މިޔަރު ދިރިހުރުމުން ފައިދާ މާ ބޮޑު!

2000ގެ ކުރީކޮޅު: ރާއްޖޭގެ ރަށެއްގައި ބާނާފައި ހުރި މިޔަރުތަކެއްގެ އުރަހަ ކަނޑަނީ --

"މަސްވެރިކަން ކުރަން މިހާރު ނުދެވޭ އެންމެ ދުވަހެއްވެސް މިޔަރަކާ ތަޅާ ނުފޮޅާ. ވަރަށް ގިނަ ފަހަރު ބާނާ މަސްތަކުގެ އެއްބުރި އަންނަ ވަރުން އެބަ އަންނަން ޖެހޭ ހުއްޓާލާފައި،" މި ފަހަކަށް އައިސް މިޔަރުގެ އުނދަގޫ ބޮޑުވެފައިވާ ވަރު، ޓޫރިސްޓުން ގޮވައިގެން ސްޕޯޓްސް ފިޝިންއަށް ދާ މުހައްމަދު ހުނެއިފު ކިޔައިދިނެވެ.

މިއީ ހަމައެކަނި ސްޕޯޓްސް ފިޝިންގައި އުޅޭ މީހުންގެ ކަންބޮޑުވުމެއް ނޫނެވެ. މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހްމަދު ޝާފިއު ވިދާޅުވި ގޮތުގައި މިޔަރުގެ އުނދަގުލަކީ ވަރަށް ގިނަ މަސްވެރިންގެ ކަންބޮޑުވުމެކެވެ. ބޮޑު ކަންނެލި މަސްވެރިން ވެސް ބުނަނީ ހަތަރު މަސް ބޭނިއްޔާ ލިބެނީ ދެ މަހާއި ބުރިއެއް ކަމަށެވެ. އެއީ މިޔަރަށް "ޖިޒީ" ދައްކަން ޖެހޭތީ އެވެ. އެ މީހުން ގޮވާލަނީ މިޔަރުގެ އާބާދީ ދަށް ކުރަން އަލުން މިޔަރު މަސްވެރިކަމަށް ހުޅުވާލާށެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ހެދި މި ފަހުން ބައެއް މަޖިލިސް މެމްބަރުން ގެންދިޔައީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ޕްރެޝަރު ކުރަމުންނެވެ. މިޔަރު މަސްވެރިކަމަށް ހުޅުވާނުލާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، އެންމެފަހުން މިނިސްޓަރުގެ ރާގު ވެސް ބަދަލުވެއްޖެ އެވެ. މާކަނޑުގައި މިޔަރު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ވިސްނުން މިނިސްޓްރީ އިން ގެންގުޅޭކަން އޭނާ ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވައިފަ އެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާ ކުރިތާ 11 އަހަރު ފަހުން އަނެއްކާ ވެސް އެކަން ކުރަން ހުއްދަ ދިނުމުގެ ވާހަކަ ދަނީ ދެކެވެމުން -- ފޮޓޯ/ މުހައްމަދު ސިނީން (ސިންދި)

އެއާއެކު، ކެކި އަރައިގެން އައީ މީގެ 10 ވަރަަކަށް އަހަރު ކުރިން ނިމިފައި އޮތް ބަހުސެކެވެ. އެއީ މިޔަރު މަސްވެރިކަމުގެ ގެއްލުމާ ގުޅޭ ބަހުސެވެ. އެއްކޮޅުގައި މިޔަރުތައް ޓޫރިސްޓުންނަށް ދައްކައިގެން ޑޮލަރު ހޯދާ ޑައިވަރުންނެވެ. އަނެއް ކޮޅުގައި ރުޅިގަދަވެފައި ތިބި މަސްވެރިންނާއި މިޔަރު މަސްވެރިކަން ކުރާ ހިތުން ތިބި މީހުންނެވެ.

ދިރިހުއްޓާ މާ ފައިދާ ބޮޑު

މިޔަރު މަސްވެރިކަމަކީ މީގެ އެތައް ސަތޭކަ އަހަރު ކުރިންވެސް ރާއްޖޭގައި ކުރި ކަމެކެވެ. ރާއްޖޭގައި ކުރި މިޔަރު މަސްވެރިކަމުގެ ތެރެއިން އެއް ވައްތަރަކީ ކަށިމިޔަރު މަސްވެރިކަމެވެ. އަތޮޅުގެ ބޭރުން ވަރަށް އަޑީގައި އުޅޭ އެ މިޔަރުގެ ތެލަކީ އޮޑިފަހަރު ބޭރުގައި ލުމަށާއި ބޭހެއްގެ ގޮތުގައި ބޭނުންކުރި އެއްޗެކެވެ. އަށްޑިހައިގެ ތެރޭގައި ރާއްޖެ އައި ޖަޕާނު ބަޔަކާ ހެދި އޭގެ ޑިމާންޑު ވަރަށް ބޮޑަށް އުފުލި، އޭގެ މަސްވެރިންކަން މާބޮޑަށް އިތުރުވި އެވެ. އެންމެ ފަހުން ކަށިމިޔަރުތައް މަދުވެ، އޭގެ މަސްވެރިކަން 90ގެ ކުރީކޮޅު ގާތްގަނޑަކަށް ހުއްޓިގެން ދިޔަ އެވެ.

އޭގެ އިތުރުން، އެތެރެވަރީގައި ފަރުތަކުގައި އުޅޭ މިޔަރުތަކާއި އަތޮޅު ބޭރުން މާކަނޑުގައި އުޅޭ މިޔަރުތައް ނަނު ފައްތައިގެންނާއި ދާ އަޅައިގެން ބާނައި އުޅުނެވެ. އެއީ ފަހުގެ ތާރީހުގައި އެންމެ އާންމުވި ދެ ބާވަތެވެ. އެއީ މައިގަނޑު ގޮތެއްގައި މިޔަރުގެ މަހާއި އުރަހައަށް ޓަކައި ކުރި މަސްވެރިކަމެކެވެ.

މިޔަރުތައް ބާނައި ހުސްކުރާތީ 90ގެ އަހަރުތަކުން ފެށިގެން ޓުރިޒަމް އިންޑަސްޓްރީއާއި މިޔަރު މަސްވެރިންނާ އޮތީ ކަނޑިއާ ކަނޑި ޖެހިފަ އެވެ. އެންމެ ފަހުން ގަދަވީ ޓޫރިޒަމް އިންޑަސްޓްރީ އެވެ. ސަރުކާރުން 2010ގައި މިޔަރު ބޭނުން މަނާކޮށް، ޖެހިގެން އައި އަހަރު އޭގެ ވިޔަފާރިވެސް މަނާ ކުރި އެންމެ ބޮޑު އެއް ސަބަބަކީ މިޔަރުތައް ދިރިހުއްޓާ ލިބޭ ފައިދާ މާ ބޮޑުވުމެވެ. އެ ފައިދާ ކުރަނީ ޓޫރިޒަމް އިންޑަސްޓްރީއަށެވެ. މިޔަރުތައް ބަލަން ޓޫރިސްޓުން ޑޮލަރުތައް ހިފައިގެން އަންނާތީ އެވެ. އެކަމަށް ބާރުދޭ ދިރާސާތަކާއި ހޯދުންތައް އޭރުވެސް މިހާރުވެސް ހުރީ "ފުނިޖެހިފަ" އެވެ.

ފިޝަރީޒް މިނިސްޓްރީއިން 2011 ވަނަ އަހަރު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)އަށް ހުށަހެޅި ރިޕޯޓެއްގައިވާ ހިސާބުތަކުން ދައްކާ ގޮތުން މިޔަރު މަސްވެރިކަމުގެ އެންމެ "ޗާލާކީ" ޒަމާނުގައިވެސް މިޔަރު އުރަހައާއި މަހުގެ އެކްސްޕޯޓަށް ވުރެ މިޔަރު ބަލަން ކުރި ޑައިވްތަކުން ލިބުނު އާންމުދަނި މާ ބޮޑެވެ. އެގޮތުން، 1992 ވަނަ އަހަރު މިޔަރު ބަލަން ޑައިވިންއަށް ރާއްޖެ އައި ޓޫރިސްޓުންގެ ފަރާތުން އިގުތިސާދަށް 2.3 މިލިއަން ޑޮލަރު ވަން އިރު ހަމަ އެ އަހަރު، މިޔަރު މަހާއި އުރަހަ ފަދަ އުފެއްދުންތައް އެކްސްޕޯޓުކޮށްގެން ރާއްޖެއަަަށް ވަނީ ގާތްގަނޑަކަށް 0.7 މިލިއަން ޑޮލަރެވެ. އެ އަހަރަކީ މިޔަރު އުރަހައާއި މަސް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރި އެއް އަަހަރެވެ.

2000ގެ ކުރީކޮޅު: ކަނޑާފައި ހުރި މިޔަރު އުރަހަތަކެއް --

މެރިން ކޮންޒަވޭޝަނިސްޓް ޝަހާ ހާޝިމް ދެކޭ ގޮތުގައި، ދެން މިޔަރު މަސްވެރިކަމަށް ހުޅުވާލިއަސް، ބައިނަލްއަގުވާމީ ގޮތުން އަޅާފައި ހުރި ފިޔަވަޅުތަކާހެދި 90ގެ އަހަރުތަކުގައި މިޔަރުން ލިބުނު ވަރަށްވެސް މިހާރު އާންމުދަނީއެއް ނުލިބޭނެ އެވެ.

ރާއްޖޭގައި މިޔަރު މަސްވެރިކަން މަނާ ކުރުމުގެ ކުރިން އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެންމެ މިޔަރެއް މަރާނުލައި ބަހައްޓައިގެން އޭގެ އުމުރުގައި ރާއްޖޭގެ އިގްތިސާދަށް އަހަރަކު 3300 ޑޮލަރު ލިބިލިބި ހުންނާ އެވެ. ނަމަވެސް، ހިފާ ކޮންމެ މިޔަރަކަށް މަސްވެރިޔާއަށް ލިބޭނީ 32 ޑޮލަރުގެ ފައިދާ ކަމަށް އެ ދިރާސާއިން ދެއްކި އެވެ.

ޑައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައުންޑާ މެމްބަރެއް ކަމަށްވާ އަބްދުﷲ ހަސްރަތު (ހައްތު)އާއި ޑައިވަރު އަދި އަންޑަވޯޓާ ފޮޓޯގްރާފަރު މުހައްމަދު ސިނީން (ސިންދި) ތަޖުރިބާއާއެކު ދެއްކި ވާހަކަތަކުން އެނގެނީ މިހާރު އެންމެ މިޔަރަކުން އިގުތިސާދަށް ވަންނަ އާންމުދަނީ ކުރިއަށް ވުރެ އެތައް ގުނަ އިތުރުވެއްޖެ ކަމެވެ.

"އެވަރެޖުކޮށް ތިލައެއްގައި އުޅޭ މިޔަރެއްގެ ބޮަލަކަށް، ފީނާ މީހުންގެ އަދަދަށް ބަލާއިރު އެބަ ޖެހޭ 10،000 ޑޮލަރު،" ހައްތު ބުންޏެވެ.

މިޔަރު މަސްވެރިކަން މަނާ ކުރުމުގެ ކުރިންވެސް މިޔަރުގެ އާބާދީ ދަށްވެ، އޭގެ މަސްވެރިކަން ދިޔައީ ކޮންމެ އަހަރަކު ދަށަށެވެ. ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2003 ވަނަ އަހަރު މިޔަރު މަސްވެރިކަމަށް 132 އުޅަނދު ބޭނުންކުރިޔަސް 2007 ވަނަ އަހަރު އައި އިރު އެ އަދަދު ވަނީ 46އަށް ވެއްޓިފަ އެވެ. ދެހާސްތިން ވަނަ އަހަރު 400 މެޓްރިކް ޓަނުގެ މިޔަރު އުރަހައާއި މަސް އެކްސްޕޯޓު ކުރި ނަމަވެސް، 2007 ވަނަ އަހަރު އެކްސްޕޯޓު ކުރީ 233 މެޓްރިކް ޓަނެވެ. އެހެންކަމުން، މިޔަރު މަސްވެރިކަން ހުޅުވާލިޔަސް އެއީ މާކަ ގިނަ ދުވަހު ދެމެހެއްޓޭނެ އެއްޗެއް ނޫން ކަމަށް ބައެއް މާހިރުން ދެކެ އެވެ.

އިންޑަސްޓްރީއަށް ލޮޅުން އަރައިފި ނަމަ ގެއްލުން ބޮޑު

ހައްތު އާއި ސިންދި ފާހަގަ ކުރި ކަމަކީ މިޔަރު މަސްވެރިކަން ކުރި އިރުވެސް އެކަމުން މަންފާ ވަމުން ދިޔައީ، އަދި މިހާރު މިޔަރުގެ ސަބަބުން ގެއްލުން ވަނީ މަދު ދިވެހި އާއިލާތަކަކަށް ކަމެވެ. އެއާ ހިލާފަށް ޓޫރިޒަމްއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ އާންމުދަނީއާ ސީދާ ގުޅިފައިވާ ކަމެއްކަން އެ ދެެ މީހުން ފާހަގަ ކުރި އެވެ. އެހެންކަމުން، ގިނަ ބަޔަކަށް ގެއްލުންވާނެ ގޮތަކަށް ކަންތައް ކުރުމަކީ އެ މީހުން ގަބޫލު ކުރާ ގޮތުގައި ހަމަޖެހޭ އުސޫލެއް ނޫނެވެ.

"މިއީ ހަމައެކަނި އެކެއްގެ، ދެ މީހެއްގެ، ފަސް މީހެއްގެ ނޫނީ 100 މީހެއްގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން. މިއީ މުޅި ރާއްޖޭގެ އެންމެންގެ މަސްލަހަތު ހިމެނޭ ކަމެއް،" ހައްތު ބުންޏެވެ.

"އަހަރެމެންނަށް ރަނގަޅަށް ކުރެވިފައި އޮތް ކަމެއް [މިޔަރު ހިމާޔަތް ކުރުމަކީ]، އެކަމުގެ ސަބަބުން އެތައް ފައިދާއެއް ވާ ކަމެއް. އެކަމުގެ ސަބަބުން ރާއްޖޭގެ ޑައިވް އިންޑަސްޓްރީއަށް އެހާ ރަނގަޅު ހައިޕެއް ލިބިފައިވާ ކަމެއް، ކީއްވެހޭ އަހަރެމެން އަނބުރާ އެއަށް [މިޔަރު މަސްވެރިކަމަށް] ދާންވީ،"

2000ގެ ކުރީކޮޅު: ރާއްޖޭގެ ރަށެއްގައި ބާނާފައި ހުރި މިޔަރުތަކެއްގެ އުރަހަ ކަނޑަނީ --

މިޔަރު މަސްވެރިކަމަށް ހުޅުވާލަން ތާއީދު ކުރާ ހުނެއިފު ފާހަގަ ކުރީ، ސްޕޯޓްސް ފިޝިންއަކީވެސް ޓޫރިޒަމް އިންޑަސްޓްރީގައި ހިމެނޭ ކަމެއް ކަމެވެ. އަދި އެ މީހުންގެ ވިޔަރާރިއަށް މިޔަރުގެ ސަބަބުން ގެއްލުން ދައްކާ ކަމެވެ. ސްޕޯޓްސް ފިޝިންއަށް ރާއްޖެއަށް ގަވައިދުން އަންނަ ފަތުރުވެރިންވެސް ކުރީ އަހަރުތަކާ އަޅާބަލާއިރު މިހާރު މިޔަރުގެ އުނދަގޫ ބޮޑުކަން ފާހަގަ ކުރާ ކަމަށް އޭނާ ބުންޏެވެ. އޭނާ އެދެނީ، ޓޫރިޒަމް އިންޑަސްޓްރީގައި އުޅޭ އެންމެން ވާހަކަ ދައްކައިގެން މިޔަރުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ.

"މީގައި އެންމެންނަށްވެސް އެއްބަސްވެވޭނެ. މި އުޅެނީ މިޔަރު މުޅިން ދުނިޔެއިން ނޫނީ މި ސަރަހައްދުން ނައްތާލާކަށް ނޫން. ކޮންޓްރޯލް ގޮތަކަށް މިކަން ކުރެެވެން އެބަ ޖެހޭ ނޫންހެއްޔޭ،" ހުނެއިފު ބުންޏެވެ.

ނަމަވެސް، މިޔަރު އަލުން ބާނަން ފަށައިފި ނަމަ ޑައިވިން އިންޑަސްޓްރީއަށް ގެއްލެން އޮތް އާންމުދަނީ ވަރަށް ބޮޑުކަން ދިރާސާތަކުން އެނގެ އެވެ.

މެރިން ޕޮލިސީ ޖާނަލްގައި 2018 ވަނަ އަހަރު ޝާއިއު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މިިޔަރު ބަލަން ޑައިވް ކުރި މީހުންގެ ފަރާތުން ރާއްޖޭގެ އިގްތިސާދަށް 14.4 މިލިއަން ޑޮލަރު ވަދެފައިވެ އެވެ. އަދި އެ މީހުން އެކަމަށް އައިސް އުޅުމުގެ ތެރޭގައި ކުރި އެހެނިހެން ހަރަދުތަކާއެކު ދިވެހި ވިޔަރާރިތަކަށް 51.4 މިލިއަން ޑޮލަރު ވަންނާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އޭގެ އިތުރުން، ސަރުކާރަށް ޓެކްސްގެ ގޮތުގައި 7.2 މިލިއަން ޑޮލަރާއި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 4.1 މިލިއަން ޑޮލަރު ލިބޭ ކަމަށް އަންދާރާކޮށްފައިވެ އެވެ.

މިޔަރު ހިމާޔަތް ކުރުމާއި ޑައިވިންއަށް އޮންނަ ޑިމާންޑާ ގުޅޭގޮތުން 2015 ވަނަ އަހަރު ހެދި ދިރާސާއެއްގައި އަންދާޒާ ކުރި އަދަދުތައް އަދި އެއަށްވުރެ މާ އިތުރެވެ. އެ ދިރާސާގައި އަންދާޒާ ކުރި ގޮތުގައި އޭރު ސީދާ ޑައިވިން އިންޑަސްޓްރީއިން އަހަރަކު 43 މިލިއަން ޑޮލަރު (664 މިލިއަން ރުފިޔާ) ރާއްޖޭގެ އިގްތިސާދަށް ވަދެ އެވެ. އަދި ޑައިވިންއަށް އަންނަ ފަތުރުވެރިން ކުރާ އެހެނިހެން ހަރަދުތަކާ ލައިގެން މުޅި ލޯކަލް ޓޫރިޒަމް އިންޑަސްޓްރީއަށް 154 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ވަންނަ ކަމަށް އަންދާރާކޮށްފައިވެ އެވެ.

ޑައިވިންއަށް ދާ ފަތުރުވެރިންގެ ސާވޭއެއް ހަދައިގެން ތައްޔާރު ކުރި އެ ދިރާސާއިން ދެއްކި ގޮތުގައި، މިޔަރުތައް ހިމާޔަތްކޮށްފައި ހުރުމުން ޑައިވްއަށް އޮންނަ ޑިމާންޑު 15 ޕަސެންޓު އިތުރުވެ، އިގުތިސާދަށް އިތުރު ހަ މިލިއަން ޑޮލަރު ވަންނާނެ އެވެ. ނަމަވެސް، މިޔަރު ބޭނުން ފަދަ ކަންތައްތައް ޓޫރިސްޓުންނަށް ފެންނަ ނަމަ ޑިމާންޑު 56 ޕަސެންޓު ވެއްޓި އިގުތިސާދައް ވަންނަން ހުރި 24 މިލިއަން ޑޮލަރު ގެއްލިގެން ހިނގައިދާނެ ކަމަށްވެ އެވެ.

ވޭލްޝާކް ނުވަތަ ފެހުރިހި: ފެހުރިހީގެ އުރަހައެއް ކަޅު ބާޒާރުގައި 20،000 ޑޮލަރަށް ވިކޭ -- ފޮޓޯ/ މުހައްމަދު ސިނީން (ސިންދި)

މިޔަރު މަސްވެރިކަން އަލުން ހުޅުވާލަން ވިސްނާ ކަމަށް މިނިސްޓަރު ވިދާޅުވި ހަބަރު ބޭރުގެ ޑައިވް ސައިޓުތަކުގައި ޖެހުމާއެކު މިހާރުވެސް ރާއްޖޭގެ ޑައިވިން ދާއިރާއަށް ވަނީ އަސަރުކޮށްފަ އެވެ. ހައްތު ބުނި ގޮތުގައި ރާއްޖެ ޕްރޮމޯޓު ކުރަން އެ މީހުން ކުރި މަސައްކަތަށް ވަރަށް ބޮޑު ގެއްލުމެއް އެކަމުން ވެއްޖެ އެވެ.

"އެ ހަބަރަކީ، ބަލާ ގާތްގަނޑަކަށް އަހަރެމެންގެ އެއް އަހަރު ދުވަސް ވަންދެން ކުރި މަސައްކަތް ފަހަތަށް ޖެހުން ކަމަށް. މި ހަބަރާ ހެދި މީހުންނަށް [ފަތުރުވެރިންނަށް] އެޝުއަރެންސް ދޭން އަހަރެމެން ކުރަން ޖެހޭ މަސައްކަތް ހީވެސް ނުކުރާހާ ބޮޑު،" ހައްތު ބުންޏެވެ.

ހުޅުވާލައިފިއްޔާ މޮނިޓާ ކުރެވޭނެތަ؟

މިނިސްޓަރު ޒަހާ ވިދާޅުވެފައި ވަނީ މިޔަރު މަސްވެރިކަން ހުޅުވާލަން ވިސްނަނީ މާކަނޑުގައި "ކޮންޓްރޯލްޑް ފިޝަރީޒް"އެއްގެ ގޮތުގަ އެވެ. މާނައަކީ އެކަން ކުރާނީ ވަކި ދުވަސްވަރެއްގައި ވަކި ސަރަހަައްދެއްގައި ވަކި ބައެކެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އޭގެ އާބާދީއަށް ގެއްލުން ނުވާ ގޮތަކަށެވެ.

އެގޮތަށް އެކަން ހުޅުވާލިޔަސް، މިޔަރުތައް ބާނަނީ ހަމަ ސީދާ އަތޮޅު ބޭރުންތޯ ނޫނީ އެތެރެވަރިންތޯ ޔަގީން ކުރާނެ ގޮތެއް އޮންނާނެ ކަމާމެދު ހައްތު އާއި ސިންދި ސުވާލު އުފައްދަ އެވެ. ރާއްޖެއަކީ ހަމަައެކަނި ގަވައިދު ހަދާލާފައި އެ ގަވައިދު ތަންފީޒު ކުރުމުގެ ކަންކަން ކަންފަސޭހަކޮށްލާފައި އޮންނަ ގައުމަކަށްވާތީ، ހަމަ އެތެރެވަރީގެ ފަރުތަކުން މިޔަރު ބާނާނެ މީހުންވެސް އުޅޭނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.

"ސުވާލަކީ ކާކަށް ހެއްޔޭ މޮނިޓާ ކުރެވޭނީ، އެ މިޔަރު ނަގަނީ ބޭރުންތޯ، އެ މިޔަރު ނަގަނީ ތިލައިންތޯ އެ މިޔަރު ނަގަނީ ފަޅުންތޯ. ރާއްޖޭގެ ކަންކަން އޮންނަ ގޮތުން އެއްވެސް ކަމެއް ތަންފީޒެއް ނުކުރެވޭނެ،" ސިންދި ބުންޏެވެ.

ޝަހާވެސް ބުނީ، އެއްވެސް ގައުމެއްގައި އަދި މިހާތަނަށް މިޔަރު މަސްވެރިކަން މެނޭޖް ކުރެވިފައި ނެތް ކަމަށެވެ. މެނޭޖުކޮށް ކުރަން އުޅޭ ތަންތަނުގައިވެސް އޭގެ ގަވައިދާ ހިލާފު މަސްވެރިކަމާއި ކަޅު ބާޒާރު މާ ބޮޑު ކަމަށް ބުންޏެވެ. ރާއްޖެ ކަހަލަ ގައުމެއްގައި އެގޮތަށް ބަލަން ވަރަށް އުނދަގޫވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.

"ރާއްޖެ ކަހަލަ ދުރުދުރުގައި ރަށްރަށް އޮންނަ ގައުމެއްގައި ކިހާ އުނދަގޫވާނެ އެކަހަލަ ކަމެއް އެންފޯސް ކުރަން ނޫނީ މޮނިޓާ ކުރަން،" ޝަހާ ބުންޏެވެ.

ސްޕޯޓްސް ފިޝިންއަށް ގޮސް އުޅޭ ޑައިވަރެއް ކަމަށްވާ ރ. އިނގުރައިދޫ، އަލީ މާހިރު ދެކޭ ގޮތުގައި ވަކި ދުވަސްވަރެއްގައި މިޔަރު މަސްވެރިކަމަށް ހުޅުވާލުމުގައި މައްސަލައެއް ނެތެވެ. އެހެންނަމަވެސް، އެ މަސްވެރިކަން ހުޅުވާލައިފި ނަމަ ރަނގަޅަށް މޮނިޓާ ކުރެވޭނެ ކަމަށް އޭނާވެސް ގަބޫލެއް ނުކުރެ އެވެ.

"އެކަން ރެގިއުލޭޓު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" މާހިރު ބުންޏެވެ.

މިޔަރު މަސްވެރިކަމަށް ހުޅުވާލައިފި ނަމަ އެކަން ކުރަނީ ގަވައިދާ އެއްގޮތަށްތޯ ބަލާނެ ގޮތަކާ ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

އދ. އަތޮޅުގައި މިޔަރު މަސްވެރިކަން ކުރަމުންދަނިކޮށް ފުލުހުން ހުއްޓުވި ދޯނީގައި ބާނާފައި ހުރި މިޔަރު --

ރާއްޖޭގައި މިޔަރު މަސްވެރިކަން މަނާކޮށްފައި އޮތަސް އަދިވެސް އެކަން ފުޅާކޮށް ކުރެ އެވެ. އެއީވެސް މަނާކޮށްފައި ރަނގަޅަށް މޮނީޓާ ނުކުރެވި އޮތް އެތައް ކަމެއްގެ ތެރެއިން އެއް ކަމެވެ.

ޖެނުއަރީ މަހު ވައިގެ މަގުން ރާއްޖޭއިން ވަގަށް ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ އެއާޕޯޓުން ހިފަހައްޓާފައިވެ އެވެ. އަދި މި މަހުގެ ތެރޭގައި އދ. އަތޮޅުގައި މިޔަރު ބާނަން ނުކުމެ އުޅުނު ދޯންޏެއްވެސް ވަނީ ބާނާފައި ހުރި މިޔަރާއި ކަނޑާފައި ހުރި އުރަހަތަކާއެކު ހިފަހައްޓާފަ އެވެ. ހައްތު އާއި ސިންދި ބުނި ގޮތުގައި އެއީ ވަރަށް އަޑިއަށް މޫލާފައި އޮތް މައްސަލަގަނޑެއްގެ ކުޑަ މިންވަރެކެވެ. ފަޅާ އަރައިގެން ހުއްޓުވެނީ އެކަން ކުރާ މީހުންގެ ތެރެއިން މަދު ބައެއް ކަމަށް އެ މީހުން ބުންޏެވެ.

މައްސަލައަކީ މިޔަރުތަކަށް ކާން އެޅުން

ބައެއް މަސްވެރިން ދެކޭ ގޮތުގައި މިޔަރުގެ އުނދަގޫ އެހާ ބޮޑީ މިޔަރު ހިމާޔަތް ކުރުމުން އޭގެ އާބާދީ އިތުރުވެފައިވުމުންނެވެ. ހުނެއިފަކީ އެހެން ދެކޭ އެކަކެވެ. މިޔަރުތައް ގިނަވެގެން މިޔަރުތައް މަރަން ގޮވާލާއިރު، ހަމަ ހަގީގަތުގައިވެސް މިޔަރު ގިނަތޯ ނޫނީ މިއީ މިޔަރުތަކުގެ އުޅުމަށް އައި ބަދަލެއްތޯ ބަލަން ޖެހެ އެވެ.

ދިރާސާތަކަށް ބަލާއިރު މިޔަރުތަކުގެ އާބާދީ އިތުރުވިކަމަށް މިހާތަނަށް ދައްކާފައި ނުވާ ކަމަށް ޝަހާ ބުންޏެވެ. އެގޮތުން، މިޔަރުތަކުގެ އާބާދީ ބަލަން ކުރިއަށްގެންދާ "ޝާކް ވޮޗް" ސާވޭތަކުން ދައްކާ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް މިޔަރު ފެނުނުލެއް ވަކި އިތުރުވެފައެއް ނުވެ.

ހައްތު އާއި ސިންދިގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރު ޝާޒިޔާ ސައީދު (ސާޒު) ބުނާ ގޮތުން މިޔަރުތައް ވަކި ގިނަ ކަމެއް ފާހަގައެއް ނުކުރެ ވެ އެވެ. ޑައިވިންގެ ދާއިރާގެ ތަޖުރިބާކާރު ހުސެއިން ދީދީ (ސެންޑީ) ބުނީ އެންމެ ކުރިން މިޔަރުތައް ފެނުނު އިރާ ގާތްކުރާ ވަރަށްވެސް މިހާރު ނުފެންނަ ކަމަށެވެ.

"އަހަރެން ޓުއަރިސްޓުން ގޮަވައިގެން ގޮސް މިޔަރު ދެއްކި އަދަދާ ގާތަށްވެސް މިހާރު އަދިއެއް ނުދެއްކޭ،" ސެންޑީ ބުންޏެވެ.

ޑައިވަރު އަލީ މާހިރު ބުނި ގޮތުގައި ކުރިއާ އަޅާބަލާއިރު ވ. އަތޮޅާ ހުވަދު އަތޮޅުގެ ބައެއް ކަނޑުއޮޅިތަކުން މިޔަރު ފެންނަލެއް މީގެ އަށް ވަރަކަށް އަހަރާ އަޅާ ބަލާއިރު ގިނަ އެވެ. އޭނާ ފަދަ، އެކަމުގައި ހިޔާލު ތަފާތު ބައެއް ޑައިވަރުން އުޅެ އެވެ.

މިޔަރު އެއް ބުރި ކާލާފައި އޮތް މަހެއް: މިޔަރުގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ކަމަށް މަސްވެރިން ބުނޭ -- ފޮޓޯ/ ހޯނޑެއްދޫ މަސްވެރިން

މިޔަރު ގިނަ ނުވާ ނަމަ މަސްވެރިންނަށް އޭގެ އުނދަގޫ އެހާ ބޮޑުވަނީ ކީއްވެ ހެއްޔެވެ؟ ފިޝަރީސް މިނިސްޓްރީއިން ބޭއްވި 2019 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ފޯރަމާ ގުޅޭ ރިޕޯޓުގައިވާ ގޮތުން މިޔަރުތަކުގެ އުޅުމަށް ބަދަލު އަންނަނީ އިންސާނުން ކުރާ ކަންކަމުގެ ސަބަބުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން ރަށްރަށުންނާއި ރިޒޯޓުތަކުންނާއި މަސް ފެކްޓަރީތަކުން މޫދަށް ކުނި އަޅެމާއި އެ ނޫން ގޮތްގޮތަށް މިޔަރުތަކަށް ކާން ދިނުމުން، މިޔަރުތަކަށް ފަސޭހައިން ކާނާ ލިބި އެ ސޮރުމެން އެއަށް މާ ބޮޑަށް ބަރޯސާވެ އެެވެ.

އޭގެ ސަބަބުން، ދޯންޏެއް އަަންނަ އަޑަށް މިޔަރުތަކަށް ކާނާ ލިބެން އުޅޭ ކަމުގެ ސިގުނަލަކަށްވެ، ދޯނިތަކާ ދިމާލަށް މިޔަރު އަންނަ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. ސާޒުވެސް ކިޔައިދިން ގޮތުގައި މަސް ދޯނިތައް ކައިރިއަށް މިޔަރުތައް ގޮސް، މަސްވެރިންނަށް އޭގެ އުނދަގޫ ކުރިމަތިވަނީ އެހެންވެ އެވެ.

ސެންޑީ ބުނި ގޮތުގައި މިޔަރުތައް މަހާ ހެދި އޮޅުލުމަކީ އެއީ އާ ކަމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ސެންޑީމެން މަހަށް ގޮސް އުޅޭ އިރުވެސް މިޔަރުތަކުގެ އުނދަގޫ ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ. އެކަން އާ ވެގެން އުޅެނީ ފަހުގެ ކުދިންނަށެވެ.

"އަހަރެމެންވެސް އެހެން އުޅުނީ މިޔަރާ ހެދި. އޭގައި އޮންނާނީ ފައިޓް ކުރުން ދޯ އެއާ. އޭނަގެ ސަރަހައްދުން އެއްޗެއް ހިފީމަ އޭނަ ކާން ބޭނުންވާނެ އޭތި،" ސެންޑީ ބުންޏެވެ.

ވެއްޓަށްވެސް މިޔަރުގެ މުހިންމުކަން ބޮޑު

މިޔަރަކީ ބަނޑުގައި ދަރިމައިވެގެން ވިހާ އެއްޗެކެވެ. މިޔަރެއް ފުރިހަމައަށް ބޮޑުވާން 20 އަހަރު ނަގަ އެވެ. އެސޮރުމެން ދަރިމައިވެވޭ އުމުރަށްވެސް އަރަނީ ލަހުންކަމުން، ދަރިން ލިބި ވިހަންވެސް ގިނަ ދުވަސް ނަގަ އެވެ. މިޔަރުގެ އާބާދީ މައްޗަށް ދާން ގިނަ އަހަރުތަކެއް ހޭދަވަނީ އެހެންވެ އެވެ.

"މިޔަރަކީ ކަނޑުގެ ދިރުމުގެ ނިޒާމުގެ އެންމެ މަތީ ފަންތީގެ ޝިކާރަވެރިއެއް. އެހެންވީމަ، ފަރުތަކުގެ މެރިން ހެބިޓެޓް ދުޅަހެޔޮކޮށް ދެމެހެއްޓުމަށް ވަރަށް މުހިންމު އެއްޗެއް އެއީ،" ޝަހާ ކިޔައިދިނެވެ.

ޝަހާ ކިޔައިދިން ގޮތުގައި މިޔަރަކީ ދަށު ފަންތީގެ މަސްތައް ޝިކާރަކޮށްގެން ހުރިހާ މަސްތަކުގެ އާބާދީ ވަކި ވަރެއްގައި ދަމަހައްޓާ އެއްޗެކެވެ. އެހެންވެ މިޔަރުގެ އާބާދީއަށް ލޮޅުމެއް އައިސްފި ނަމަ ދެން އުޅޭ ދިރުންތަކަށްވެސް އަސަރުކޮށް، މުޅި ނިޒާމަށް ގެއްލުންވާނެ އެވެ.

ވާލު މެރުމުން ރުކުމަޑި ގިނަވާ ގޮތަށް މިޔަރުގެ އާބާދީ މަދުވުމުން މިޔަރަށް ވުރެ ނިކަމެތި ކޮންމެވެސް މަހެއްގެ އާބާދީ މައްޗަށްދާނެ އެވެ. އެގޮތަށް އާބާދީ މައްޗަށްދާ މަސްތައް ގިނަވެ، އެ މަސްތައް އެއަށްވުރެ ކުދި މަސްތައް ކައި ހުސްކޮށްލާނެ އެވެ. އެއާއެކު، ގިނަވި މަސްތަކަށް ކާނާ ނުލިބި ފަހުން އެ މަސްތައްވެސް މަރުވާނެ އެވެ. އެކަން ތަކުރާރުވެ، މުޅި ފަރު އެއްކޮށް މަރުވެގެންދާނެ އެވެ.

ފަރު މަރުވުމަކީ ދިވެހ ި ތިމާވެއްޓަށް ގެއްލުންވެ އެއާ ވިދިގެން އިގްތިސާދަށްވެސް ގެއްލުންވާނެ ކަމެކެވެ. އަދި ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރާ އަސަރުވެސް ބޮޑުވާނެ އެވެ.

އަރި އަތޮޅު "ފިޝް ހެޑް" ސްޕޮޓުގައި މަރާލާފައި އޮއްވާ ފެނުނު މިޔަރުތަކެއް -- މުހައްމަދު ސިނީން (ސިންދި)

"ރީފް އެއްކޮށް ހަލާކުވީމަ ރަށް ގިރާ ދެން އެއްކަލަ ދުނިޔޭގެ ކްލައިމެޓް ކްރައިސިސްގައި ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކާ އެއްޗެހި ކުރިމަތިވަނީ. އެހެންވީމަ މާ ރަނގަޅުދޯ މިޔަރު ސަލާމަތް ކުރިއްޔާ،" ސާޒު ބުންޏެވެ.

މިޔަރުގެ ސަބަބުން މަސްވެރިކަމަށްވެސް ފައިދާ ކުރެ އެވެ. ދެހާސްދިހަ ވަނަ އަހަރު މިޔަރު ހިމާޔަތް ކުރި އިރު ބައެއް މަސްވެރިން އެކަމަށް ތާއީދުވެސް ކުރި އެވެ. އެއީ މިޔަރަކީ ކޯމަސްހެން މާ ކަނޑުގައި މަސް އައިނުތައް ތިލަ ކުރާ އެއްޗަކަށް ވެފައި ދޮށީގެ މަސްވެރިކަމަށް މިޔަރުގެ މުހިންމުކަން އެ މީހުންނަށް އެނގޭތީ އެވެ.

މިޔަރު މަހާރި އުރަހައާއި ތެލުގެ ވިޔަފާރިއަކީ ދުނިޔޭގައި ބިލިއަން ޑޮލަރުގެ އިންޑަސްޓްރީ އެކެވެ. އެ އިންޑަސްޓްރީގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން މިޔަރު ބާނާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޑައިވިން ލެޖެންޑު ސެންޑީ ބުނީ، ރާއްޖެއިން މިހާރު ޔޫރަޕު ފަދަ ތަންތަނުގައިވެސް މިޔަރު މަސްވެރިކަން ހުއްޓުވަން ވަކާލާތު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސްޕެއިން ފަދަ ގައުމުތަކުން މިޔަރު އެކްސްޕޯޓު ކުރާ ވަރަށް ބަލާއިރު، އެކަން ނުހުއްޓުވިއްޖެ ނަމަ ދުނިޔެއިންވެސް މިޔަރު ހުސްވެ، ކާފަ ދަރިންނަށް ދައްކާނެ މިޔަރެއް ކަނޑުތަކުގައި ނޫޅޭ ހިސާބަށް ގޮސްދާނެ ކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖޭގައިވެސް މިޔަރު މަސްވެރިކަން ކުރަން ހުޅުވާލައިފި ނަމަ މިޔަރުތައް ބާނައި ހުސްކޮށްލާނެ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅު ކުރި އެވެ.

"[ރާއްޖޭގައި] ހަމަ ނޮޅާލާނެ ފަސް އަހަރު ތެރޭ. ހަގީގަތުގައިވެސް ނޮޅާލާނެ. ހަމަ ހަގީގަތުގައިވެސް މަގޭ ކާފަ ދަރިފުޅަށް ނުދެއްކިދާނެ މިޔަރެއް. އެއީ މަށަށް މައްސަލައެއް. އެއީ އައިޑެންޓިޓީ ގެއްލުން ކަހަލަ ކަމެއް،" ސެންޑީ ބުންޏެވެ.

comment ކޮމެންޓް