ރައީސް ޔާމީން ވޯޓުލުމަށް ރަޖިސްޓްރީ ނުކުރައްވާ

ރައީސް ޔާމީން: ވޯޓުލުމަށް އެމަނިކުފާނު ރަޖިސްޓްރީ ނުކުރައްވާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މިވަގުތު މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރާ ކަން "ސަން"އަށް ކަށަވަރުވެއްޖެ އެވެ.

"ސަން" އިން ބެލި ބެލުމުން ޖަލުގެ ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓުގައި އެމަނިކުފާނުުގެ ނަމެއް ނެތެވެ.

މއ. ކާމިނީ ހުޅުގަނގުގޭ ރަޖިސްޓްރީގައި އޮންނަ ރައީސް ޔާމީންގެ ވޯޓުލާން އޮތީ މައްޗަންގޮޅި އެއް ނަމްބަރު ވޯޓު ފޮށީގައި ކަމަށް އިލެކްޝަންސްގެ ރެކޯޑުތަކުން ދައްކަ އެވެ.

އިންތިހާބަށް ދެ ދުވަސްވެފައި ވަނިކޮށް ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މެދުވެރިކުރައްވައި ރައީސް ޔާމީން ވަނީ ސިޓީއަކުން ސަޕޯޓަރުންނަށް އަސަރުގަދަ މެސެޖެއް ދެއްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ޖަލުގައި އޭނާއަށް މިހާރު ދެމުން ދަނީ "ހަގީގީ އަނިޔާ ކަމަށާއި ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށެވެ. އަދި ކުޑަ ގޮޅީގައި އެމަނިކުފާނު ފޮރުވައިގެން ގެންގުޅޭނީ ޕީޕީއެމްގެ ފިކުރު ދެކެ ވާދަވެރި ފަރާތްތަކުން ބިރު ގަންނާތީ ކަމަށް ވިދާޅުވެފައި ވެއެވެ.

މިފަހަރު އިންތިހާބުގައި ރައީސް ޔާމީން ވޯޓު ނުލައްވާނެ ކަން ޔަގީންވިއިރު، އެ ސިޓީގައި އިންތިހާބުގައި ޕީޕިއެމް ސަޕޯޓަރުން ކުރައްވާ މަސައްކަތައްވެސް ޝުކުރު އަދާ ކުރެއްވި އެވެ. އަދި އެ އިންތިހާބުގައި ކާމިޔާބު މެދުވެރިކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީން އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެއްވީ ކީއްވެ ކަމެއް އަދި ސާފެއް ނޫނެވެ.

https://sun.mv/150988

comment ކޮމެންޓް