ތިކިތާނަ ބަހުސުގެ ޕޯޑިޔަމުން އަޅުގަނޑުގެ ރައުޔު 1

ފަތްތޫރަތަކެއް-- އެކެޑަމީއިން ވަނީ އެޕްލިކޭޝަނެއް ހަދަން ނިންމާފައި--

1.ތައާރަފާއި ތަމްހީދު

ނަވާރަސަތޭކަ ފަންސާސް ހަތް ވަނަ އަހަރުގެ މާރިޗު މަހުގެ 16 ވަނަ ދުވަހު ވުޒާރަތުލް މަޢާރިފުން އިއުލާނެއް ނެރުއްވިއެވެ. އެ އިއުލާނުގެ ވަސީލަތުން އާއްމު ކުރެއްވީ، ދިވެހި ބަހުން ތާނަ އަކުރުން ލިޔާ ލިޔުންތަކުގައި ބޭނުން ކުރެވޭ ޢަރަބި ލަފުޒުތައް އެ ލަފުޒުތަކުގެ އަސްލު ޢަރަބި އަޑުތައް ނުގެއްލޭ ގޮތަށް ލިޔުމުގެ (transliteration) ހަމަތަކެކެވެ. މި މަޒުމޫނުގައި އަޅުގަނޑު ވާހަކަ ދައްކައިފައި ވާނީ އެ ހަމަތައް ނުވަތަ އުސޫލުތަކުގެ ދަށުން، ޢަރަބި އަޑުތައް ތާނައިން ލިޔުމަށް ޓަކައި އަލަށް އުފެއްދުނު އަކުރުތަކާއި، އެ އަކުރުތަކަށް ދިވެހި ބަހުގެ އިމްލާއިއްޔަތު (orthography) ގައި އޮންނާން ވީ މަގާމާއި ހައިސިއްޔަތަކީ ކޮބައިކަމާއި، މިހާރަކަށް އައިސް ބައެއް ބެއިފުޅުން އެ އަކުރުތައް އުވައިލާން ޖެހޭ ކަމަށް ވިދާޅުވެ ދައްކަވަމުން ގެންދަވާ ވާހަކަތަކާއި، އެ ވާހަކަތަކާ މެދު އަޅުގަނޑު ދެކޭ ގޮތާއި، އެ އަކުރުތައް ރައްކައުތެރި ކޮށް ދެމެހެއްޓުމުގެ މުހިއްމުކަމާ މެދުގައެވެ.

ވުޒާރަތުލް މަޢާރިފުން އެކަށައެޅުއްވި ހަމަތަކުގައި، ޢަރަބި ކޮންމެ އަޑެއް ވެސް ތާނައިން ލިޔުމުގައި ބޭނުން ކުރާން ވީ ކޮން އަކުރެއްކަން ކަނޑައަޅުއްވައި ބަޔާން ކުރައްވައިފައި އޮތެވެ. ތިރީގައި ވާ ތާވަލު 1.1 އިން ތިޔަ ފެނިވަޑައިގަންނަވަނީ ވުޒާރާއިން ޢަރަބި ކޮންމެ އަޑަކަށް ތާނަ އަކުރެއް ކަނޑައެޅުއްވި ގޮތެވެ. ތާވަލުގެ ހަތަރުވަނަ ކޮލަމުގައި، ޢަރަބި ކޮންމެ އަޑަކަށް ވެސް ކަނޑައެޅުނީ މުސްކުޅި ތާނައިގެ އަކުރެއްތޯ – ޔަޢުނީ، ކުރީއްސުރެ ބޭނުން ކުރަމުން އައި ތާނަ އަކުރުތަކުގެ ތެރެއިން އަކުރެއްތޯ – ނުވަތަ އެ އަޑެއް ރަމްޒު ކުރުމަށް ޓަކައި ވުޒާރަތުލް މަޢާރިފުގެ ފަންނީ ތަޖުރިބާކާރުން އުފައްދަވައި ދިވެހި އިމްލާއިއްޔަތަށް އިތުރު ކުރެއްވި އަކުރުތަކުގެ ތެރެއިން އަކުރެއްތޯ ބަޔާން ކުރެވިފައި ވާނެއެވެ. ފަސްވަނަ ކޮލަމުގައި އެވަނީ ޢަރަބި އަޑު ރަމްޒު ކޮށްދޭ ބައިނަލްއަގުވާމީ އަޑަވީ އަލިފުބާ (International Phonetic Alphabet (IPA)) ގެ ނިޝާނެވެ.

ތާވަލު 1.1

ތާވަލަށް ބައްލަވައިލެއްވުމުން އެނގިވަޑައިގަންނަވާނޭ ފަދައިން، ޢަރަބި އަޑުތަކުގެ ތެރެއިން އެގާރަ އަޑަކަށް ވުޒާރާއިން ކަނޑައަޅުއްވައިފައި ހުރީ މުސްކުޅި ތާނައިގެ އަކުރުތަކެއް ނޫނެވެ. އެ އަޑުތަކަކީ /ث/ އާއި، /ح/ އާއި، /خ/ އާއި، /ذ/ އާއި، /ص/ އާއި، /ض/ އާއި، /ط/ އާއި، /ظ/ އާއި، /ع/ އާއި، /غ/ އާއި، /ق/ އެވެ. މިއިން ކޮންމެ އަޑަކަށް ވެސް ވުޒާރާގެ ފަންނީ ތަޖުރިބާކާރުން ވަނީ ތާނައިގެ މުސްކުޅި އަކުރުތަކުގެ ތެރެއިން އަކުރެއްގެ މަތީގައި ނުވަތަ ތިރީގައި ވަކި އުސޫލަކުން ނުކުތާ ނުވަތަ ތިކި (diacritical marks/diacritical points) ޖައްސަވައިގެން، އައު ރަމްޒެއް ނުވަތަ އަކުރެއް އުފައްދަވައިފައެވެ. މި އަޑުތަކަށް އައު އަކުރުތަކެއް އުފެއްދެވީ ކީއްވެގެންކަން ވިސްނައިގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. މި އެގާރަ އަޑަކީ ދިވެހި ބަހުގައި ހިމެނުނު އަޑުތަކެއް ނޫނެވެ. އެހެންކަމުން އެއިން އެއްވެސް އަޑެއް ރަމްޒު ކޮށްދޭނޭ އަކުރެއް 1957 ވަނަ އަހަރާ ހަމަޔަށް އައި އިރު ދިވެހި އިމްލާއިއްޔަތުގައެއް ނެތެވެ. އެ އަޑުތައް ދިވެހި ލިޔުމުން ލިޔެވޭނޭ ހަމައެކަނި ގޮތަކީ އެ އަޑުތަކަށް އައު ރަމްޒުތަކެއް ނުވަތަ އަކުރުތަކެއް އުފެއްދުމެވެ. އެހެންކަމުން، ވުޒާރާގެ ފަންނީ ބެއިފުޅުން އެ އަޑުތަކަށް ޚާއްސަ އަކުރުތަކެއް އުފެއްދެވީއެވެ.

އެ އަޑުތަކަކަށް ޓަކައި ޚާއްސަ އަކުރުތަކެއް ތައާރަފު ކުރެވުނު އެގާރަ އަޑު ފިޔަވައި ޢަރަބި އެހެން އަޑުތަކަކީ، އެ އަޑުތަކާ މުޅީން، ނުވަތަ ގާތްގަނޑަކަށް މުޅީން، ނުވަތަ ވަރަށް ބޮޑަށް އެއްގޮތް، އަޑުތަކެއް ދިވެހި ބަހުގައި ހުރި އަޑުތަކެވެ. ތާނައިގައި ކުރީއްސުރެ ހުރި އަކުރުތަކުގެ ބޭނުން ކޮށްގެން އެ އަޑުތައް ލިޔެވޭނޭ އަޑުތަކެވެ. މިސާލަކަށް، ޢަރަބި ބަހުގެ /م/ އާއި ދިވެހި ބަހުގެ /މ/ އަކީ އެއް އަޑެކެވެ. ވީމާ ޢަރަބި ލަފުޒެއްގައި އޮންނަ /م/ ތާނައިން ލިޔުމަށް ޓަކައި ތާނައިގެ [މ] ބޭނުން ކުރުމަކުން އެއްވެސް މައްސަލައެއް ނުނުކުމެއެވެ. އެ އަޑު ތާނައިން ލިޔުމަށް ޓަކައި އައު އަކުރެއް ނުވަތަ އައު ރަމްޒެއް އުފައްދާކަށެއް ނުޖެހެއެވެ.

