އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވަން މަޝްވަރާކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމް --- ފޮޓޯ: ރައީސް އޮފީސް

ހެދިބޮޑުވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާ އަދި ހިދުމަތްތައް ދިނުމަށް އައްޑޫ ސިޓީގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

އެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މިއަދު ހެނދުނު ވާޗުއަލްކޮށެވެ. ބައްދަލުވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)، އެޑިއުކޭޝަން މިނިސްޓްރީ، ޖެންޑާ މިނިސްޓްރީގެ ބޭފުޅުން ވެސް ބައިވެރިވި އެވެ.

ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ހެދިބޮޑުވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާއާއި، ހިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެގޮތުން، ހުޅުމާލޭ ހޮސްޕިޓަލުގައި އެ ހިދުމަތްތައް ފެށުމަށްފަހު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެ ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ މަސައްކަތްތައް، ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ކުރިޔަށްގެންދިއުން މުހިންމުން ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި އެ ސެންޓަރު ގާއިމުކުރާނީ އައްޑޫ ދަމަނަވެށި އިމާރާތުގައި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ބެލުމުގެ ދަށުންނެވެ. ސެންޓަރާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ ފަރާތުން މިއަދު ވަނީ ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށް ގާއިމުކުރާ އެ ސެންޓަރުގައި ހިދުމަތް ދިނުމުގައި ކްލިނިކަލް ސައިކޮލޮޖިސްޓަކާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓެއްވެސް ހިމެނޭގޮތަށް މަލްޓި ޑިސިޕްލިނަރީ ޓީމެއް ހިމެނޭނެ އެވެ.

އޭއީއެޗް އިން ބުނީ އެ ސެންޓަރު ކުރިއަށް ގެންދާނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައި ކަމަށެވެ.

comment ކޮމެންޓް