ވޯޓުލާ މަރުކަޒުތައް ފަޅަށް، އެންމެ މަދުން ވޯޓުލާ ފަހަރަށް ވެދާނެ!

އަރަބިއްޔާ ސްކޫލުގެ ވޯޓުފޮށިތަކަށް އަދި ތަރުހީބެއް ނެތް. ގޮނޑިބަރިތައް ހުރީ ހުހަށް -- ސަން ފޮޓޯ

ކޮވިޑް-19އާ ހެދި މިފަހަރުގެ އިންތިހާބުގައި ވޯޓުލާނެ މީހުން މަދުވާނެ ކަމަށް ކުރިންވެސް ލަފާ ކުރެވުނެވެ. އެކަމަކު، މިހާތަނަށް ވޯޓުލާން ނުކުމެފައިވާ މީހުންގެ އަދަދަށް ބަލާއިރު، އަދި މަންޒަރު ފެންނަ ގޮތަށް ބަލާއިރު ވޯޓަށް އޮތް ތަރުހީބު ކުރިން ހީކުރި ވަރަށްވުރެވެސް މަދެވެ.

"ސަން"ގެ ނޫސްވެރިން ދިޔަ ވޯޓުލާ މަރުކަޒުތަކުގައިވެސް ދިގު ކިއުތަކެއް ނެތެވެ. ކުރިން ހަލަބޮލި މަރުކަޒުތަކުގެ ބޭރުގައިވެސް މާ ގިނަ މީހުންްނެއް ނޫޅެ އެވެ.

އިންތިހާބު ދުވަސްތަކުގައި ކުރިން އެންމެ ބާރު ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އަމީނިއްޔާ، އަރަބިއްޔާ، އިސްކަންދަރު ގިޔާސުއްދީން އަދި ކަލާފާނުގެ ކިއުތައްވެސް ކުރެވެ. ގޮނޑި ބަރިތައް ހުހަށެވެ.

މާލޭގައި ހުރި ބައެއް ރަށްރަށުގެ ވޯޓުފޮށިތަކުގައި 100 ވޯޓުވެސް ހަމަ ނުވާ ކަމަށް އެ ފޮށިތަކުގެ ކައިރީގައި ތިބި އޮބްޒާވަރުން ބުނެފައިވެ އެވެ. ނަމަވެސް، މާލޭގެ ފޮށިތަކަށް ތަރުހީބު އެބަ އޮތެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުގެ ކަންބޮޑުވުމަކަށްވެސް ވީ މިއަދު ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވުމެވެ. އިންތިހާބާ ގުޅޭ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، ބެލެވެނީ ވޯޓުލާން ނުކުންނާނީ ވޯޓު ލެވޭ އާބާދީގެ 40 ޕަސެންޓެވެ.

ޝަރީފް ވިދާޅުވީ މިއަދުގެ 10:45 ހާއިރު ވޯޓުލީ 17 ޕަސެންޓު މީހުން ކަމަށެވެ. އެގޮތުން 44،026 މީހުން އެހާތަނަށް ވޯޓުލާފައިވާ ކަމަށް ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 273،182 މީހުންނަށެވެ.

ހަވީރު އަތަށް އަޅާއިރު ވޯޓުލާން ނިކުންނަ މީހުން އިތުރުވެދާނެ ކަމަށް ޝަރީފު ލަފާ ކުރެއްވި އެވެ. ޕާޓީތަކުގެ އޮފިޝަލުންގެ ލަފާކުރުމަކީ ވެސްއެ އެވެ.

ދެހާސްސަތާރަ ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓުލީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 66 ޕަސެންޓެވެ. އަދި 2014ގެ އިންތިހާބުގައި ވޯޓުލީ 64.5 ޕަސެންޓު މީހުން ވޯޓުލި އިރު 2011ގައި ވޯޓުލީ ހައްގު ލިބިގެންވާ މީހުންގެ 72 ޕަސެންޓެވެ.

އެހެންކަމުން، މިފަހަރު 40 ޕަސެންޓު މީހުން ވޯޓުލައިފި ނަމަ މިފަހަރުގެ އިންތިހާބު ވާނީ ރާއްޖޭގެ ތާރީހުގައި އެންމެ މަދުުން ވޯޓުލި އިންތިހާބަށެވެ.

މިއަދު އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 7:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓުލާ ގަޑި ބަންދު ކުރާނީ މިއަދު ހަވީރު 6:00ގައި ކަމަށެވެ.

comment ކޮމެންޓް