ދިވެހި ބަހުގެ އިލްމިއްޔާގެ ވަރަށް ހަރުދަނާ ބައެއް ބެއިބެއިފުޅުންގެ ނަޒަރުގައި، މި ގޮތުގެ މަތީން އުފެއްދުނު އެގާރަ އަކުރަކީ ދިވެހި އަލިފުބާގެ އަކުރުތަކުގެ ތެރެޔަށް އިތުރު ވެގެން ދިޔަ އަކުރުތަކެކެވެ. މި ނުކުތާއާ މެދު އަޅުގަނޑުގެ ވިސްނުމަކީ ކޮބައިކަން އަރިމަތީ ސުރުޚީ ނަންބަރު 3 ގެ ދަށުން ލިޔެވިފައި ވާ ބަޔާނުގައި ދެންނެވިފައި ވާނެއެވެ.

1957 ވަނަ އަހަރު ވުޒާރަތުލް މަޢާރިފުން ތައާރަފު ކުރެއްވި އެގާރަ އަކުރުގެ ބޭރުން ވެސް، ދިވެހި ލިޔާން ގެންގުޅޭ ތާނަ އަކުރުތަކުގެ ތެރޭގައި ތިކި ޖެހި އަކުރުތަކެއް ހުރެއެވެ. އެ އަކުރުތަކާ ބެހޭގޮތުން، އަދި ވުޒާރާގެ ނިންމެވުމާ ގުޅޭގޮތުން މި ހިސާބުން އަޅުގަނޑު ފާހަގަ ކޮށްލާން ބޭނުން ވާ ބައެއް ކަންކަން މި ދަންނަވަނީއެވެ.

1. ތިކި ނުވަތަ ނުކުތާ ޖަހައިފައި ހުންނަ ތާނަ އަކުރުތަކުގެ ތެރެއިން ދެ އަކުރެއް ތައާރަފު ކުރެވުނީ 1957 ގެ ކުރީންނެވެ. އެއީ [ޕ] އާއި [ޝ] އެވެ. 1957 އާ ހަމަޔަށް އައި އިރު ދިވެހި ބަހުގެ ލިޔުންތަކުގައި މި ދެ އަކުރު ބޭނުން ކުރެވެމުން ދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. މި ދެ އަކުރު ތައާރަފު ކުރެވުނީ ކޮން އިރަކު ކިހިނެއް ވެގެންތޯ، މި ސުވާލާ މެދު މި މަޒުމޫނުގައި ވާހަކަ ދައްކާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. އެ ސުވާލަކީ މި މަޒުމޫނުގެ މައުޟޫޢާ ސީދާ ގޮތެއްގައި ގުޅުން ހުރި ސުވާލަކަށް ނުވާތީއެވެ.

2. ވުޒާރަތުލް މަޢާރިފުން 1957 ޢަރަބި އަޑުތައް ތާނައިން ލިޔުމަށް ބޭނުން ކުރާނޭ އައު އަކުރުތަކެއް ތައާރަފު ކުރެއްވި އިރު، ޢަރަބި /ر/ އާއި /و/ މި ދެ އަޑަށް ވަކި އައު އަކުރުތަކެއް ނުހައްދަވައެވެ. މި އަޑުތައް ދިވެހި ލިޔުމުގައި ލިޔާ ގޮތަށް ހަމަޖެއްސެވީ މުސްކުޅި ތާނައިގެ [ރ] އާއި [ވ] މި ދެ އަކުރުންނެވެ. އެއީ ކޮން ސަބަބަކާ ހުރެތޯ ސުވާލު އުފެއްދިދާނެއެވެ. އެހެނީ، ހަގީގަތުގައި މި ދެންނެވި ޢަރަބި ދެ އަޑު ތާނައިގެ [ރ] އާއި [ވ] މި ދެ އަކުރަކުން ފުރިހަމަޔަކަށް ޓްރާންޒްލިޓަރޭޓެއް ނުކުރެވެއެވެ. ތާނައިގެ [ރ] މި އަކުރުން ރަމްޒު ކުރާ ދިވެހި /ރ/ އާއި ޢަރަބި ބަހުގެ /ر/ އަކީ އެއްގޮތްކަމެއް ހުއްޓަސް ތަފާތު ދެ އަޑެކެވެ. ދިވެހި /ރ/ ގެ އަޑު ޢަރަބި /ر/ ގެ އަޑަށް ވުރެ ލުޔެވެ. ދިވެހި /ވ/ އަކީ އަޑުމަޚްރަޖުގެ އިލްމު (phonetics) ގެ ހަމަތައް ބުނާ ގޮތުން ޢަރަބި /و/ އާ އެއް އަޑެއް ނޫނެވެ. އިވޭ އިވުމުގައި މި ދެ އަޑުގައި އެއްގޮތްކަމެއް ހުއްޓަސް، މި ދެ އަޑަކީ ތަފާތު ދެ މަޚްރަޖު ވަޅަކުން (place of articulation) އަދާ ކުރެވޭ ތަފާތު ދެ އަޑެވެ. ޢަރަބި /و/ އަކީ އިނގިރޭސި /w/ ފަދައިން [bilabial] އަޑެކެވެ. އަޅުގަނޑުމެންގެ /ވ/ އަކީ އިނގިރޭސި /v/ ފަދައިން [labiodental] އަޑެކެވެ.

3. 1977 ވަނަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ތިކި ޖެހި އިތުރު ދެ އަކުރު ތައާރަފު ކުރެއްވިއެވެ. އެއީ [ވ] ގެ މަތީގައި ތިއްކެއް ޖަހައިގެން އުފެއްދުނު [ޥ] އާއި، [ރ] ގެ މަތީގައި ތިއްކެއް ޖަހައިގެން އުފެއްދުނު [ޜ] އެވެ. [ޥ] އަކީ ޢަރަބި /و/ އަދި އިނގިރޭސި /w/ ގެ އަޑު ރަމްޒު ކުރާ އަކުރެކެވެ. [ޜ] އިން ރަމްޒު ކުރަނީ ޢަރަބި ބަހުގެ އަޑެއް ވެސް ނޫނެވެ. އިނގިރޭސި ބަހުގައި [division] އާއި [television] ފަދަ ލަފުޒުތަކުގައި [vi] އާއި [n] އާ ދެމެދުގައި އެ އޮންނަ [sio] މި ޓްރައިގްރާފުން ނެރެވޭ އަޑެވެ.

4. މިއަދާ ހަމަޔަށް ވެސް، ޢަރަބި ބަހުގެ /ر/ މި އަޑު ލިޔުމަށް ޓަކައި ވަކި ޚާއްސަ ރަމްޒެއް ތާނަ އިމްލާއިއްޔަތުގެ ތެރޭގައި ގެނެވިފައެއް ނުވެއެވެ.

5. މިއަދު، ތާނަ އަކުރުތަކުގެ ތެރޭގައި ތިކި ނުވަތަ ނުކުތާ ޖެހި ޖުމުލަ 15 އަކުރު އެބައޮތެވެ. އެއީ [ޕ] އާއި [ޝ] އާއި، 1957 ގައި ވުޒާރަތުލް މަޢާރިފުން ތައާރަފު ކުރެއްވި 11 އަކުރާއި، 1977 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައާރަފު ކުރެއްވި 2 އަކުރެވެ. ނަމަވެސް، މި މަޒުމޫނުގައި އަޅުގަނޑު [ތިކި ޖެހި ތާނަ] އަދި [ތިކިތާނަ] މި ނަންތައް ބޭނުން ކޮށްފައި ވާނީ، އެހެން ގޮތަކަށް ސަރީހަކޮށް މާނަ ކުރެވޭ ފަދަ އިބާރާތެއް ބޭނުން ކޮށްފައި ނުވާ ހާލަތުތަކުގައި، [ޕ] ފިޔަވައި އަނެއް 14 އަކުރަށް ނިސްބަތް ކޮށެވެ. އެއީ، މި މަޒުމޫނުގައި އެ އަކުރުތަކުގެ ވާހަކަ ދެކެވެމުން ދާ ސިޔާގުގެ ގޮތުންނެވެ. [ޕ] އަކީ އެ އަކުރަކާ މެދު ސުވާލު އުފެދިގެން އުޅޭ ނުވަތަ ބަހުސް ކުރެވެމުންދާ އަކުރަކަށް ނުވާތީއެވެ.

ވުޒާރަތުލް މަޢާރިފުގެ އިއުލާނުން އެނގޭ ފަދައިން، ޢަރަބި އަޑުތައް ތާނައިން ލިޔުމަށް ޓަކައި ތިކި ޖަހައިގެން އަކުރުތަކެއް ހެދުމާއި އެ އަކުރުތައް ބޭނުން ކުރުމާ ބެހޭ އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތް ކުރެއްވީ ޚާއްސަ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަތީ އެއިރު ރާއްޖޭގައި ތިއްބެވި ދިވެހި ބަހާއި އަދަބިއްޔާތުގެ އެންމެ ފުންނާބު އުސް އަދި އެންމެ އިހުތިރާމު ކުރެވޭ ތަޖުރިބާކާރުން ކުރެ ބައެއް ބެއިފުޅުންނެވެ. އެ ބެއިބެއިފުޅުންގެ ތުރާސެއް އަޅުގަނޑުމެންގެ ތެރޭގައި އޮތިއްޔާ، އެ ތުރާސަކަށް އިހުތިރާމު ކުރުން އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް އަޚްލާގީ ވާޖިބަކަށް ވާ ފަދަ ބެއިފުޅުންނެވެ. އެކަމަކު އިހުތިރާމު ކިތަންމެ ހައްގު ބަޔަކަށް ވެސް އިހުތިރާމު ކުރާނީ އިހުތިރާމު ކުރާން ދަންނަ މީހުން، އެހެން ނޫންތޯއެވެ! ކޮމިޓީގެ ބެއިފުޅުންގެ ނަންފުޅުތައް ތިރީގައި އެވަނީއެވެ.

1. ފަޟީލަތުއް ޝައިޚް މުޙައްމަދު ޖަމީލު ދީދީ

2. ސާހިބުއްސައާދާ އަލްފާޟިލް ޢަދްނާނު ޙުސައިން

3. އައްނަބީލާ އައިމިނަތު ޙުސައިން

4. އަލްފާޟިލް ޢަލީ އަޙްމަދު

5. އަލްއުސްތާޒު އިބްރާހީމް ޝިހާބު

6. އަލްފާޟިލް އާދަމް ނަޞީރު މަނިކު

7. އަލްފާޟިލް މުޙައްމަދު ޢަބްދުއްލަޠީފް

8. އަލްފާޟިލް ޢަބްދުﷲ ޙަމީދު

ވުޒާރަތުލް މަޢާރިފުގެ އިއުލާނުގައި، ޢަރަބި އަޑުތައް ތާނައިން ލިޔުމަށް ޓަކައި ތައާރަފު ކުރެއްވި އެގާރަ އަކުރަށް ވަކި ޚާއްސަ ނަމެއް ދެއްވައިފައެއް ނުވެއެވެ. ރަސްމީ ސިފައެއްގައި އެ އަކުރުތަކަށް ނަމެއް ދެވިފައި ނުވިޔަސް، ފަހުން އެ އަކުރުތައް މަޝްހޫރު ވެގެން ދިޔައީ [ތިކި ތެޅި ތާނަ] އާއި [ތިކި ޖެހި ތާނަ] މި ނަންތަކުންނެވެ. 1957 ގެ ކުރީން އުފެއްދުނު [ޝ] އާއި، ފަހުގެ ދައުރެއްގައި އުފެއްދުނު [ޥ] އާއި [ޜ] ވެސް ދިވެހި އިމްލާއިއްޔާތުގައި ލެވެނީ އެ އަކުރުތަކުގެ އާއިލާއަށެވެ. މި އަކުރުތަކަށް [ތިކި ތެޅި ތާނަ] އާއި [ތިކި ޖެހި ތާނަ] މި ނަންތައް ކިޔުނީ ކިހިނެއް ކަން ޔަގީންކަމާ އެކު ދަންނަވާން އެނގޭ ވަރަށް ކަމާ ބެހޭ މައުލޫމާތު އަޅުގަނޑަކަށް ލިބިފައެއް ނުވެއެވެ. ފަޟީލަތުއް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވި ތިކިތެޅި ތާނަތޯ؟ ނުވަތަ ތިކިޖެހި ތާނަތޯ؟ މި ކަރުދާހުގައި (މި ކަރުދާހާ ބެހޭ އިތުރު މައުލޫމާތު ފަހުން ބަޔާން ކުރެވިފައި ވާނެއެވެ) ވިދާޅުވާ ގޮތުން، މި ނަމަކީ 1957 ގައި ވުޒާރާގެ ފަރާތުން ތިކި ޖެހި ތާނަ އަކުރުތަކެއް ތައާރަފު ކުރައްވާން ކުރެއްވެވި މަސައްކަތާ ދެކޮޅު ހައްދަވައި، ޢަރަބި ހުރިހައި ލަފުޒުތަކެއް އަދި ނަންތަކެއް ވެސް ދިވެހި ލިޔުންތަކުގައި ހަމަ ޢަރަބި އަކުރުން ލިޔުމުގެ އާދަ ދެމެހެއްޓުމަށް ތާއީދު ކުރެއްވި ދިވެހި އަދީބަކު ވަރަށް ބޮޑަށް ރުހިވަޑައިނުގެން އެ އަކުރުތަކާ މެދު ދެއްކެވި ވާހަކަފުޅުތަކަކުން ނެގުނު ނަމެކެވެ. މިހާރު ވެސް ދިވެހި ބަހުގެ އެންމެ އިސް އަދީބުންނާއި ބަސްވާރުންގެ ތެރޭގައި ގުނައިލެވޭ ބައެއް ބެއިފުޅުން އެ ނަމާ މެދު އިއުތިރާޒު ކުރައްވައެވެ. އެފަދަ އެއް ބެއިފުޅަކީ ދިވެހި ދައުލަތަށް ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުންނާއި، ވަޒީރެއްގެ ހައިސިއްޔަތުންނާއި، އެހެނިހެން އެތައް ހައިސިއްޔަތުތަކަކުން ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، އަދި އަޅުގަނޑުމެންގެ އެންމެ ފުންނާބު އުސް ބަސްވާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނެވެ. އެމަނިކުފާނު އަޅުގަނޑުގެ ގާތުގައި ވިދާޅުވި ބަސްފުޅަކީ "ތިކި ޖެހި ތާނަ ކިޔާ އެއްޗެއް ނޯންނާނެ، ތިކި ޖެހި ތާނައޭ އެ ކިޔާ އަކުރުތަކަކީ ހަމަ ތާނައިގެ އަކުރުތަކުގެ ތެރެޔަށް އިތުރު ކުރެވުނު، ތާނަ އަކުރުތަކެއް" މިއެވެ. އަނެއް ބެއިފުޅަކީ، ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2016 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރެއްވި ކުޅަދާނަ ޝާއިރު، ލިޔުންތެރިޔާ، އަދި ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ފަޚުރުވެރި އަދި ޝަރަފުވެރި ޚިދުމަތްތަކެއް ކުރެއްވި އިއްޒަތްތެރި ބެއިފުޅެއް ކަމަށް ވާ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނެވެ. އާދެ، އަޅުގަނޑުމެން އެންމެން އާއްމުކޮށް ކިޔާ ގޮތަށް ދަންނަވަނީވިއްޔާ، އުތީމު އާދަންބެއެވެ. އަޅުގަނޑު މިކަމާ ގުޅޭގޮތުން ދެންނެވި އެއްޗެއްގައި [ތިކި ޖެހި ތާނަ] އާއި [ތިކިތާނަ] މި ދެ ގޮތަށް ބޭނުން ކުރުމުން، ޖަވާބުގައި އާދަންބެ ވިދާޅުވެފައި ވާ ބަސްފުޅުތަކަކީ މިއެވެ. " ... ތިޔަ ވިދާޅުވާ ނަން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. "ތިކިތާނަ" ނުވަތަ "ތިކިޖެހިތާނަ" މިއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތެއް ނޫނެވެ. އަޅުގަނޑު ދަންނަވާނީ ތާނައިގެ އަކުރުތަކުގެ ތެރޭގައި ހިމެނޭ ތިކި ނުވަތަ ނުކުތާ ޖެހި އަކުރުތައް ކަމަށެވެ."

ޢަބްދުއްރަޝީދު ޙުސައިނާއި އާދަންބެ ފަދަ ބެއިފުޅުން [ތިކި ޖެހި ތާނަ] އާއި [ތިކިތާނަ] މި ފަދަ ނަންތަކާ މެދު އިއުތިރާޒު ކުރެއްވުމުން، ދެން އެ ނަންތައް ބޭނުން ކުރުމަށް އަޅުގަނޑު ލަދުވެތި ވަމެވެ. އެކަން އަޅުގަނޑުގެ ޒަމީރަށް ވަނީ ބޮޑު ބުރަޔަކަށެވެ. ނަމަވެސް، އެ ދެ ބެއިފުޅުންނާއި، ދެން ވެސް އަޅުގަނޑާ ވާހަކަ ދެއްކެވި އިރު މި ނަމާ މެދު ރުހިވަޑައިނުގަތުން ފައުޅު ކުރެއްވި އެހެން ބައެއް އިސް އަދީބުންނާއި އަޅުގަނޑުގެ ގާތް އަޚުންގެ އަރިޔަހުން ނުހަނު އިޚްލާސްތެރި ގޮތެއްގައި މައާފަށް އެދުމާ އެކު، މި މަޒުމޫނުގައި އަޅުގަނޑު ބޭނުން ކުރާނީ [ތިކިތާނަ] މި ނަމެވެ. އެކިއެކި ސަބަބުތަކާ ހުރެ މި ވަގުތު އެހެން ގޮތެއް ފެންނާން ނެތަތީއެވެ. ފުރަތަމަ ސަބަބަކީ، ކޮންމެވެސް ނަމަކުން އެ އަކުރުތަކަށް ނަން ދީގެން، އެ އަކުރުތަކާއި ތާނައިގެ އެހެން އަކުރުތަކަށް ވަކިވަކީން އިޝާރާތް ކުރެވޭނޭ މަގުން މެނުވީ، މި މައުޟޫޢުގައި ވާހަކަ ދެއްކުން ފަސޭހަ ނުވުމެވެ. ދެވަނަ ސަބަބަކީ [ތިކިތާނަ] މިއީ އާއްމުކޮށް ބޭނުން ކުރާ ނަމަކަށް ނުވުމާ އެކު، [ތިކި ޖެހި ތާނަ] އާއި [ތިކި ތެޅި ތާނަ] ފަދަ ނަންތަކާ އެކު ވެފައި ވާ ނައްސި ރަހަ [ތިކިތާނަ] މި ގޮތުގައި ނޯންނާނޭ ކަމަށް ފެނުމެވެ. ތިންވަނަ ސަބަބަކީ، މި ގޮތަކީ ކުރު އަދި އެއް ލަފުޒެއްގެ ގޮތުގައި ބޭނުން ކުރެވިދާނޭ ގޮތަކަށް ވުމެވެ. ހަތަރުވަނަ ސަބަބަކީ، ކޮންމެ ކަހަލަ ސަބަބަކާ ހުރެ ނަމަވެސް، މިއަދާ ހަމަޔަށް ބޭނުން ކުރެވެމުން އަންނަ ގޮތަކީ، އަދި ދިވެހި ބަހުގެ އަހުލުވެރީން އެ އަކުރުތަކެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކާ އަކުރުތައް ދަންނަ ގޮތަކީ [ތިކި ޖެހި/ތިކި ތެޅި ތާނަ] ކަމަށް ވާތީ، އެ ނަމާ މާ ދުރަށް ގޮސް މުޅީން ތަފާތު ގޮތެއް އިޚްތިޔާރު ކުރުމަކީ މި ދަނޑިވަޅުގައި އަޅުގަނޑު ދައްކާން އުޅޭ ވާހަކަޔާ ކިޔުންތެރީންގެ ސިކުނޑިތަކާ ދެމެދުގައި އެޅޭ ހުރަހަކަށް ވެދާނޭކަމެވެ.

ދިވެހި އިމްލާއިއްޔަތުގައި ޢަރަބި އަޑުތައް ލިޔާން ބޭނުން ކުރެވޭނޭ އަކުރުތަކެއް ތައާރަފު ކުރުމުގެ ފަހަތުގައި ވި ސިޔާސަތީ ސަބަބުތަކާއި ވިސްނުންތަކަކީ (policy reasons and considerations) ކޮބައިތޯ މި ސުވާލަށް ރަސްމީ ރިކޯޑަކުން ޖަވާބެއް ފެންނާން އޮތް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު ބެލިބެލުމަކުން އެފަދަ ރިކޯޑެއް ނުފެނުނެވެ. ތިކިތާނަ އަކުރުތައް އުފެއްދުމުގެ ޚިޔާލު އުފެދިގެން އައި ގޮތާ މެދު ހ. ޝަފީގުގޭ އަލްމަރްޙޫމް އަޙްމަދު ޝަފީގު، ދިވެހިރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިޔާ، ނޫސްވެރިޔާ، އަދި އާފަތިސް ނޫހުގެ އެޑިޓަރު އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހީމްގެ އަރިޔަހުގައި ވިދާޅުވެފައި ވާ ވާހަކައެއް، 2 އޭޕްރިލް 2021 ގައި ފޯނުގެ ޒަރީއާއިން ދެކެވުނު ވާހަކައެއްގެ ތެރޭގައި ނަޢީމް އަޅުގަނޑާ ހިއްސާ ކުރެއްވިއެވެ.

ޝަފީޤުގެ ބަހުގައި، 1957 ވަނަ އަހަރާ ހަމަޔަށް އައި އިރު، ދިވެހި ލިޔުންތަކުގައި ޢަރަބި ނަންތަކާއި ޢަރަބި ލަފުޒުތައް ސީދާ ޢަރަބި އަކުރުތަކުން ލިޔުމާ މެދަކު ދިވެހީންގެ މެދުގައި އެއްވެސް ކަހަލަ ޚިޔާލުތަފާތުވުމެއް ނެތެވެ. ނަމަވެސް އެހައި ހިސާބުން އެކަމާ މެދު ޚިޔާލުތަފާތުވުންތަކަކާއި ބަހުސްތަކެއް ފެށޭ ގޮތް ވިއެވެ. އެންމެ ފުރަތަމަ ޖެހުނު މައްސަލައަކީ، ދިވެހި ލިޔުންތަކުގައި ޢަރަބި ނަންތައް ޢަރަބި އަކުރުން ލިޔާ އިރު، ލިޔާ ކާތިބުން ދިވެހި ގޮތްގޮތަށް އެ ނަންތަކުގައި ފިލި ޖެހުމާއި، އަދި ބައެއް ދިވެހި ނަންތައް ވެސް ޢަރަބި އަކުރުތަކުން ލިޔާ މައްސަލައެވެ. މިސާލަކަށް، [އޭނާގެ ނަމަކީ މުޙައްމަދެވެ] މިފަދަ ޖުމުލަތައް ލިޔާ އިރު، [މުޙައްމަދު] މި ނަން ޢަރަބި އަކުރުން ލިޔުމުގައި ނަމުގެ ފަހަތުގައި އޮންނަ [د] ގައި ދިވެހި އެބެފިލި ޖަހައި އޭގެ ފަހަތަށް [ވެ] ލިޔެގެން ލިޔުމެވެ. [މަނިކު] އާއި [ފުޅު] ފަދަ ދިވެހި ނަންތައް ޢަރަބި އަކުރުން [مَنِكُ] އާއި [فُضُ] މި ގޮތްގޮތަށް ލިޔުމެވެ. މިއީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނޭ ކަމެއް ނޫން ކަމަށް އެއިރުގެ އިލްމީ އިސް ބެއިބެއިފުޅުންނަށް ފެނިވަޑައިގެން، އެކަމާ މެދު ބަސް ވިދާޅުވާން ފެއްޓެވިއެވެ. ދެން ފެށުނު ބަހުސުގައި، ހުއްދަ ނޫން ގޮތްގޮތަށް ޢަރަބި އަކުރުން ލިޔުމުގެ މައްސަލަޔަށް ހުށައެޅުނު އެއް ހައްލަކީ ޢަރަބި ނަންތަކާއި ލަފުޒުތައް ވެސް ދިވެހި އަކުރުން ލިޔުމުގެ ހުށައެޅުމެވެ. ދެން، އެފަދަ އަކުރުތަކެއް ހުރުމުގެ އެހެނިހެން ފައިދާތަކާ މެދު ވެސް ވާހަކަ ދެކެވި، އެންމެ ފަހުން އަކުރުތަކެއް އުފެއްދުނީއެވެ.

އިލަސްޓްރޭޝަން 1.1: މި އިލަސްޓްރޭޝަނުން ތިޔަ ފެނިވަޑައިގަންނަވަނީ ތިކިތާނަ ތައާރަފު ކުރެވުނުކަން އަންގަވައި ވުޒާރަތުލް މައާރިފުން ކުރެއްވި އިއުލާނެވެ. (މަސްދަރު: ތާރީޚީ އާރު)

އިލަސްޓްރޭޝަން 1.1: މި އިލަސްޓްރޭޝަނުން ތިޔަ ފެނިވަޑައިގަންނަވަނީ

ތިކިތާނަ ތައާރަފު ކުރެވުނުކަން އަންގަވައި ވުޒާރަތުލް މަޢާރިފުން ކުރެއްވި އިއުލާނެވެ. (މަސްދަރު: ތާރީޚީ އާރު)

މި ދެންނެވި ގޮތުގެ މަތީން އެއިރު ކުރެވުނު ބަހުސްތަކުގެ ރިކޯޑުތަކެއް ފެންނާން ނެތަސް، ޢަރަބި އަޑުތައް އެ އަޑުތަކުގެ އަސްލު ނުގެއްލޭނޭ ފަދަޔަކުން ދިވެހި ލިޔުމުން ލިޔުމަށް ބޭނުން ކުރެވޭނޭ އަކުރުތަކެއްގެ އަހައްމިއްޔަތު އެއިރުގެ ދިވެހީންނަށް ފެންނާނޭ ގޮތާއި ސަބަބުތައް ތަސައްވުރު ކޮށްލުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެކި ބެއިފުޅުންގެ ޚިޔާލުފުޅަށް އެކިއެކި ކަންކަން ފެންނާނޭ ކަމަށް ދެކެމެވެ. އަޅުގަނޑުގެ ޚިޔާލާއި ވިސްނުމަށް ފެންނަ ދެތިން ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ.

1. ޔޫސުފް ޝަމްސުއްދީން އައްތަބްރޭޒީގެ އަތްޕުޅުމައްޗަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އިސްލާމް ވީއްސުރެ މިއަދާ ހަމަޔަށް ވެސް އިސްލާމް ދީނަކީ ދިވެހީންގެ އެންމެ އަޒީޒު "ލޯބިވެރިޔާ" އެވެ. ދިވެހީންނަށް އެންމެ މުހިއްމު ކަމެވެ. އެންމެ މުހިއްމު އެއްޗެވެ. ދިވެހީންގެ ގައުމުގެ އެންމެ މުހިއްމު އަދި އެންމެ މަތީ މަސްލަހަތެވެ. އެހެންކަމުން އިސްލާމް ދީނާ ގުޅި ލާމެހިފައި ވި ކޮންމެ އެއްޗަކަށް ލޯބި ކުރުމަކީ ދިވެހީންގެ ތަބީއަތަކަށް އޮތީ ވެފައެވެ. ޢަރަބި ބަސް ދެކެ ދިވެހީން ވި ލޯބީގެ ސަބަބަކީ އެއީ އިސްލާމް ދީނުގެ ބަސް ކަމަށް ވުމެވެ. ދިވެހީންގެ ކަލާނގެ ކަލާމްފުޅު އޮންނަނީ އެ ބަހުން ކަމަށް ވުމެވެ. ދިވެހީން އެންމެ ލޯބި ވާ އިންސާނާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅަކީ އެއީ ކަމަށް ވުމެވެ. އާދޭހެވެ! ޢަރަބި ބަހަކީ އިނގިރޭސި ބަސް ނުވަތަ ތަމަޅަ ބަސް ނުވަތަ ސުވާހިލީ ބަސް ފަދައިން ހަމަ އާދައިގެ ބިދޭސީ ބަހެއް ކަމަށް މިއަދު ބައެއް ދިވެހީންގެ ލޯތަކަށް ފެނުނަސް، އިސްލާމީ ޣީރަތާއި ޝަޚްސިއްޔަތު ހުރި އެކަކު ވެސް – އެ މީހަކީ މެލޭ އާރކިޕެލަގޯ އަށް ނިސްބަތް ވާ މެލޭ މީހަކަށް ވިޔަސް، ސަބް-ކޮންޓިނެންޓަށް ނިސްބަތް ވާ އުރްދޫ ބަހުގެ އަހުލުވެރިޔަކަށް ވިޔަސް، އީރާނަށް އުފަން ފާރިސީއަކަށް ވިޔަސް، ތުރުކީއަކަށް ނުވަތަ އެފްރިކާ މީހަކަށް ވިޔަސް – އެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. ތެދުވެރި އަދި ފިކުރީ ގޮތުން ހެއިލުންތެރި މުސްލިމުންގެ ގާތުގައި ޢަރަބި ބަސް އަބަދުވެސް އޮންނަނީ އަދި އޮންނާނީ ބަހަކަށް ވުރެ ބޮޑު އަދި މާނަވެރި އެއްޗެއްގެ ގޮތުގައެވެ. ރޫހާނީ ހައިސިއްޔަތެއް ލިބިގެން ވާ، ލޯބި ކުރެވޭ އެއްޗެއްގެ ގޮތުގައެވެ. ދުނިޔޭގެ އެހެން މުސްލިމުން ފަދައިން ދިވެހީން ވެސް މި ވީހައި ދުވަހަކު ޢަރަބި ބަހާ މެދު ބެލީ އެ ގޮތަށެވެ. މި ވާހަކަ ނަފީ ކުރާން ބަހަވިއްޔާތުގެ އިލްމާއި ސައެންސުގެ ބަހުރުވައިން އެކަކު ވެސް ވާހަކަ ފަށާނޭ ކަމެއް ނެތެވެ. މިއީ ބަހަވިއްޔާތުގެ އިލްމަކާ ބެހޭ ކަމެއް ނޫނެވެ. ޢަރަބި ބަހަށް މުސްލިމުންގެ ހިތުގައި އޮންނަ ޚާއްސަ މަގާމާއި، މުސްލިމުން ކުރެ ޢަރަބި ނޫން ބަސްބަހުން މޮށިއުޅޭ ގައުމުތަކުގެ އަހުލުވެރީންގެ ބަސްތަކާ ޢަރަބި ބަހާ އޮންނަ ޚާއްސަ ގުޅުމަކީ މުސްލިމުންގެ ޝަޚްސިއްޔަތާއި ސަގާފަތާއި ފިކުރާއި ޖަޒުބާތުތަކާ ގުޅޭ މައްސަލައެކެވެ. މި ކަންތައްތަކަކީ ބަހަވިއްޔާތުގެ އުސޫލުތަކާއި ސައެންސަށް ވުރެ ވަކި ހަގީގީވަންތަކަން ކުޑަ ކަންތައްތަކެއް ނޫނެވެ. މި ގޮތުގެ މަތީން، ދިވެހި އިސްލާމީ އުއްމަތާއި ޢަރަބި ބަހާ ދެމެދު އެޅުނު ދީނީ، ފިކުރީ، ސަގާފީ، އަދި ޖަޒުބާތީ ގުޅުމުގެ ފާލަމުން ޢަރަބި އެތައް ސަތޭކަ ލަފުޒެއް ދިވެހި ބަހަށް ވަންނަމުން ދިޔަ އިރު، ދިވެހީން ބޭނުން ވީ އެ ލަފުޒުތަކުގެ ތެރެއިން ބައެއް ލަފުޒުތައް ޢަރަބި އަޑުތަކާ އެކު ދިވެހި ކުރުމަށެވެ. ޢަރަބި މަޚްރަޖުން ކިޔައި ލިޔެ ހެދުމަށެވެ. މިކަން ކުރެވޭން އޮތް އެއް ގޮތަކީ، އެ ލަފުޒުތައް ދިވެހި ބަހުން ތާނައިން ލިޔާ ލިޔުންތަކުގައި ސީދާ ޢަރަބި އަކުރުން ލިޔުމެވެ. އަނެއް ގޮތަކީ އެ ލަފުޒުތައް ލިޔާނޭ ތާނަ އަކުރުތަކެއް ތައާރަފު ކުރުމެވެ.

އެއް އިރެއްގައި ދިވެހި ގައުމުގައި ތައުލީމު ހާސިލު ކުރެއްވި ހުރިހައި ބެއިފުޅުން ކަހަލަ ގޮތަކަށް ޢަރަބި ބަސް އުނގެނިވަޑައިގަތެވެ. ދިވެހި ފޮތްތެރިކަމާއި ލިޔުންތެރިކަން ފެށިގެން އައިސް މީގެ ސާޅީހަކަށް އަހަރު ކުރިޔާ ޖެހޭންދެން، ދިވެހި ބަހުގެ ފުންނާބު އުސް ގާތްގަނޑަކަށް ހުރިހައި އަދީބުންނަކީ ޢަރަބި ބަހުގެ އިލްމުވެރީންނެވެ. ދިވެހި ގައުމުގެ ތާރީޚު އަލަށް އައްވަލަށް ލިޔެވުނު އިރު، އެކަން ކުރެވުނީ ދިވެހި އިލްމީ ދަރިއެއްގެ ގަލަމުން ޢަރަބި ބަހުންނެވެ. އެ ތާރީޚަކީ އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވި ތާރީޚް ދީބާމަޙަލް އެވެ. ދިވެހި ބަހުން ފުރަތަމަ ތަސްނީފު ކުރެވުނު ފޮތް ކަމަށް ވާ ބޮޑު ތާހީދު ނުވަތަ ބޮޑު ތަރުތީބު އަކީ ޢަރަބި އިސްލާމީ ތައުލީމުގެ ގަލަމަކުން ތަސްނީފު ކުރެވުނު ދީނީ އިލްމުގެ ފޮތެކެވެ. އެއިގެ ފަހުން ދިވެހިރާއްޖެއަށް ލިޔުންތެރިކަމާއި އަދަބިއްޔާތުގެ ރަން ޒަމާނެއް އައި އިރު، އެ ރަން ޒަމާނާ ގުޅުވޭ ހުރިހައި ބެއިފުޅުންނަކީ ޢަރަބި ބަހުގެ އިލްމު ހާސިލު ކުރައްވައިގެން ތިއްބެވި ބެއިފުޅުންނެވެ. އެ ބެއިފުޅުންގެ ލިޔުއްވުންތަކުގައި ގިނަ އަދަދެއްގެ ޢަރަބި ލަފުޒުތައް ބޭނުންފުޅު ކުރެއްވިއެވެ. އަދި އެ ލަފުޒުތައް ޢަރަބި އަސްލާ އެއްގޮތަށް ބޭނުންފުޅު ކުރެއްވުމަށް އެ ބެއިފުޅުން ސަމާލުކަން ދެއްވިއެވެ. އެހެންކަމުން، އެއިރުގެ ދިވެހި ލިޔުންތެރީންނަށް، ޢަރަބި އަޑުތައް ލިޔެވޭނޭ ދިވެހި އަމިއްލަ އަކުރުތަކެއް ވެފައި އޮތީ ޒަރޫރަތަކަށެވެ. އެފަދަ އަކުރުތަކެއް ތައާރަފު ކުރުން ފިޔަވައި އެ ބެއިފުޅުންގެ ކުރިފުޅުމަތީގައި ދެން އޮތް ގޮތަކީ ދިވެހި ލިޔުންތަކުގެ ކޮންމެ ސަފުހާއެއްގެ ދެ ބައިން ބައިގައި ޢަރަބި އަކުރުން ލަފުޒުތައް ލިޔެފައި ބެހެއްޓުމެވެ. މި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް މުސްކުޅި ޒަމާނުގެ ގިނަ އަދީބުންނަށް ފެނިވަޑައިނުގެންނެވުން ވެސް އެކަށީގެން ވެއެވެ.

2. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢަރަބި އިސްލާމީ ނަންތައް އުކައިލައިފައި ހުޅަނގުގެ ސަގާފަތަށް ތަބާ ވެގެން ހުޅަނގުގެ ނަންތައް ދަރީންނަށް ކިޔުމުގެ އޮއިވަރެއް ވެސް ފިސާރި ބާރަށް އެނބުރެމުން ފެތުރެމުން ދިޔަޔަސް، މީގެ ކުރީން ދިވެހި މުޖުތަމައުގައި ދަރީންނަށް ނަން ކިޔައިއުޅުނީ ޢަރަބި އިސްލާމީ ސަގާފަތާ އެއްގޮތަށެވެ. ޢަރަބި ނަންތަކުންނެވެ. ދިވެހި މުސްކުޅި ނަންތަކެއް ހުރުމާ އެކުގައިމެ، އަދި އެ ނަންތައް ކޮންމެވެސް މިންވަރަކަށް ބޭނުން ކުރެވެމުން ދިޔުމާ އެކުގައިމެ، ދިވެހީން އިސްކަން ދިނީ ޢަރަބި ނަންތައް ދަރީންނަށް ކިޔުމަށެވެ. އެ ނަންތަކުގެ ޢަރަބި ގޮތުގައެވެ. ވީމާ، [އުނބުށޭމު] ވެސް އާޚިރުގައި ހަމަ [އިބްރާހީމް] އަކަށް ވީއެވެ. [ކަތްދަ] އާއި [ދަލޭކަ] ފަދަ ނަންތަކަށް ވެސް އާޚިރުގައި [ޚަދީޖާ] އާއި [ޛުލައިޚާ] ގެ މަގާމެއް ނުލިބުނެވެ. ދިވެހި ލިޔުންތަކުގައި ކުރީގެ ދައުރުތަކުގައި އެ ނަންތައް ލިޔެވެމުން ދިޔައީ ސީދާ ޢަރަބި އަކުރުތަކުންނެވެ. ދިވެހީންގެ އަމިއްލަ ބަހުގެ އަމިއްލަ އަކުރުތަކުން އެ ނަންތައް ލިޔަންޏާ، އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ޢަރަބި އަޑުތައް ދޫ ކޮށްލައިފައި، ތާނައިގެ މުސްކުޅި އަކުރުތަކުން އެ ނަންތައް ލިޔުމެވެ. އެއިރުން ވާނޭ ގޮތަކީ، މިސާލަކަށް، [ޚަދީޖާ] އޮންނާން ވާ ތަނުގައި [ހަދީޖާ] ނުވަތަ [ކަދީޖާ] ލިޔެވުމެވެ. [ޢަބްދުލްޣަފޫރު] ގެ ބަދަލުގައި [އަބްދުލްއަފޫރު] ނުވަތަ [އަބްދުލްގަފޫރު] ލިޔެވުމެވެ. މިހެން ހެދުމުން، އެ ނަންތައް ކިޔުމުގައި ނިޔަތާއި ގަސްތުން ކަނޑައެޅުނު ކަނޑައެޅުންތައް ނަފީ ވެގެން ދެއެވެ. މިސާލަކަށް، ދަރިޔަކަށް [ޢަބްދުއްރަޙްމާން] މި ނަން ކިޔަނީ [އެންމެ އޯގާވަންތަ އިލާހުގެ އަޅާ] މި މާނަ ގަސްތު ކޮށްގެނެވެ. ދެން [އަބުދުއްރަހުމާނު] މި ގޮތަށް ރަސްމީކޮށް ބަލައިގެންފިއްޔާ، އެ ހިސާބުން އެއީ ޢަރަބި ނަމެއް ކަމަކަށް ނުވެއެވެ. އަދި އެއްވެސް މާނައެއް އޮތް ނަމަކަށެއް ވެސް ނުވެއެވެ. އެ ވަނީ ޢަރަބި ނަމެއްގެ ފަސާދައަކަށެވެ.

މީގެ އިތުރުން، ބައެއް ޢަރަބި ނަންތަކަކީ އެ ނަންތަކުގައި ހިމެނޭ އަސްލު ޢަރަބި އަޑު ގެއްލޭ އިރަށް މާނަ މުޅީން އެގޮތްމިގޮތް ވެ އެނބުރި ފުރޮޅި ވާ ނަންތަކެވެ. މިސާލަކަށް، [ޢަލީމް] މި ނަމުގެ މާނައަކީ [ކަންކަން ދަންނަ ނުވަތަ އިލްމުވެރި މީހާ] މިއެވެ. އެކަމަކު މި ނަމުގައި އެ އޮންނަ /ޢ/ މި އަޑު /އ/ އަކަށް ބަދަލު ކޮށްލައިގެން [އަލީމް] މި ގޮތަށް ކިޔައިލިޔެފިއްޔާ، މާނަ މުޅީން ބަދަލު ވެގެން ދެއެވެ. [އަލީމް] ގެ މާނަ އަކީ [ވޭންދެނިވި] މިއެވެ. މިއީ ހެޔޮ އަދި ރަނގަޅު ގޮތެއް ކަމަށް ދިވެހީންނަށް ނުފެނުނު ހިނދު، ދެން އޮތް ގޮތަކީ އަދި ދިވެހީން ކަންތައް ކުރި ގޮތަކީ ޢަރަބި އިސްލާމީ ނަންތައް އެ ނަންތަކުގެ އަސްލު އަޑުތަކާ އެކު ލިޔުމުގައި އަދާ ކުރެވޭނޭ ތާނަ އަކުރުތަކެއް ތައާރަފު ކުރުމެވެ.

3. ދިވެހި ލިޔުންތަކުގައި ބޭނުން ކުރާ ޢަރަބި ހުރިހައި ލަފުޒުތަކެއް ޢަރަބި އަކުރުން ލިޔުމުގައި އަމަލީ ދަތިތަކެއް ދިމާ ވެގެން، އެ މައްސަލަ ހައްލު ކުރުމަށް ވުޒާރަތުލް މަޢާރިފުގެ ކަމާ ބެހޭ ބެއިފުޅުން މަޝްވަރާ ކުރައްވައިފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އަޅުގަނޑަށް ފެނެއެވެ. ހަމައެހެންމެ، ދިވެހި ލިޔުންތަކުގައި ކޮންމެހެން ޒަރޫރީ ހާލަތުތަކުގައި – އެ ބަހީ، ލަފްޒުލް ޖަލާލާ އާއި، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތައް ލިޔާ ހާލަތުތައް – މެނުވީ، ދިވެހީންގެ އަމިއްލަ އަކުރު ބޭނުން ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވުޒާރާގެ އިސް ބެއިބެއިފުޅުންނާއި ދިވެހި ބަހުގެ އިލްމީ ބެއިފުޅުންނަށް ގަބޫލުފުޅު ކުރެއްވެވުނު ކަމަށް ވެސް ވުން ކައިރިއެވެ. ޢަރަބި ލަފުޒުތައް ނުވަތަ އަރަތްބާއި އުރްދޫ ފަދަ ބަސްބަހުން ދިވެހި ބަހަށް ގެނެވިފައި ހުރި ލަފުޒުތައް، އެ ލަފުޒުތަކުގެ އަސްލު އަޑުތައް ގެއްލުވައިނުލައި ދިވެހި އަކުރުން ލިޔެވޭނޭ ގޮތް ހެއްދެވުމަކީ ދިވެހި ލިޔުންތަކުގެ ސޫރަ އަދި ދިވެހި އިމްލާއިއްޔަތު މުޅީން ދިވެހި ކުރުމަށް ޓަކައި މުހިއްމު ކަމެއް ކަމަށް އެ ބެއިފުޅުން ބައްލަވައިފައި ވުން ވެސް އެކަށީގެން ވެއެވެ. މުޢުތަބަރު އިލްމީ މަސްދަރަކުން ލިބުނު މައުލޫމާތެކޭ ދެންނެވޭ ވަރަށް ވުރެ ތަންކޮޅެއް ބަލިކަށި މަސްދަރަކުން އަޅުގަނޑަށް ލިބުނު މައުލޫމާތެއްގައި ބުނަނީ، ތިކިތާނަ އަކުރުތަކާ ބެހޭ އުސޫލު އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަތް އަލްފާޟިލް މާދޫގޭ ޢަލީ އަޙްމަދު، ދިވެހި ލިޔުންތައް ސީދާ ދިވެހި އަކުރުތަކުން ލިޔުމަށާއި، ޢަރަބި ކަމަށް ވިޔަސް އެއްވެސް ބިދޭސީ ބަހެއްގެ އަކުރުތައް ދިވެހި ބަހުން ލިޔާން ބޭނުން ނުކުރުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި ކުރެއްވި މަސައްކަތަކީ، ތިކިތާނަ އަކުރުތައް ވުޖޫދަށް އައުމުގެ މުހިއްމު ސަބަބެއް ކަމަށެވެ. އެ އަކުރުތަކުގައި ތިކި ޖަހާން ވީ ގޮތްތައް އެކަށައެޅުއްވީ ޢަލީ އަޙްމަދު ކަމަށް ވެސް ބުނެވެއެވެ. އެކަން ވެސް އިލްމީ މިންގަނޑަކުން ކަށަވަރު ކުރާނޭ ގޮތެއް އަޅުގަނޑަކަށް ނުފެނުނެވެ.

އަޅުގަނޑު ކުރީން ވެސް ދެންނެވި ފަދައިން، ދިވެހި ބަހުގެ އިލްމިއްޔާގެ ވަރަށް ހަރުދަނާ ބައެއް ބެއިބެއިފުޅުންގެ ނަޒަރުގައި، ތިކިތާނަ އަކުރުތަކަކީ ދިވެހި އަލިފުބާގެ ތެރެޔަށް އިތުރު ކުރެވުނު އަކުރުތަކެކެވެ. ދިވެހި އަލިފުބާގެ އަކުރުތަކެއް ކަމަށް ބަލާން ޖެހޭ އަކުރުތަކެކެވެ. އެފަދަ އެއް ބެއިފުޅަކީ ފަޟީލަތުއް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާނެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަޖިލީހުގެ ފަރާތުން އިންތިޒާމު ކުރައްވައިގެން، 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15-16 މި ދެ ދުވަހު ދިވެހި ބަހުގެ ހަމަތަކާ އެއްގޮތަށް ލިޔުމަށް ބާރު އެޅުމުގެ މަސައްކަތު ބައްދަލުވުން މި ނަމުގައި ބޭއްވެވި މަސައްކަތު ބައްދަލުވުމުގައި އޭނާ ތިކިތެޅި ތާނަތޯ؟ ނުވަތަ ތިކިޖެހި ތާނަތޯ؟ މި އުންވާނުގެ ދަށުން ކަރުދާހެއް ލިޔުއްވައި ހުށައެޅުއްވިއެވެ. އެ ކަރުދާހުގެ އެއް ޒުވާބަކީ ތިކިތާނަ އަކީ ތާނައިގެ އަކުރުތަކެއް (ދިވެހި އަލިފުބާގެ އަކުރުތަކެއް) ކަމަށް ވިދާޅުވި ބަހެވެ. އެހެން ވިދާޅުވެ އޭނާ ދެއްކެވި ވާހަކަތައް މި މަހައްލުގައި އަޅުގަނޑު ތަކުރާރު ކުރުމަށް ވުރެ ރަނގަޅު ގޮތަކީ ކިޔުންތެރީން ސީދާ އެ ކަރުދާސް ބައްލަވައިލެއްވުމެވެ. ފަތްތޫރައިގެ 225، 226، 227، 228، އަދި 229 މި ފަސް އަދަދުގައި އެ ކަރުދާސް ވަނީ ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރެވިފައެވެ. އޮންލޭނުކޮށް ބައްލަވައިލައްވާން ބޭނުންފުޅިއްޔާ މި ލިންކު އަދި މި ލިންކަށް ވަޑައިގަންނަވާށެވެ!

ތިކިތާނަ އަކީ ވަކި ގިންތިއެއްގެ އަކުރުތަކެއް ކަމަށް ބަލައިގެން ނުވާނޭ ކަމަށާއި، އެއީ ހަމަ ތާނައިގެ އަކުރުތަކެއް ކަމަށް ވިދާޅުވާ އެހެން ބެއިފުޅުންގެ ތެރޭގައި އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި، އުތީމު އާދަންބެ އާއި، އަލްއުސްތާޒު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރާއި، އަދިވެސް ފާހަގަ ކޮށްލެވޭ އެތައް ބެއިފުޅުން ހިމެނިވަޑައިގަންނަވައެވެ.

ފަޟީލަތުއް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާންގެ ކަރުދާސް ހުށައެޅުއްވި މަސައްކަތު ބައްދަލުވުމުގެ ތިން އަހަރެއްހައި ދުވަސް ފަހުން، 2000 ވަނަ އަހަރުގެ ޖުލައި މަހުގެ 19 އަދި 20 މި ދެ ދުވަހު، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ދިވެހި ލިޔުންތެރީންގެ މަހާސިންތާއެއް ބޭއްވެވިއެވެ. ދިވެހި ލިޔުންތެރީންގެ ޤައުމީ ބައްދަލުވުން މި ނަމުގައި ބޭއްވުނު އެ މަހާސިންތާގައި ލިޔުންތެރީން ކުރެއްވި މަޝްވަރާ އާއި އެއްބަސް ވެވަޑައިގަތް ކަންކަމުގެ މައްޗަށް ޤައުމީ މަރުކަޒުން ތާނައިގެ އަކުރުތަކާ ބެހޭ ރަސްމީ ނިންމެވުމެއް ނިންމަވައި، ތާނަޔަކީ ތިކިތާނަ އަކުރުތައް ވެސް ހިމެނޭ ގޮތުން ޖުމުލަ 38 އަކުރު ހިމެނޭ އަލިފުބާއެއް ކަމަށް ކަނޑައަޅުއްވައި އިއުލާން ކުރެއްވިއެވެ. އެއިގެ 10 ވަރަކަށް އަހަރު ފަހުން، ދިވެހި ބަސް ކޮމިޓީން ބަރުނޫނު – /ޱ/ – ވެސް ތާނަ އަކުރުތަކުގެ ތެރެޔަށް އިތުރު ކުރެއްވި ކަމަށް ގަބޫލު ކުރެވެއެވެ. 2011 ވަނަ އަހަރު ދިވެހި ބަސްފޮތް މި ނަމުގައި ޝާއިއު ކުރެވުނު ދިވެހި ރަދީފުގެ 1171 ވަނަ ސަފުހާގައި މި އަކުރާ ބެހޭ ކުރު ބަޔާނެއް އޮވެއެވެ. އެ ބަޔާނުގައި އޮންނަނީ /ޱ/ ދިވެހި ބަސްފޮތުގައި ހިމެނުމަށް ދިވެހި ބަސް ކޮމިޓީން ނިންމަވައިފައި ވާ ކަމަށެވެ. އަކުރެއް ދިވެހި ބަސްފޮތުގައި ހިމެނުމަށް ނިންމުމަކީ، އެ އަކުރަކީ ދިވެހި އަލިފުބާގެ އަކުރެއްގެ ގޮތުގައި ބަލައިގަތުން ކަމަށް ބަލަމާ ހިންގަވާށެވެ! ތާނައިގެ އަކުރުތަކުގެ ތަރުތީބުގައި /ޱ/ ހިމަނާނީ ކޮން ތަނެއްގައިކަން އެއިރު ކަނޑަނޭޅޭ ކަމަށް ވެސް ދިވެހި ބަސްފޮތުގައި އޮވެއެވެ.

/ޱ/ ގެ ކަންކަން މި ދެންނެވި ގޮތުގެ މަތީން ހަމަޖެހިގެން ދިޔައީ، 2008 އަށް ފަހު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު އުވައިލެވި، އެ ތަނުން ކުރަމުން ދިޔަ މަސައްކަތްތައް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގެ ދަށުގައި ހުރި މުއައްސަސާއަކަށް ބަދަލު ވެފައި އޮތް ދުވަސްވަރުއެވެ. ގައުމީ ޔުނިވަރުސިޓީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދުގެ މޭސްތިރިކަމުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައެވެ. މިކަމާ ގުޅިގެން އަޅުގަނޑު ދިވެހި ބަހުގެ އެކަޑަމީގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމުން ލިބުނު ޖަވާބަކީ، /ޱ/ މި އަކުރު ދިވެހި އަލިފުބާގައި ހިމެނުމަށް ބަސް ކޮމިޓީން ނިންމި ކަމަށް އެކަޑަމީގެ ރިކޯޑުތަކުން ނުދައްކާ ކަމުގެ ޖަވާބެވެ. އެހެން ނަމަވެސް، ދިވެހި ބަސްފޮތުގައި /ޱ/ އާ މެދު އޮތް ބަހުގެ އިތުބާރު ބޮޑު ކަމަށް އަޅުގަނޑު ދެކެމެވެ. އެކަޑަމީގައި އެ ރިކޯޑު ނެތީ، އިދާރީ ސަބަބަކާ ހުރެ ކަމަށް ވެދާނެއެވެ. ނުވަތަ، ބަހާ ބެހޭ އިދާރާ ގައުމީ ޔުނިވަރުސިޓީގެ ދަށުގައި ހުރެފައި، ދިވެހި ބަހުގެ އެކަޑަމީގެ ގޮތުގައި ގައުމީ ޔުނިވަރުސިޓީގެ ބެލެނިވެރިކަމުން ބޭރު ވެގެން ދިޔަ ދަނޑިވަޅުގައި، ލިޔެކިޔުމުގެ ރިކޯޑުތަކާއި އަރުޝީފުތަކުގެ ކަންކަން މެނޭޖު ކުރުމުގައި ދިމާ ވި މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް، ދިވެހި ބަހުގެ އަލިފުބާގެ އަކުރުތައް ކަމަށް ރަސްމީކޮށް ކަނޑައެޅިފައި މިހާރު އޮތީ ތިކިތާނަ އާއި [ޱ] ވެސް ހިމެނޭ ގޮތުން ޖުމުލަ 39 އަކުރެވެ. ރަސްމީކޮށް ތަރުތީބު ކުރެވިފައި ވާ ގޮތަށް އެ އަކުރުތައް ތިރީގައި މި ދަންނަވަނީއެވެ. އަކުރުތަކުގެ ތަރުތީބުގައި /ޱ/ ގެ މަގާމަކީ ކޮބައިކަން ރަސްމީކޮށް އަދި ކަނޑައެޅިފައި ނުވާތީ، އެ އަކުރު އަޅުގަނޑު ހިމެނީ އެންމެ ފަހަތުގައެވެ.

އިލަސްޓްރޭޝަން 1.2 – ދިވެހި ލިޔުންތެރީންގެ ޤައުމީ ބައްދަލުވުން 2000 ގެ ނިންމުމުގައި ތާނަ އަކުރުތައް ތަރުތީބު ކުރެވިފައި ވާ ގޮތް (ބައްދަލުވުމުގެ ރިޕޯޓު ހިމެނޭ ފޮތުގެ 171 ވަނަ ސަފުހާ ބައްލަވާ!)

އިލަސްޓްރޭޝަން 1.2 – ދިވެހި ލިޔުންތެރީންގެ ޤައުމީ ބައްދަލުވުން 2000 ގެ ނިންމުމުގައި

ތާނަ އަކުރުތައް ތަރުތީބު ކުރެވިފައި ވާ ގޮތް (ބައްދަލުވުމުގެ ރިޕޯޓު ހިމެނޭ ފޮތުގެ 171 ވަނަ ސަފުހާ ބައްލަވާ!)

ދެން އޮތީ ސުވާލެކެވެ. ތާނަ އަކީ 39 އަކުރު ހިމެނޭ އަލިފުބާއެއް ކަމަށް ހަގީގަތުގައި ވެސް ބަހަވީ ނަޒަރަކުން ބެލެވިދާނެ ހެއްޔެވެ؟ ނަވާރަސަތޭކަ ފަންސާސް ހަތެއްގައި ވުޒާރަތުލް މަޢާރިފުން އަދި 1977 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައާރަފު ކުރެއްވި ތިކިތާނަ ހުރިހައި އަކުރުތަކާއި، ޢަރަބި އަޑަކަށް ޓަކައި އެންމެ ފުރަތަމަ ތައާރަފު ކުރެވުނު [ޝ] ހިމެނޭ ގޮތުން، ތިކިތާނަ ހުރިހައި އަކުރުތަކަކީ ވެސް ދިވެހި އަލިފުބާގެ އަކުރުތަކެއް ކަމަށް ބަލައިގަތުމަކީ ބަހަވިއްޔާތުގެ އިލްމުގެ އުސޫލުތަކާ އެއްގޮތަށް ކުރެވުނު ކަމެއް ހެއްޔެވެ! އެއީ ބަހަވިއްޔާތުގެ އިލްމުގެ ތަރަހައިގެ މަތީގައި ތަބްރީރު ކުރެވޭނޭ ސައްހަ ނިންމުމެއް ހެއްޔެވެ! އަޅުގަނޑުގެ ޖަވާބު 3 ވަނަ އަރިމަތީ ސުރުޚީގެ ދަށުން ދެކެވިފައި ވާ ވާހަކަތަކުން ފެނިވަޑައިގަންނަވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް