61،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަން ނުދޭނެ

ސަން ފޮޓޯ: ފަޔާޒު މޫސާ

މަހަކަށް ލިބޭ ޖުމްލަ އަމްދަނީ 61،000 ރުފިޔާ އަށްވުރެ އިތުރު ނަމަ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއްގައި ބައިވެރި ނުވެވޭނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ ޝަރުތު ހަމަވާކަންކަން އިއްޔެ އާންމުކޮށްފައެވެ.

އެގޮތުން ޝަރުތު ހަމަވާ ކަމަށް ބަލާނެ ކަންތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައި ވުމާއި އުމުރުން 18 އަހަރު ފުރިފައިވުން އަދި މާލޭގެ ރަށްވެއްސަކަށްވުން ހިމެނެއެވެ. މާލޭގެ ރަށްވެއްސެއް ކަމަށް ބަލާނީ މާލޭގެ ރެޖިސްޓްރީގައި އޮންނަތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

މީގެ އިތުރުން އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލެ ސިޓީ އިން، ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން 600 އަކަ ފޫޓަށްވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި އޮވެގެންނުވާނެ ކަމަށް ބުނެފައި ވެއެވެ.

މި އެޕްލިކޭޝަންގެ ދަށުން އެވޯޑު ކުރެވޭ ހައުސިން ޔުނިޓު ލިބޭ ފަރާތަކުން މާލެ ސިޓީގައި ޕްރައިވެޓް ރިއަލް އެސްޓޭޓް ހައުސިން ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަންފަށާނަމަ، އެ މަޝްރޫއުގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދައުލަތަށް އަނބުރާ ނެގޭނެ ކަމަށް ބުނެފައި ވެއެވެ.

މައި އެޕްލިކަންޓް ގޮތުގައި ހިމެނޭފަރާތަކީ މިދިޔަ ތިން އަހަރު ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް ވިއްކާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކްސް ދޭނެ އުސޫލުވެސް ވަނީ އާންމުކޮށްފަ އެވެ.

އާއިލާގެ ކުޑަ ބޮޑުމިނަށް 25 މާކްސް ދޭއިރު، ގެދޮރުވެރިކަމަށް 25 މާކްސް، އަދި މިހާރުގެ ދިރިއުޅުމުގެ ހާލަތަށް 50 މާކްސް ދޭނެ އެވެ.

މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ މެއި މަހުގެ ތެރޭ ހައުސިން މަޝްރޫއުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ. ކުރިއަށް ހުރި ހައުސިން ޕްރޮޖެކްޓުތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގެ ރައްޔިތުންގެ ހައުސިން ނީޑް އެސެސްމެންޓުން ފާހަގަވި، މިވަގުތަށް ބޯހިޔާވަހިކަން ބޭނުންވާ 5،600 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް