އުއްދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖަކަށާއި ތިން މީހަކަށް ދައުވާކޮށްފި

ގއ. މާމެންދޫގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާދިނުމުން މަރުވި އުދައްޔު --

ގއ. މާމެންދޫގައި ފެބްރުއަރީ އަށް ވަނަ ދުވަހު ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ތިން މީހަކާއި ކުޑަކުއްޖަކަށް ދައުވާ ކޮށްފި އެވެެ.

އުއްދަޔު މަރާލި މައްސަލައިގައި ދައުވާ ކުރަން އެދި ފުލުހުުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ދައުވާ ކުރަން ނިންމައި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަށް މައްސަލަތައް ހުށަހެޅީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅީ ތިން މީހެއްގެ މައްސަލަ އެވެ. އެއީ އުއްދަޔުގެ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝިދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ.

އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެެވެ.

އޭގެ އިތުރުން، ސީދާ އުދައްޔު މަރާލި ކަމުގެ ތުހުމަތު ކުރެވޭ 18 އަހަރުން ދަަށުގެ ކުޑަކުއްޖަކަށް ވަނީ ޖުވެނައިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ ކުއްޖާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކުދިންނަކީ ގާނޫނީ ގޮތުން ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމުން ދައުވާ ކުރި ކުއްޖާގެ ވަނަވަރު އާންމުކޮށްފައި ނުވެ އެވެ.

އުދައްޔު މަރާލި މާރާމާރީގައި އޭނާގެ ބޭބެއަށްވެސް އެކި ވަރުގެ ޒަހަމްތަކެއްވި އެވެ.

އުއްދަޔު މަރުވި ސީދާ ސަބަބު ހޯދުމަށް އަދި ތަހުގީގާއި ޝަރީއަތުގެ މަރުހަލާއަށް ކުރިމަތިވާ ގިނަ ސުވާލުތަކެއްގެ ތަފްސީލީ ޖަވާބު ހޯދުމަށް ފުލުހުން އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްގެން ޕޯސްޓްމޯޓަމްވެސް ހެދި އެވެ.

comment ކޮމެންޓް