ވޯޓުލާ މަރުކަޒުތަކުގެ ބޭރުން "ނުރައްކާ" މަންޒަރުތަކެއް!

ވޯޓްލާ މަރުކަޒެއްގެ ބޭރުގެ މީހުން ތޮއްޖެހިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑުގެ ބަލިމަޑުކަމުގެ ބިރާ އެކު އެތައް ފަހަރަކު ފަސްކުރުމަށް ފަހު ލޯކަލް ކައުންސިލް އިންތިހާބު 2020ގެ ވޯޓުލުން މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށްދަނީ އެޗްޕީއޭގެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު އެވެ. ވޯޓު މަރުކަޒުތަކަށް ވަނުމުގެ ކުރިން ހުން ބަލައި އަތް ސެނިޓައިޒް ކުރުވައި ކިޔޫގައި މީހުން ބައިތިއްބަނީ ވެސް ތިން ފޫޓު ދުރުގަ އެވެ. އެހެން ނަމަވެސް ވޯޓު ފޮށިތަކާ ތަންކޮޅެއް ދުރަށް ވޯޓު މަރުކަޒުތަކުގެ ބޭރަށް ޖެހިލާއިރު ފެންނަނީ ދިމާއިދިކޮޅު މަންޒަރެކެވެ.

ގިނަ ދާއިރާތަކެއްގެ މީހުން ވޯޓުލާން ޖަމާވާ އިސްކަންދަރު ސުކޫލާއި ސީއެޗްއެސްއީ ހިމެނޭ ސަރަހައްދުގައި ގިނަ މީހުން ގައިގޯޅިވެ މަސްހުނިވެ ތިބީ އޮލަ ވާހަކައިގަ އެވެ. ބައެއް މީހުންގެ މާސްކެއް ވެސް ނެތެވެ. އަނެއް ބަޔަކު ކޮފީ ބޮއި، ސިނގިރޭޓް ބޮއި ވޭޕްވެސް ބޮނީ އެވެ. ހިތަށް އެރި އެވެ؛ ކޮވިޑް ފިލާ ބިރު ފިލީ ހެއްޔެވެ؟

އެކަމަކު އަދިވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 100 އިން މަތީގަ އެވެ. އޭގެ ތެރެއިންވެސް ގިނައީ މާލެ ސިޓީން ޕޮޒިޓިވްވާ މީހުންނެވެ.

އެކަމަކު މަރުކަޒުތަކުގެ ބޭރުން ފެނުނު މަންޒަރަކީ ވޯޓުލުމަށްފަހު، ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި މަޑުކުރާތަނެވެ. ބައެއް މީހުންނަށް ހީވަނީ ވޯޓު މަރުކަޒުތަކުގެ ބޭރަކީ ފިނި މައިޒާނެއްހެންނެވެ. ބައެއް މީހުން ހީ ސަކަރާތް ޖަހައި، އެކަކު އަނެކަކުގެ ކޮނޑަށް އަތްލައިގެން ތިބި މަންޒަރުވެސް ފެނުނެވެ. ދެން ފެނުނީ އަދި މާ ކަންބޮޑުވާ މަންޒަރެކެވެ. މަދުން ނަމަވެސް ބައެއް މީހުން ތިބީ މާސްކު އެޅުން ވެސް ހަނދާން ނައްތާލައިފަ އެވެ. މާސްކު އެޅިއަސް އެތައް ބަޔަކު ނޭފަތް ނިވާ ނުކުރެ އެވެ. އަނެއް ބައެއްގެ މާސްކު ފައިބައިގެން ގޮސް އޮތީ ދަތް ދޮޅީގަ އެވެ. އެ މާސްކުގެ އެއްވެސް ބޭނުމެއް ނެތެވެ.

މިއީ ނުރައްކާތެރި ރަގަބީލެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކޭސްތައް ފެނުނުމުގެ ބިރު މިކަމުން އޮންނާނެ އެވެ. ބަލިމަޑުކަމެއް ތެރޭ ތިބިކަން ދިވެހިން އެންމެ ހިނދުކޮޅަކަށްވެސް ހަދާން ނައްތާލައިގެން ނުވާނެ އެވެ.

ކުރިއަށް އޮތީ ރޯދަ މަހެވެ. މިދިޔަ ރޯދަ މަސް ވެސް ދިވެހިން ހޭދަ ކުރީ ބަލި ކޮންޓްރޯލް ކުރުމަށް އޭރު އެޅި ހަރުކަށި ފިޔަޅުތަކުގެ ސަބަބުން ތުރާލާ އުދަނގުލުގަ އެވެ. ކޭސްތައް މަތަ ކުރަން އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށިކޮށްފި ނަމަ، މި ރޯދަ މަސްވެސް އެ އުދަނގޫ ޖެހިދާނެ އެވެ. އެއީ ދިވެހިން ބޭނުން ވާނެ ގޮތެއް ނޫން ކަން ކަށަވަރެވެ.

ވޯޓްލާ މަރުކަޒުތަކުގެ ބޭރުގައި މީހުން ޖަމާވެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަން މިދިޔަ ފެބްރުއަރީ މަހު ފެށި ނަމަވެސް އަދިވެސް ގިނަ ބަޔަކު ތިބީ ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހަ އެވެ. ދެވަނަ ޑޯޒް ފުރިހަމަ ނުކޮށް، އޭގެ އެންމެ ފުރިހަމަ ފައިދާ ނުވާނެ އެވެ.

މަރުކަޒުގެ ބޭރުގައި ގިނަ މީހުން އެއްވެފައި ތިބި އިރު، އެ ސަރަހައްދުން މީހުން ފޮނުވާލުމަށް ކަމާ ބެހޭ ފަރާތްތަކުން މާބޮޑު މަސައްކަތެއް ނުކުރެ އެވެ. އެކަމަކު މި ފެންނަ މަންޒަރުތަކުން ކަންބޮޑުވުން ވަރަށް ބޮޑެވެ. ކުރިއަށް އޮތްތަނުގައި ބަލީގެ ހާލަތު ބޮޑުވުމުގެ ނުރައްކާ އުދަރެހުން އެބަ ފެނެ އެވެ.

comment ކޮމެންޓް