ކޮވިޑް ކޭސްތައް ގިނަވެ "ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރުން ފަސްކޮށްފި

ފިލްމުގެ ތަރިން---

އިންޑިއާގައި ކޮވިޑް19 ގެ ކޭސްތައް އިތުރުވަމުން ދާތީ ފިލްމު "ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ދެހާސް ފަސްވަނަ އަހަރު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ"ގެ ސީކުއަލް ކުރިން ރިލީޒްކުރަން ނިންމީ އަންނަ މަހުގެ 23 ވަނަ ދުވަހުގަ އެވެ. ޔަޝްރާޖް ފިލްމްސްއިން ގެނެސްދޭ މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނީ ސިދާންތު ޗަތުރްވެދީ އާއި ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރި ޝަރްވަރީ އެވެ. އަދި ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާން އެވެ.

ބޮލީވުޑްގެ ކްރިޓީކް ތަރަން އާދާޝް ބުނީ ފިލްމު ރިލީޒްކުރާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

މި ފިލްމުގެ ފުރަތަމަ ބައިގެ ލީޑު ރޯލުން ފެނިގެންދިޔައީ އަބީޝޭކް ބައްޗަން އާއި ރާނީ މުކަރްޖީ އެވެ.

އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ރާނީއާއި ސައިފް ސްކްރީނުން އެކުގައި ފެނިގެންދާ 11 ވަނަ ފިލްމަށެވެ. ދެތަރިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ "ހަމް ތުމް" އާއި "ތާރާ ރަމް ޕަމް" އެވެ.

ބަންޓީ އޯރް ބަބްލީ ވެގެންދާނީ 2019 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "މަރުދާނީ 2" އަށްފަހު ބަތަލާ ރާނީ ފެނިގެންދާ ފިލްމަށެވެ.

comment ކޮމެންޓް