ފަންނީ މީހުންނަށް ދެނީ ޖާގަ ތަނަވަސް ތިން ކޮޓަރީގެ ފްލެޓް

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ފަންނީ ފަރާތްތަކަށް ހާއްސަ ކެޓަގަރީ ތަކުން ފްލެޓު ލިބި، އެ ފްލެޓު ދޫކޮށްލާ ފަރާތްތަކަށް އެހެން މަޝްރޫއު އަކުން ހަމަޖައްސާނީ ޖާގަ ތަނަވަސް ތިން ކޮޓަރީގެ ފްލެޓް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުން، ޓީޗަރުން އަދި ސިވިލް ސާވިސް ފްލެޓުގެ ފަންނީ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫއުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި ފުރުސަތު ވެގެންދާނީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމައެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވާނެ ކަމަށެވެ.

ހަމައެއާއެކު މި ފުރުސަތުގެ ދަށުން ހުރި ހައުސިން މަޝްރޫއުތަކުގެ ފްލެޓުތައް ވެގެންދާނީ، އެ ފްލެޓްތަކުގެ އަގު، ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ ފްލެޓްތަކަށް ކަމަށެވެ.

އެހެންކަމުން ފަންނީ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޕްލޭނިން މިނިސްޓްރީއަށް އެކަން އަންގައިދިނުމަށް އެދޭ ކަމަށެވެ.

ފްލެޓް ދޫކޮށްލަން އެދޭނީ ސިޓީ، އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށެވެ. އީމެއިލް ކުރާނީ [email protected] ނުވަތަ

[email protected] ނުވަތަ

[email protected] އަށެވެ.

ވަޓްސްއެޕް މެދުވެރިކޮށް އެސްއެމްއެސް ކުރާނީ 7444971 އަށެވެ. އަދި 4004951, 4004954, 4004955, 4004959 އަށް ގުޅައިގެން ވެސް ފްލެޓު ދޫކޮށްލަން އެދެވޭނެ އެވެ.

ހިޔާ މަޝްރޫއަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވާތީ، އެ މަޝްރޫއުގެ ދަށުން ފްލެޓްލިބޭ ފަރާތްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް