ހަގީގީ ގިޔާދަތުގެ އެއް އަލާމާތަކީ ތެދުވެރިކަން

ގަލޮޅު މާލޭހިޔާ ފްލެޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ވެސް، ނޫސް ބަލައިލުމުން ލޮލުގައި އަޅައިގަތް ޚަބަރެއްގެ ސަބަބުން އެއްޗެއް ދަންނަވައިލާ ހިތްވީ އެވެ. އެ ޚަބަރަކީ "ސަން އޮންލައިން"ގައި "މާލޭ ރައްޔިތުންނަކީ ބޮޑު ކުލި ނަގައިގެން ތިބި ބައެއް ނޫން، ވަރަށް ނިކަމެތި: އަނަސް" މި ސުރުޚީގެ ދަށުން ލިޔެފައި އޮތް ޚަބަރެކެވެ. ޚަބަރު ވިދާޅުވެލެއްވުމަށް ޓަކައި މި ސަފުހާ ބައްލަވައިލައްވާށެވެ!

ކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވައިލާނަމޭ އަޅުގަނޑުގެ ހިތަށް އެރީ ކޮންމެހެން މާލޭގެ މޭޔަރުކަމުގެ މަގާމަށް ވާދަ ކުރައްވާ ބެއިބެއިފުޅުންގެ ތެރެއިން ވަކި ބެއިފުޅަކަށް ތާއީދު ކޮށްގެން ވަކި ބެއިފުޅަކަށް ތާއީދު ނުކޮށްގެނެއް ނޫނެވެ. ކޮންމެ ބެއިފުޅަކު މޭޔަރުކަމަށް ވަޑައިގަތަސް، ކަންކަން އެދެވޭ ގޮތެއްގައި ރަނގަޅު ވެގެން ނުދާނޭކަމާއި މުޅި ދިވެހި ގައުމެކޭ އެއްފަދައިން މާލޭގެ ހާލަތު ވެސް ދާނީ ޖުމުލަ ގޮތެއްގައި ދުވަހުން ދުވަހަށް ގޯސް ވަމުން ކަމަށް އަޅުގަނޑު ދެކެމެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ހަމަބުއްދި އާއި އަގުލީ އުސޫލުތަކަށް އަމަލު ކުރުން ނެތިފައި ވާތީއެވެ. ރިވެތި އަޚްލާގާއި ސުލޫކާއި ޒަމީރުގެ އަގު ސުމަކަށް ވުރެ ދަށަށް ގޮސްފައި ވާތީ އެވެ. އިލާހީ ހިދާޔަތާއި ދީނަކީ މައިގަނޑު ގޮތެއްގައި ބޭރުފުށުގެ ކަންކަމަށް ފޯކަސް ކުރާ އަދި ވަކި މަޒުހަބެއްގެ ގޮތްތަކަށް ކަނު ގޮތެއްގައި ތަބާ ވުން ކަމަށް ގަބޫލު ކުރާ ބަޔަކު "ހައިޖެކް" ކޮށްގެން އުޅޭ އެއްޗަކަށް ވެފައި ވާތީއެވެ. ދިވެހި ރައްޔިތުން ފިކުރީ ގޮތުން ހުޅަނގަށާއި މާއްދިއްޔަތަށް އަޅުވެތި ވެފައި ވާތީއެވެ. މޭޔަރުކަމުގެ ގޮނޑީގައި އިންނަ މީހެއްގެ ސަބަބުން ގައުމުގެ ނުވަތަ މާލޭގެ މައްސަލަތައް ހައްލު ވެދާނެޔޭ އަޅުގަނޑުމެންނަށް ހީ ވަނީވިއްޔާ، އެއީ އަޅުގަނޑުމެންގެ މޮޔަކަމެވެ. މާލެއަށް ވެސް އަދި ދިވެހި ގައުމަށް ވެސް ހެޔޮ މުސްތަގުބަލެއް އޮތީ، އަޅުގަނޑުމެން އާއްމު ރައްޔިތުންގެ ވިސްނުމާއި އަޚްލާގާއި އުޅުން އިސްލާހު ވީ ދުވަހަކުންނެވެ. އިންސާނިއްޔަތުކަމާއި އިސްލާމްކަމުގެ އަސާސްތަކުގެ މައްޗަށް އަޅުގަނޑުމެން ރައްޔިތުން އަޅުގަނޑުމެންގެ ނަފުސުތައް އިސްލާހު ކުރި ދުވަހަކުންނެވެ. އެހެން ނޫނިއްޔާ، މޭޔަރުކަމުގައި ވަކި ބެއިފުޅަކު ހުންނެވުމެކޭ ނުހުންނެވުމެކޭ އަންނާނޭ ތަފާތެއް ނެތެވެ. ބޮޑަށް ރަނގަޅު ވާނީ މޭޔަރަކު ނެތިއްޔާއެވެ. އެއިރުން އެންމެ ކުޑަމިނުން އެ ބެއިފުޅަކުގެ މުސާރަޔާއި އިނާޔަތްތަކަށް ރައްޔިތުންގެ ޚަޒާނާއިން ކުރާން ޖެހޭ ބޭކާރު ޚަރަދުތައް ނުކޮށް ފަރު ޖެހޭނޭތާއެވެ!

އެ ޚަބަރެއްގެ ވާހަކަ އަޅުގަނޑު ދެންނެވި ޚަބަރުގައި އޮތް ގޮތުން، "މާލޭ ރައްޔިތުންނަކީ މިއަދު ބޮޑު އަގުގައި ގެ ކުއްޔަށް ދީގެން ފައިދާ ނަގަމުން އަންނަ ބައެއް ކަމަށް ނުބުނެވޭނޭ ކަމަށް" މޯލްޑިވިޔަން ޑެމޮކްރެޓިކް ޕާރޓީ (އެމްޑީޕީ)ގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ އަނަސް އަބްދުއްސައްތާރު "ދިވެހި އޮންލައިން"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. "މާލޭގެ ގޯތިތަކަކީ ފޮތިފޮތި ކޮށް، ބައިބައި ކޮށް، މިހާރު ނުއުޅެވޭ ހާލަތަށް ކުދި ވެފައި ހުރި ގޯތިތަކެއް. އަޅުގަނޑުމެނަށް މީގެ ކުރީން މި ވާ ގޮތަކީ މާލޭ ރައްޔިތެކޭ ބުނެވިއްޖެއްޔާ އެ މީހާގެ މައްޗަށް އެބަ އަރައިގަނޭ. ބޮޑު ކުއްޔަށް ދީގެން މަންފާ ނަގަމުން އަންނަ ފަރާތްތަކަކީ ތިޔަ ބެއިފުޅުންނޭ، އެހެންވީމާ ތި ވާހަކަ ނުދެއްކޭނޭ. އެހެން ނަމަވެސް މިހާރު ނެތް އެހެން ބުނެވޭކަށް." މިއީ އަނަސް ވިދާޅުވި ވާހަކައިގެ ނުކުތާތަކެވެ.

މި ވާހަކައިގެ ތެރޭގައި ރަނގަޅު ނުކުތާއެއް ވެސް ވެއެވެ. އެންމެ ފުރަތަމަ އެކަން ފާހަގަ ކުރަމާ ހިންގަވާށެވެ! އެ ނުކުތާއަކީ މާލޭގެ ގިނަ ގޯތިތަކަކީ ފޮތިފޮތި ކޮށް، ބައިބައި ކޮށް، މިހާރު ނުއުޅެވޭ ހާލަތަށް ހަލާކު ކޮށްފައި ހުރި ގޯތިތަކެކޭ ވިދާޅުވި ވާހަކައެވެ. މި ވާހަކަ ވެސް އަނަސް ވިދާޅުވީ ވިދާޅު ވެވޭން އޮތް ރަނގަޅު ގޮތުގައެއް ނޫނެވެ. "މާލޭގެ ގިނަ ގޯތިތަކޭ" ވިދާޅުވާންވީ ތަނުގައި ވިދާޅުވީ "މާލޭގެ ގޯތިތަކޭ" މިހެންނެވެ. ބައެއް މީހުންގެ ހާލަތު ހުރި ގޮތުގެ ވާހަކަ ދައްކަމުން، އެއީ އެންމެންގެ ހާލަތު ހުރި ގޮތޭ ބުނީމާ، އެވެސް ވާނީ ފާޑެއްގެ ދޮގަކަށެވެ. އެ ބާވަތުގެ ދޮގަށް ކިޔާ ނަމަކީ "ބައިތެދު" މި ނަމެވެ. އިނގިރޭސި ބަހުން ކިޔަނީ "ހާފް-ޓްރުތްސް" މި ނަމެވެ. ކޮންމެއަކަސް، އެއް އިރެއްގައި އަޅުގަނޑުމެންގެ ސަރުކާރާއި ގާނޫނު ހަދާ މަޖިލިހުގެ ވިސްނުން ގެންގުޅުނު ދޯހަޅި ގޮތެއްގެ ސަބަބުން، ގޯތިތައް 600 އަކަފޫޓުގެ ގޮޅިތަކަކަށް ވާންދެން ބައި ކުރެވޭނޭ މަގު ތަނަވަސް ކުރީއެވެ. ހަސަތޭކަ އަކަފޫޓުގެ ގޯއްޗެއްގައި، އާއިލާއަކަށް އިންސާނީ ކަރާމާތާ އެކު މި ޒަމާނުގެ އާއްމު ދިރިއުޅުން ދިރިއުޅެވިދާނެޔޭ، އެކަން ކުރެއްވި ބެއިފުޅުންނަށް ހީފުޅު ވީ ގޮތަކާ މެދު އަޖާއިބުން އަޖާއިބެވެ.

ނަމަވެސް އެ ވާހަކަ މި ވަގުތަށް ބާއްވަމާ ހިންގަވާށެވެ!

އަނަސް ދެއްކެވި ވާހަކައިން އަޅުގަނޑަށް ފާހަގަ ކުރެވޭ ބޮޑު މައްސަލަޔަކީ މާލޭގެ ރައްޔިތުންނަކީ ބޮޑު އަގުގައި ބިންތަކާއި ގެދޮރު ކުއްޔަށް ދީގެން ފައިދާ ނަގަމުން އަންނަ ބައެކޭ މިއަދު ނުބުނެވޭނެޔޭ ވިދާޅުވި ބަހެވެ.

ކަމުގެ ހަގީގަތަށް ބަލައިލާ އިރު، މާލޭގައި ވަރަށް ދަތި އަދި ނިކަމެތި ހާލުގައި އުޅޭ މާލޭ ރައްޔިތުން އެބަތިއްބެވެ. މާލޭގެ ބައެއް ރައްޔިތުންނަކީ އަމިއްލަ ގެދޮރު ނެތް މީހުންނެވެ. ބައެއް މީހުންނަކީ މައިންބަފައިންގެ ގެދޮރު އެއްކަލަ 600 އަކަފޫޓުގެ އުސޫލުން ބެހިގެން ގޮސް ލިބުނު ކުޑަކުޑަ ގޮޅީގައި އެތައް ދަރީންނަކާ އެކު ގަނަތެޅޭ މީހުންނެވެ. އެއީ ވެސް މަދު އަދަދެއް ނޫނެވެ. ނަމަވެސް މާލޭގެ ރައްޔިތުންގެ ތެރެއިން "މައިނޯރިޓީއެކޭ" ނުބުނެވޭހައި ގިނަ އަދަދެއްގެ މީހުންނަކީ ހަމަ މިއަދު ވެސް ގެދޮރު އެތައް ބުރިޔަކަށް ހަދައިގެން، ނުވަތަ ގޯތީގައި އެތައް ބުރިއަކަށް ވިޔަފާރި އުސޫލުން ބޭނުން ކުރާ އިމާރާތްތައް ހަދައިގެން، ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދީގެން އުޅޭ މީހުންނެވެ. ގެދޮރު ނުވަތަ ގޯތީގައި ވިޔަފާރި އުސޫލުން ބޭނުން ކުރުމަށް ޓަކައި އިމާރާތް ހެދުމަށް ޓަކައި ބޭންކުން ނެގި ލޯނު އަދާ ކުރުމުގެ ބުރަ އެ ތަންތަނުގައި ކުއްޔަށް އުޅޭ މީހުންގެ ބޮލަށް ޖަހައިގެން ތިބޭ މީހުންނެވެ. އެމީހުންގެ އަމިއްލަ ގެދޮރު ހެދުމަށް ކުރި ޚަރަދު، އެހެން ބަޔަކުގެ އަތުން ހޯދައިގެން އުޅޭ މީހުންނެވެ. ދިރިއުޅުމަށް ޓަކައި ދައުލަތުން ދިން ބަންޑާރަ ގޯތީގައި "ރިއެލް އެސްޓޭޓް" ތަރައްގީ ކޮށްގެން ވިޔަފާރި ކޮށް ފައިދާ ހޯދަމުން އަންނަ މީހުންނެވެ. ހަމައެހެންމެ، މާލޭގެ ވަރަށް ގިނަ ރައްޔިތުންނަކީ މިއަދު ވެސް ގެދޮރު ބޮޑު ކުއްޔަށް ދޫ ކޮށްފައި، ރާއްޖެއިން ބޭރުގައި "ޕޮޝް" ދިރިއުޅުންތައް އުޅެމުން ގެންދާ މީހުންނެވެ. ގައުމުގެ އިގުތިސާދާއި އުފެއްދުންތެރިކަމަށް އެއްވެސް ކަހަލަ ހަގީގީ ހިއްސާއެއް ނުކޮށް، އަތުންފައިން މަސައްކަތް ކޮށްގެން އާމުދަނީ ހޯދާ މީހުންގެ އާމުދަނީ "ކުއްޔަށް ކޮންވަރޓް" ކޮށްގެން އެއިން ދިރިއުޅޭ މީހުންނެވެ. މާލޭގައި ބިންކޮޅެއް އޮތުމުގެ "ނަސީބު"ގެ ވަރައިގައި އުދުހޭ މީހުންނެވެ.

އަނަސްގެ ބަހުގެ މައްސަލަޔަކީ މި ހަގީގަތަށް ބެއްލެވުމެއް ނެތި، މާލޭގެ ރައްޔިތުންނާ މެދު އޭނާ ވިދާޅުވި ބަސްތަކުގައި "ހޭސްޓީ ޖެނެރަލައިޒޭޝަނެއް" ގެންނެވުމެވެ. މާލޭގެ ރައްޔިތުންގެ އާއްމު ހާލަތޭ ކިޔައިފައި ބުނުން ޖާއިޒު ނޫން، ދޮގު ވާހަކައެއް ވިދާޅުވުމެވެ. މިއީ، ހަނޑު ބަސްތާގައި އޮންނަ އެއްލައްކަ ހަނޑޫފުކުގެ ތެރޭގައި އެއްހާސް ވީފުއް އޮތީމާ، "މި ފަހަރު ގެނައި ބަސްތާގައި ހުރީ ވީފުކޭ" ބުނުން ކަހަލަ ކަމެކެވެ. މިއީ އާއްމު ފުރަވަސާނައިގައި މީހުން ބުނެއުޅޭ އެއްޗަކަށް ވެދާނެއެވެ. ނަމަވެސް މިއީ ހަގީގަތަށް ވާހަކަ ދެއްކުމުގެ މަހައްލުގައި ބުނެގެން ވާނޭ ގޮތެއް ނޫނެވެ. އެހެނީ، ހަނޑޫ ބަސްތާގައި އެއްހާސް ވީފުއް އޮތް އިރު، ވީފުކަށް ނުވާ ނުވަދިހަ ނުވަ ހާސް ފުއް އޮތްކަމުގެ ހަގީގަތް، އެހެން ބުނުމުން އެބަ ފޮރުވައިލެވެއެވެ. އެއީ ބުއްދީގެ އަހުލުވެރީން، ރިވެތި އަޚްލާގުގެ އަހުލުވެރީން ވާހަކަ ދައްކާނޭ ގޮތެއް ނޫނެވެ. މުޖުތަމައު އިސްލާހު ކުރާން އަންނަ ލީޑަރުން ވާހަކަ ދައްކާނޭ ގޮތެއް ނޫނެވެ. ހަގީގީ ގިޔާދަތުގެ ވެރީން ބަސް ބުނާނޭ ގޮތެއް ނޫނެވެ.

މާލޭގެ ރައްޔިތުން އުޅެނީ ގެދޮރު ކުއްޔަށް ދީގެން މުއްސަނދިކަމުގައޭ ބުނުމަކީ ވެސް "ހޭސްޓީ ޖެނެރަލައިޒޭޝަން" އެކެވެ. އެއީ، މާލޭގެ އެތައް ހާސް ރައްޔިތުން އެފަދައިން އުޅޭ އިރު، ނުހަނު ނިކަމެތި ހާލުގައި އުޅޭ މާލޭ ރައްޔިތުން ވެސް ހަމަ މާލޭގައި އުޅެމުން ދާތީއެވެ. ހަމަ އެފަދައިން، އޭގެ އަނެއް ކޮޅަށް ގޮސް، "މިއަދު މާލޭ ރައްޔިތުންނަކީ ގެދޮރު ކުއްޔަށް ދީގެން މުއްސަނދިކަމުގައި އުޅޭ ބައެއް ނޫނޭ" ބުނުމަކީ ވެސް "ހޭސްޓީ ޖެނެރަލައިޒޭޝަން" އެކެވެ. މަންތިގީ އިލްމުގެ ހަމަތައް ބުނާ ގޮތުން "ހޭސްޓީ ޖެނެރަލައިޒޭޝަން" އަކީ ކަމުގެ އަސްލު ހަގީގަތް އޮތް ގޮތަށް ބެލުމެއް ނެތި، ބައެއް ހާލަތުތަކުގައި ކަން ހުރި ގޮތަކީ އާއްމު ނުވަތަ ހުރިހައި ހާލަތުތަކުގައި ވެސް ކަން ހުރި ގޮތް ކަމަށް ދައްކައިދެވޭ ފަދައިން ދައްކާ ވާހަކަ ނުވަތަ ކުރާ ދައުވާއެވެ. މާލޭގެ އެތައް ރައްޔިތުންނެއް މިއަދު ވެސް ބޮޑުކުލީގެ އެހީގައި ނުހައްގު މުއްސަނދިކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އުޅެމުން ދާ އިރު، ނިކަމެތި ހާލުގައި އުޅޭ މާލޭ ރައްޔިތުންގެ ހާލަތު އެއީ "އާއްމު ގޮތް" ކަމަށް ދައްކައިދިނުމަކީ "ހޭސްޓީ ޖެނެރަލައިޒޭޝަން" އެވެ. އެއީ ހަގީގަތް އޮޅުވައިލުމެކެވެ. ދޮގު ހެދުމެކެވެ. ނިކަމެތި ހާލުގައި އުޅޭ މާލޭ ރައްޔިތުންނަށް ވެސް ކުރެވޭ ފުރައްސާރައެއް އަދި ބޭއިންސާފެކެވެ.

އަނަސް "ހޭސްޓީ ޖެނެރަލައިޒޭޝަން" އެއް ހައްދަވައިގެން މި ފަދަ ބުއްދިއާ ޚިލާފު، މަންތިގީ ހަމަތަކާ އަރައިރުން ވާ، އަދި ދޮގުވެރި ވާހަކައެއް ދެއްކެވި ސަބަބަކީ ކޮބައިބާވައެވެ! މުމްކިން އެއް ސަބަބަކީ، އޭނާއަކީ މަންތިގީ ހަމަތަކާ އެއްގޮތަށް ވާހަކަ ދެއްކެވުމުގެ ގާބިލުކަން ނެތް ބެއިފުޅަކަށް ވުމެވެ. އަނެއް ސަބަބަކީ، މާލޭގެ އެންމެހައި ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ޓަކައި އެ އެންމެން ވެސް "ރުއްސުމުގެ ބަހުރުވައިން" ވާހަކަ ދެއްކެވީ ކަމަށް ވުމެވެ. ނުވަތަ މި ދެ ސަބަބު ވެސް މި ކަމުގައި އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިއިން ކޮންމެ ކަމަކީ ވެސް ބޮޑު ގޯހެކެވެ. މަންތިގީ ހަމަތަކުގެ މަތީން ވިސްނުމާއި ވާހަކަ ދެއްކުމުގެ ގާބިލުކަން ނެތް މީހަކު ވެސް، އަދި އެންމެން ރުއްސުމަށް ޓަކައި ދޮގު ހަދާ މީހަކު ވެސް، އަޅުގަނޑުމެންގެ އެއްވެސް ރަށެއްގެ މޭޔަރަކަށް ނުވަތަ ރައީސަކަށް ނުވަތަ އެހެން މަގާމަކަށް ވެސް ގެނައުމަކީ ގައުމަށް ލިބޭނޭ ބޮޑު ދެރައެކެވެ.

އަޅުގަނޑުމެންގެ ގިޔާދަތަށް އަޅުގަނޑުމެން ގެންނާން ޖެހެނީ އިޚްލާސްތެރީންނެވެ. ވާހަކައެއް ދައްކައިފިއްޔާ ތެދު ބުނާ މީހުންނެވެ. ދޫ ހަރަކާތް ކޮށްފިއްޔާ، ﷲ ފިޔަވައި އެހެން ފަރާތެއްގެ ރުހުމާއި ތަރުހީބަށް ނުވިސްނައި، އިޚްލާސްތެރި ގޮތުގައި ވާހަކަ ދައްކާ މީހުންނެވެ. ހަގީގީ ލީޑަރުންނަކީ އެފަދައިން ވާހަކަ ދައްކާ މީހުންނެވެ. އެއްލައްކަ ފުއް އޮތް ހަނޑޫ ބަސްތާގައި އޮތް އެއްހާސް ވީކުފުގެ ވާހަކަ ދައްކާ އިރު، ވަކަރުގޭ ނުވަތަ ބާޒާރުމަތީ ވާހަކަދެއްކުމުގެ އުސްލޫބަށް "ތިޔަ ބަސްތާގައި ހުރީ ހުސް ވީފުކޭ" ކިޔައިގެން ވާހަކަ ދެއްކުމުގެ ބަދަލުގައި، "މި ބަސްތާގައި އެއްހާސް ވީފުއް އެބައޮތޭ، އެކަމަކު ބާކީ އޮތް ނުވަދިހަ ނުވަ ހާސް ފުއް ރަނގަޅޭ، އެހެން ވީމާ އެއްހާސް ވީފުއް ހަނޑޫ ބަސްތައިން ނެގުމަށް ޓަކައި ކުރާން ވީ މަސައްކަތްތަކާ ކުރިމަތި ލަމާ ހިނގާށޭ" ބުނެ، މީހުން ގޮވައިގެން ކުރިޔަށް ހިނގާ މީހުންނެވެ. ހަގީގަތާ ކުރިމަތިލުމާއި، ހަގީގަތަށް ވާހަކަ ދެއްކުމާއި، ހަގީގަތުގެ މަތީގައި މުސްތަގުބަލާއި ކުރިމަގަށް ކުރާ އެންމެހައި މަސައްކަތްތައް ވެސް ބިނާ ކުރާ މީހުންނެވެ. ހަގީގީ ގިޔާދަތުގެ އަހުލުވެރީންނަކީ އެއީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް