ފަތުރުވެރިކަން ރަނގަޅުވެ މިދިޔަ މަހު ޑޮލަރު އާމްދަނީ އަށް 63 މިލިއަން

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ހުސްވި މާޗު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 63.73 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ހިސާބުތައް ދައްކައިފި އެވެ.

މިއީ ފެބްރުަރީ މަހު ޑޮލަރުން ލިބުނު 41.7 މިލިއަން ޑޮލަރާ އަޅާބަލާއިުރ 26.5 ޕަސެންޓު އިތުރު އަދަދެކެވެ.

މީރާ އިން އާންމުކުރި ހިސާބުތައް ދައްކާގޮތުން މިިދޔަ މަހު ޖުމްލަ އާމްދަނީ އަށް 1.33 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރޭ ޑޮލަރުން ލިބުނު 63.73 މިލިއަން ލިބުނު ކަމަށްވެސް އެ އިދާރާ އިން ބުންޏެވެ.

މީރާގެ ހިސާބުތައް ދައްކާގޮތުން ޑޮލަރު އާމްދަނީގެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓޫރިޒަމް ސިނާއަތުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ޓީޖީއެސްޓީ އިންނެވެ. ޑޮލަރު އާމްދަނީގެެ 49.9 ޕަސެންޓަކީ ޓީޖީއެސްޓީ އާމްދަނީ އެވެ. ޓީޖީއެސްޓީ އަށް 31.8 މިލިއަން ޑޮލަރު ލިބުނެވެ.

ޑޮލަރު އާމްދަނީގެ 34.4 ޕަސެންޓަކީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 21.9 މިލިއަން ޑޮލަރު ލިބުނެވެ.

މީރާ އިން ބުނީ މާޗު މަހު ލިބުު އާމްދަނީ ރަނގަޅު ވެފައި ވަނީ ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން މިދިޔަ 2020 ވަނަ އަހަރު ރިސޯޓު ކުލި ފަސްކޮށްދީފައިވާ ކަމަށާއި އެހެންކަމުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ޓޫރިޒަމް ލޭންޑް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ރަނގަޅުވެފައިވާ ކަމަށް މީރާ އިން ބުންޏެވެ.

ޑޮލަރު އާމްދަނީގައި މައިގަނޑުގޮތެއްގައި ދެން ހިއްސާ ކުރަނީ ގްރީން ޓެކުހުން ލިބުނު 4.5 މިލިއަން ޑޮލަރާއި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނު ދެ މިލިއަން ޑޮލަރު އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ލިބުނު 2.1 މިލިއަން ޑޮލަރެވެ.

މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އަކީ ލަފާކުރި ވަރަށްވުރެ 28،4 ޕަސެންޓު އިތުރު އާމްދަނީ އެއް ކަމަށެވެ. އެގޮތުން ރިސޯޓުތަކުން ޓީޖީއެސްޓީގެ ގޮތުގައި އެ މުއްދަތުގައި ދެއްކި އަދަދަކީ ލަފާކުރި ވަރަށްވުރެ އިތުރު އަދަދެއް ކަމަށް މީރާ އިން ބުންޏެވެ.

comment ކޮމެންޓް