ހިޔާ މަޝްރޫއު: ސިވިލް ސާވިސް ކެޓަަގަރީން ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން ލަފާދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނަށް ފްލެޓު ދިން އިރު ދިރިއުޅުމުގެ ހާލަތަށް ނުބަލައި ޕޮއިންޓު ދީފައިވާތީ، އެ ކެޓަގަރީންވެސް ކުރިމަތިލާފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ އިން ލަފާދީފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ ފްލެޓުތައް ދިނުމާ ގުޅޭ ދިރާސާ އަށް ފަހު އެކުލަވާލި ކޮމިޓީ ރިޕޯޓުގައި ބުނީ ދިރިއުޅުމުގެ ހާލަތު އެހެން ކެޓަގަރީތަކުގައި ވަޒަންކުރި މިންގަނޑުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފިރިއުޅުމުގެ ހާލަތު ވަޒަންކޮށް ޕޮއިންޓް ދޭނެ އުސޫލެއް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ އިން ކަނޑައަޅައި، އެ ކެޓެގަރީ އަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އަލުން ވަޒަންކުރުމަށް ލަފާދޭ ކަމަށެވެ.

ސިވިލް ސާވިސް ކެޓަގަރީ އިން ފްލެޓު ދޫކޮށްފައިވަނީ މެނޭޖީރިއަލް ލެވެލްއާއި އިދާރީ އަދި ސަޕޯޓް ސާވިސް ލެވެލްއަށް ވަކިންނެވެ. އެ ކެޓަގަރީ އަށް 1000 ފްލެޓު ކަނޑައަޅާފައި ވެއެވެ.

ސިވިލް ސާވިސް ކެޓަގަރީ އިން ފްލެޓު ދިނުމުގައި ބަލާފައިވަނީ މުވައްޒަފުން ވަޒީފާގައި ހޭދަކުރި މުއްދަތާއި، ކޮލިފިކޭޝަން ފަދަ ކަންތައްތަކަށެވެ.

ކޮމިޓީ ރިޕޯޓުގައި ބުނީ ހިޔާ މަޝްރޫއުގެ ސިވިލް ސާވިސް ކެޓަަގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް، އެހެން ކެޓެގަރީތަކާ ހިލާފަށް ދިރިއުޅުމުގެ ހާލަތަށް ބެލުމެއްނެތި އިޖްތިމާއީ ގެދޮރުވެރިކަމަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާކަމަށެވެ.

ސިވިލް ސާވިސް އަށް ހާއްސަ ކެޓެގަރީން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ފަރާތްތައް ހިމެނިފައިވުމުގެ ފުރުސަތު އޮންނާނެތީ، އެހެން ކެޓެގަރީ ތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ފްލެޓް ހައްގުވާ، ނަމަވެސް ފްލެޓް ލިބިފައިނުވާ ފަރާތްތަކަށްވުރެ ދިރިއުޅުމުގެ ހާލަތުގެ ގޮތުން ފެންވަރު ރަނގަޅު ފަރާތްތަކަށް ސިވިލް ސާވިސް ކެޓަގަރީ އިން ފްލެޓް ލިބިފައިވާނެކަމަށް ކޮމިޓީގެ ދިރާސާ އިން ފާހަގަވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ކޮމިޓީ އިން ލަފާދީފައިވަނީ ދިރިއުޅުމުގެ ހާލަތު އެހެން ކެޓެގަރީ ތަކުގައި ވަޒަންކުރި މިންގަނޑުން ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓެގަރީ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތުބަލައި ޕޮއިންޓު ދޭނެ އުސޫލެއް ކަނޑައަޅައި އެ ކެޓަގަރީ އަލުން މުރާޖައާ ކުރުމަށެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއެއް ނަމަވެސް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް މަޝްރޫއު އަމާޒުކުރުމުގެ ބަދަލުގައި، ޑޮކްޓަރުންނާއި، ނަރުހުން ފަދަ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތައް ހިޔާގައި ހިމެނިފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ރިޕޯޓުގައި ބުނީ އެ ކެޓެގަރ ތަކުގައި ހިމެނޭ، ރަނގަޅު އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ފަރާތްތަކަށް އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރެވޭ ފްލެޓްތައް ލިބިފައިވުމުން، އެކަމަށް އެންމެ ބޭނުންޖެހިފައިވާ ނުވަތަ ދިރިއުޅުމުގެ ފެންވަރު ދަށް، އަދި އިގްތިސޯދީ ގޮތުން ނިކަމެތި ފަރާތްތަކަށް އިޖްތިމާއީ ބޯހިޔާވަހިކަން ލިބުމުން މަޙްރޫމްވުމަށް މަގުފަހިވެދާނެ ކަމަށް ދެކޭ ކަމަށެވެ.

ކޮމިޓީ އިން ހުށަހަޅާފައިވަނީ ހިޔާ މަޝްރޫއުގައި ހިމެނިފައިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓެގަރީ އިން ފްލެޓް ލިބުމަށް ޝަރުޠުހަމަވެ، ފްލެޓް ލިބޭނެކަމަށް މިހާރު ކަނޑައެޅިފައިވާ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުކޮށް، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރާ އެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް އެންމެ އެކަށޭނަ ގިންތިއަކުން، އެފަރާތްތަކަށް ފްލެޓް ނުވަތަ ހައުސިންގް ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކޮށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް އަމާޒުކުރެވޭ ފަރާތްތަކަކީ ވަކި ފަންނެއްގައި ކުރިއަރާފައިވާ ނުވަތަ ވަކިވަޒީފާއެއް ނުވަތަ ވަކި މަގާމެއް އަދާކުރާ ނުވަތަ ވަކި ވަރަކަށްވުރެ ބޮޑު އާމްދަނީ އެއް ލިބޭ ފަރާތްތަކެއްކަމަށް ކަނޑައެޅުމުގެ ބަދަލުގައި، އެ ބާވަތުގެ ބޯހިޔާވަހިކަން ލިބިދެވޭނެ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެކަމަށް އެންމެ ބޭނުންޖެހިފައިވާ އަދި އެންމެ ހައްގުވެރި ފަރާތްތަކަކަށްކަން ސަރުކާރުން ކަށަވަރުކުރުމަށް ވަނީ ލަފާ ދީފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް މި މަސް ނިމުމުގެ ކުރިން ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވައިރު މަޖިލީހުން ވަނީ އެ މުއްދަތާއި ހަމައަށް މަސައްކަތްތައް ނިންމަން ލަފާދީފަ އެވެ.

comment ކޮމެންޓް