ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ހާއްސަ، އަދި ސިވިލް ސާވިސް ފްލެޓުގެ ފަންނީ ކެޓަގަރީ އިން ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫއުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފި އެވެ.
އެ މިނިސްޓްރީ އިން ރޭ ކުރި އިއުލާނެއްގައި ބުނީ މިފުރުސަތަކީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއް ކަމަށް މިނިސްޓްރީ އިންދެކޭ ކަމަށެވެ.
ހަމަ އެއާ އެކު އެ ފުރުސަތުގެ ދަށުން ހުރި ހައުސިން މަޝްރޫއުތަކުގެ ފްލެޓުތައް ވެގެންދާނީ، އެ ފްލެޓްތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް ތިން ކޮޓަރީގެ ފްލެޓަށް ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފަ އެވެ.
އެގޮތުން ސިޓީ، އީމެއިލް އަދި ވަޓްސްއެޕް، އެސްއެމްއެސް މެދުވެރިކޮށް ފްލެޓު ދޫކޮށްލާކަން މިނިސްޓްރީ އަށް އެންގޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އަށް އީމެއިލް ކުނާނަމަ މެއިލް ފޮނުވާނީ [email protected] ނުވަތަ [email protected] ނުވަތަ [email protected] އަށެވެ.
ސިޓީ ފޮނުވާ ނަމަ ސިޓީ އުރައިގެ ބޭރުގައި "ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4ޑޮކްޓަރުންނާއި ނަރުހުން، H5ޓީޗަރުންނަށް ޚާއްޞަ އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުކުން އެދި" މިހެން ލިޔެފައި އޮންނަންވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
އެސްއެމްއެސް ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް އަންގާ ނަމަ އެސްއެމްއެސް ނުވަތަ ވަޓްސްއެޕް ކުރާނެ ނަންބަރަކީ 7444971 އެވެ.
ހިޔާ މަޝްރޫއުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެހެން މަޝްރޫއަކުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނެކަމުގެ ޔަގީން ސަރުކާރުން ދޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.
ހިޔާ މަޝްރޫއަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވާތީ، އެ މަޝްރޫއުގެ ދަށުން ފްލެޓްލިބޭ ފަރާތްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން މުހިންމުކަން މެންބަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީން ޝަރުތުހަމަވެ، ފްލެޓް ލިބޭނެ ކަމަށް މިހާރު ކަނޑައަޅާފައިވާ ފަރާތްތަކާ ސަރުކާރުން މަޝްވަރާކުރުމަށް ފަހު، މިހާރު ލިބިފައިވާ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކިއެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް އެންމެ އެކަށޭނަ ގިންތިއަކުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށް މަޖިލީހުން ވަނީ ފާސް ކޮށްފަ އެވެ.