ބާރުބޮޑު ރޯދަމަހަކަށް އެމްޕީއެލް އޮތީ ތައްޔާރަށް: ޝާހިދު

ކުރިއަށް އޮތް ރޯދަމަހަށް މާލޭ ވިޔަފާރި ބަނދަރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަމަހާ އަޅާބަލާއިރު މިއަހަރުގެ ރޯދަމަހު ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވާނެ ކަމަށެވެ.

އެގޮތުން މިހާރުވެސް އަދި ކުރިއަށް އޮތް 5-6 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެންނަ ކާބޯތަކެތީގެ ޝިޕްމަންޓްތައް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޯދަމަހުގެ ކުރީކޮޅުގައިވެސް ގިނަ ޝިޕްމަންޓްތަކެއް އަންނާނެ ކަމަށް ބެލެވޭ. ލަސްވެދާނެތީ ނުވަތަ މުދާ ބޭރުކުރުމުގައާއި މުދާ ދޫކުރުމުގައި ލަސްތަކެއް ވިޔަ ނުދިނުމަށް ހާއްސަ މަސައްކަތްތަކެއް މީގެ ދެމަސް ކުރިން ފަށައިގެން ކުރިއަށް މިގެންދަނީ،" ޝާހިދު ވިދާޅުވި އެވެ.

އެގޮތުން މީގެ ދޮޅުމަހެއްހާ ދުވަސްކުރިން މުދާ ކްލިއަރިން މަސައްކަތަށް އިތުރު މުވައްޒަފުން ނަގާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށްޓަކައި ބަނދަރުގައި ޕެރިޝަބަލް މުދާ ބާލާ ސަރަހައްދުގެ ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކޮށް، ހުކުރު ދުވަސްފަދަ ބަންދު ދުވަސްތަކުގައި ޕެރިޝަބަލް މުދާ ހިފައިގެން އަންނަ ބޯޓުތަކުން މުދާ ކްލިއާ ކުރަން އިތުރު ވަގުތުތަކުގައި މުވައްޒަފުން ނެރެން ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރޯދަމަހާ ދިމާކޮށް ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި މުދާ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފަ އެވެ.

"އާންމުކޮށް ކުރިން 100-150 ކޮންޓޭނަރު ބޭރުކުރަމުން އައިސް މިދުވަސްކޮޅު އެ އަދަދު އެބައަރާ ދުވާލަކު 250-270އަށް،" ޝާހިދު ވިދާޅުވި އެވެ.

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދުން ކޮންޓޭނަރުން މުދާ ކްލިއާރ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ހުޅުމާލެއަށް މުދާ ގެންދިއުމުގައި ވެސް ލުއިތަކެއް ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން ހުޅުމާލެއަށް މުދާ ޓްރާންސްފާ ކޮށްދޭ އަގު ދަށްކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރޯދަމަހަށް އެތެރެކުރާ މުދާ އިތުރުވަމުންދާއިރު، މިފަހުން އައި އެސްޓީއޯގެ ބޯޓެއް ވަނީ ކްލިއާކޮށްދީފަ އެވެ. ޝާހިދު ވިދާޅުވީ މިމަހު ހަތެއް ނުވަތަ އަށްވަނަ ދުވަހު އެސްޓީއޯގެ އިތުރު ބޯޓެއް އަންނާނެ ކަމަށާއި އެ ބޯޓުގައި ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓުތައް ގެންނާނެ ކަމަށެވެ.

comment ކޮމެންޓް