ ފަރާތްތަކުންވެސް އަދި ރައްޔިތުންވެސް ސަމާލުވާން ޖެހެ އެވެ.

މިހާތަނަށް 25،400އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 22،276 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާރު ބަލި ޖެހި ރަނގަޅު ނުވެ ތިބި މީހުންގެ އަދަދު ހުރީ 3،000އިން މަތީގަ އެވެ. އޭގެ ތެރެއިން 82 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މިހާތަނަަށް ކޮވިޑް ޖެހިގެން 67 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް