ކެންސަރު ބަލިމީހެއްގެ ދަބަސް ގެއްލި، ހާސްކަމެއްގެ ތެރޭގައި!

ވީއައިއޭއިން މިދިޔަ ބުދަ ދުވަހު ގެއްލުނު ދަބަސް. އެ ދަބަހުގައި ހުރީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއްގެ ބޭހާއި މެޑިކަލް ލިޔެކިޔުންތަކާއި އިތުރު ފަރުވާއަށް ބޭނުންވާ ފައިސާ ---

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ފާތިމަތު އަލްމާ އަލީ މިދިޔަ ބުދަ ދުވަހު މާލެއަށް އައީ އިންޑިއާގެ ކޮޗިނުން ހަ މަސް ދުވަސް ވޭތުކޮށްފަ އެވެ. އަނެއްކާވެސް ދެ މަސް ފަހުން އަނބުރާ ފަރުވާއަށް ދާ ގޮތަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ ފައިސާއާއި ބޭހާއި ބަލީގެ ލިޔެކިޔުންތައް ހުރީ މާލެ އައުމާއެކު އެއާޕޯޓުން ގެއްލުނު ދަބަހުގަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ހަވީރު 4:30 އެހައިހާއިރު ދަބަސް ގެއްލުނު ގޮތް "ސަން"އަށް ކިޔައިދެމުން އަލްމާ ބުނީ، އެހާ ގިނަ ދުވަސްވުމުން ރާއްޖެއަށް އައީ ވަރަށް ބަރުކޮށް ކަމަށެވެ.

"ފަސް ޓްރޯލީ ދަމާފައި އުޅުނީ. ބެކްޕެކް އަޅުވައިގެން އުޅެފައި ވަރުބަލިވާތީ ދަމާފައި އައި ފޮށްޓެއްގެ މަތީގައި ބެކްޕެކް ބައިންދާލީ. ބަލާ އައި މީހުން ފޮޓޯއާ އެއްޗެހި ނަގާފައި ހުރިއިރު ބޭގް ހުރި، ނިކުމެގެން ގޮސް ކޮފީ ކްލަބްއާ ހިސާބަށް ދިޔައިރު ވެސް. ފޮށި މަތިން އެންމެ ފަހުން ބޭގް ފެނުނީ،" އޭނާ ކިޔައިދިނެވެ.

ފޮށިތައް ގިނަމުން އަލްމާ އެއާޕޯޓުން ގެއަށް ދިޔައީ އާއިލާގެ ދެ ކާރުގަ އެވެ. ކާރުތަކަށް ފޮށިތައް އެރުވީ އަލްމާގެ ބައްޕައާއި ކާރު ދުއްވަން ހުރި މީހެއްކަމުން، ގެއްލުނު ދަބަސް ކާރަކަށް ނޭރުވޭކަން ޔަގީންވާ ކަމަށް އަލްމާ ބުންޏެވެ.

ދަބަހާއެކު ގެއްލުނު ތަކެތީގެ ތެރޭގައި ހަ މަސް ދުވަހު އިންޑިއާގައި ހުރެ ހެދި ކީމޯތެރަޕީގެ ލިޔެކިޔުންތަކާއި ވޮލެޓާއި އައިޑީކާޑު އަދި ފޯނަކާއި ފައިސާ ހިމެނެ އެވެ.

"މިދިޔަ ސެޕްޓެމްބަރު މަހުގައި ޑައިގްނޯސްވެފައި އޭރު ކޮޗިންއަށް ދިޔަ ގޮތަށް އަދި މިއައީ. އޭރު ކޮޗިންއަށް ގޮސް ކީމޯތެރަޕީ ފަށާފައި ޕްރޮޓޮކޯލްގެ ދަށުން 12 ޑޯޒު ނިންމާފައި މިއައީ،"

އަލްމާ އިންޑިއާއަށް ފުރިއިރު ހުރީ ބްލަޑް ކެންސަރު ސްޓޭޖް ހަތަރެއްގަ އެވެ. އަދި ކީމޯ ދޭން ފަށާފައި ހެދި ސްކޭނުން އިމްޕްރޫވްމަންޓް ފެނުނު ކަމަށް އަލްމާ ބުންޏެވެ.

"12 ޑޯޒު ނިންމާފައި މި އައީ މާލެއަށް. މެއި މަހުގައި ސްކޭން ހަދަން ދާން ޖެހޭ. އެ ސްކޭނުން އެއްކޮށް އެނގޭނީ،" އަލްމާ ބުންޏެވެ.

އަންނަ މެއި މަހު އަނެއްކާވެސް ފަރުވާއަށް އިންޑިއާއަށް ދާން ޖެހޭއިރު، ގެއްލުނު ދަބަހުގައި ހުރީ އެކަމަށް ހަރަދުކުރަން ހުރި ފައިސާ އެވެ. އެއީ އަލްމާ ރައްކާކޮށްފައިހުރި ފައިސާއާއި އާއިލާއާއި ގާތް ރަހުމަތްތެރިން އޭނާއަށް ހަދިޔާކުރި ފައިސާ އެވެ.

ދަބަސް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާއެކު ފުލުހުންގެ އެހީތެރިކަން ފުރިހަމައަށް ލިބުނު ކަމަށް އަލްމާ ބުންޏެވެ.

"ވާ ގޮތަކީ ކޮފީ ކްލަބު ދޫކޮށްފައި ކާރުތައް އަންނަ ދިމާލަށް ދިޔައީ. އެ ކަފިހި ހުރަހުން ހުރަސްކުރާ ހިސާބުގައި ސީސީޓީވީއެއް ނެތް. އަސްލު ޕޮލިހުންވެސް ވަރަށް އެހީވެދިން، ވަރަށް މަސައްކަތް ކޮށްދިން. އެކަމަކު ސީދާ އެ ހިސާބު ފެންނަން ނީންނާތީ އެކޮޅަށް ވެސް އުނދަގުލީހެން ހީވަނީ. ވަރަށް މީހުންވެސް ގިނަ ދުވަހެއް އަދި ވާރޭވެސް ވެހޭ ދުވަހެއް އެއީ. ތެޅިފޮޅިގެން ގެއަށް ދިޔައިރު ތެމިފައި ތިބީވެސް. އެހާ ގިނަ ލަގެޖު ހުރީމަ ނޭނގުނީ،" އަލްމާ ބުންޏެވެ.

އަލްމާ ބުނީ ފުލުހުންގެ ފަރާތުން އަދިވެސް އެހީ ލިބެމުންދާ ކަމަށެވެ. ވަރަށް ގިނައިން ގުޅައި، އަޕްޑޭޓް ދެމުންދާ ކަމަށާއި ޓުވީޓު ކުރުމާއެކު އެއާޕޯޓުގައި މަސައްކަތްކުރާ ދަންނަ މީހުން ވެސް ގުޅައި، ވާނުވާ ބަލަމުންދާ ކަމަށް އޭނާ ބުންޏެވެ.

"އުންމީދު ކުރަނީ ފެންނާނެ ކަމަށް،" އޭނާ ބުންޏެވެ.

ގެއްލުނު ދަބަސް ފެނިއްޖެނަމަ ގުޅާނެ ނަންބަރަކީ 9998667 އެވެ. ދަބަސް ހޯދައިދިން ފަރާތަކަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ބޭރުން އައި މީހެއްގެ ދަބަހެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެއަށް ގެއްލިފައިވާ ކަމަށް ބެލެވޭ މައްސަލައެއް ޖެހިގެން އައި ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

comment ކޮމެންޓް