ސިވިލް ސާވެންޓުންނަކީ އަޑެއް ނެތް ބައެއްތަ؟

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ ވާހަކައެއް ނުދެއްކޭނެ. އޭނައަކީ ފޭސްލެސް މީހެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނައަކީ އަޑެއް ނެތް މީހެއް. އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް،" މިއީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ސަލީމް (ސައްލެ) ސިވިލް ސާވިސް މުވައްޒަފުންނަށް ނިސްބަތްކޮށް ވިދާޅުވި ވާހަކަ އެކެވެ.

ސިވިލް ސާވިސްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެއްގެ ބަހުސްގައި ސައްލެ މި ޒާތަށް ވާހަކަދެއްކެވެމުން އެކަން ވެގެން ދިޔައީ އާންމުންގެ އެތައް ބައެއްގެ ފާޑުކިޔުންތައް އިންތިހާއަށް މެންބަރު ސައްލެއަށް އަމާޒުވެގެންދިޔަކަމަކަށެވެ. އެހެންނަމަވެސް ސައްލެ އަކީ މިފަދަ ޒާތަކަށް އާންމުންނާއި މެދު ވާހަކަދައްކަވައިގެން ހޫނު ފެނަށް ވެއްޓުނު ފުރަތަމަ އަދި ފަހު ސިޔާސީ ބޭފުޅެއްވެސް ނޫނެވެ. މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަނީ "ނުކިޔަވާ ތިބޭ" ފަރާތްތައް ކަމަށްވެސް މަޖިލިސް މެންބަރަކު ވިދާޅުވުމުން އެތައް ބައެއްގެ ހިތްހަމަނުޖެހުން އެ މެންބަރަށް އަމާޒުވެގެން ދިޔަ އެވެ.

މިފަހަރުވެސް ރައްޔިތުން ތަމްސީލުކުރައްވާ މަޖިލީހުގެ މެންބަރެއްގެ ފަރާތުން އާންމުންގެ ތެރެއިން 26،000 އެއްހާ ބަޔަކީ "ފޭސްލެސް" ބައެކޭ ބުނުމުން އެތައް ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި އެކަމާއި ނުރުހުން ފާޅުކޮށް އެ ބަސްތަކަށް މައާފަށް އެދެން ގޮވަމުންނެވެ. އާންމުން ކަރުން އަޑު ނަގައި މިގޮތަށް ގޮވަމުން ދަނިކޮށް ސައްލެ ނިސްބަތްވާ ޕާޓީ އެމްޑީޕީއިންވެސް ވަނީ އެ ބަސްތަކަކީ ބަލައިގަންނަ ބަސްތަކެއް ނޫންކަމަށް ބުނެފަ އެވެ. އެމްޑީޕީއިންވެސް ވަނީ މީގެ ކުރިން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިޔާސީގޮތުން މިނިވަންކަން ދިނުމަށް އަދި ހަރަކާތްތަކުގައި އުޅުމަށް ފަހިކޮށްދޭން ވަކާލާތުކޮށްފަ އެވެ. އެހެންނަމަވެސް ސައްލެގެ ބަސްތަކުގެ މައްޗަށް އޭނާ ވަނީ ވާހަކަދައްކަވައި އެކަން ދިފާއު ކުރައްވާފަ އެވެ.

"މަޖިލީހުގައި ވާހަކަ ދެއްކީވެސް އެގޮތުން، ވާހަކައިގެ ތަންތަންކޮޅު ވަކިން ޓްވިސްޓު ކުރިޔަސް ޖުމްލަކޮށް ދެއްކި ވާހަކައަކީ ޕްރޮފެޝަނަލް ސީއެސް[އެއް]ގަ ހުންނަން ޖެހޭ ކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލްތައް،" ސައްލެ ކުރެއްވި ޓްވީޓެއްގައި ވެއެވެ. ދިފާއުގައި ސައްލެ ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތަކަކީ ޖުމްލަކޮށް ސިވިލް ސާވިސް މުވައްޒަފެއްގެ ހުންނަންޖެހޭ ސިފަތަކެއްގެ ވާހަކަތައް ކަމަށެވެ. އަދި އިއްޔެ ސައްލެ ގޮވާލެއްވީ ސިވިލް ސާވިސް މުވައްޒަފުން އިސްލާހު ވުމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ތަބާވެ، ވަކި ކެންޑިޑޭޓަކަށް ސަޕޯޓުކޮށް ހިޔާލު ފާޅު ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އެއީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވަޒީފާގެ ބޭރުން އޮންނަ ހައްގެއް ނޫން ހެއްޔެވެ؟

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ. (ސަން ފައިލް ފޮޓޯ)

ސިވިލް ސާވިސް މުވައްޒަފުންނަކީ އާދައިގެ މުވައްޒަފުންނެއް ނޫނެވެ. އަދި ވަޒީފާގެ މާހައުލުގެ ގޮތުން ސިއްރު ހިފަހައްޓައި، ވަކި މިންވަރެއްގެ ޕްރޮފެޝަނަލިޒަމްއެއް ގެންގުޅެންވެސް ޖެހޭ ބައެކެވެ. މިއީ ސިވިލް ސާވިސް ގާނޫނާއި ގަވާއިދުގައިވެސް ހިމެނި، އެކަމަށް ބާރު އަޅާފައިވާ ކަންކަމެވެ. އެހެންނަމަވެސް ސައްލެ އެ ވިދާޅުވާހެން ސިވިލް ސާވިސް މުވައްޒަފުންނަކީ "އަޑެއް ނެތް، ކަށްވަޅަށް ދާންދެން އަނގަމަޑުން ލައިގެން" ތިބުމުގެ ސިފަ ހުންނަން ޖެހޭ ބައެއް ހެއްޔެވެ؟

ސިވިލް ސާވިސް ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުންނަމަ ސިވިލް ސާވިސް މުވައްޒަފުންނަކީ ޕްރޮފެޝަނަލް މިންގަނޑެއް އޮންނަ ދާއިރާއެއްނަމަ އެ މިންގަނޑު ހިފަހައްޓަން ޖެހޭ ބައެކެވެ. އަދި ހަމަ އެ ގާނޫނުގެ 29 ވަނަ މާއްދާއިން ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ މާހައުލުގެ ސިއްރުތައް އަބަދުވެސް ހިފަހައްޓަން ޖެހޭ ބައެކެވެ.

ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދަގައި ބުނާގޮތުންނަމަ ސިިވިލް ސާވިސް މުވައްޒަފުންނަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. ސިވިލް ސާވިސް ގަވާއިދުގެ ދަށުން ހަދާފައިވާ ކޯޑް އޮފް ކޮންޑަކްޓްގެ 19 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުންނަމަ އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ހުރިހާ ސިޔާސީ ތައައްސުބަކުން އެއްކިބާވާން ޖެހޭނެ އެވެ. ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ މާހައުލުގައި ހިތްހަމަނުޖެހުންތަކެއް ހުރިއްޔާ އެކަމަށްވެސް އެކަންކަން ފާޅުކުރަންވެސް ވަކި އުސޫލަކުން އަމަލުކުރަން ޖެހޭ ބައެކެވެ. އެކަމަކު އޭގެ މާނައަކީ ސޯޝަލް މީޑިޔާ ފަދަ ތަންތަނުގައި އަމިއްލަ ޕްރައިވެޓް އެކައުންޓްތަކުން ކަންކަމާއި ދޭތެރޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުން ހެއްޔެވެ؟

މީގެ އިތުރުންވެސް ސިވިލް ސާވިސްގެ މުވައްޒަފުންގެ ގަވާއިދުގެ 21 ވަނަ މާއްދާގެ (އ) ން އެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، ވަކި އަތަކަށް ނުޖެހި މަސައްކަތްކުރުމާއި 23 ވަނަ މާއްދާގެ (ށ) އިން ސީއެސްސީ އަބުރާއި އިއްޒަތް އަދި ގަދަރު ހިފަހައްޓާ ގޮތަށް އުޅުން ލާޒިމު ކުރެ އެވެ. ސިވިލް ސާވިސް ގަވާއިދުގެ 271 ވަނަ މާއްދާގައި ސިވިލް ސާވިސް މުވައްޒަފެއްގެ ގޮތުގައި ހުރެ ކޮށްގެން ނުވާނެ ކުށްތައް ކަނޑައަޅައިދީފައިވާއިރު މި މައްދާއިން މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ ވެސް މަސައްކަތުގެ ވަގުތުގައި ސިޔާސީ ހަރަކާތް ނުހިންގުމާއި މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑުތައް ވާހަކަދެއްކުމުގައި އަދި އަމަލުކުރުމުގައިވެސް ހިފެހެއްޓުމެވެ.

މީގެން އެއްވެސް މާއްދާއެއްގައި ސިވިލް ސާވިސް މުވައްޒަފުންނަށް ބަސް ބުނުމުގެ ހައްގަށް އުނިކަމެއް އަންނަކަން ދޭހަ ކޮށްދީފަ އެއް ނުވެ އެވެ. އަދި ކަންކަމަށް ފާޑު ކިޔައި ވާހަކަދެއްކުމުގެ މިނިވަންކަންވެސް ގެއްލުވާލާފަ އެއް ނުވެ އެވެ.

ސައްލެ ސިވިލް ސާވެންޓުންގެ ކިބައިން މައާފަށް އެދެން ބަޔަކު ގޮވާލަމުން ދާއިރު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެޒާތަށް މުވައްޒަފުން ބަނދެގެން އުޅުމުގެ ސަބަބުން ހެޔޮ ވިސްނުމެއް އަަދި ހެޔޮ ބަދަލެއްވެސް ސިވިލް ސާވިސްގެ ތެރެއިން ނުފެންނާނެ އެވެ. އެއް ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ސިވިލް ސާވިސް މުވައްޒަފުންގެ ކިބައިން ނިގުޅައިނުގަނެވޭނެ ކަމަށް ބުނަމުންނެވެ. ސޯޝަލް މީޑިޔާގައި ނުރުހުންވެ ހިޔާލުފާޅުކުރި ބައެއް ފަރާތަކުން ވަނީ ސައްލެއަށް ސިވިލް ސާވިސް މުވައްޒަފުންގެ މާނަ ނުބައިކޮށް ނެގުނީ ކަމަށާއި އަދި ގޯސްކޮށް ހިނގާ ކަންކަމުގައި ހިތްހަމަނުޖެހުން ފާޅުކޮށް ފެންނަންހުރި ގޯސްކަންކަމަށް އަނގަމަޑުން ލައިގެން ތިބެންވީތޯ ސުވާލު އުފައްދާފަ އެވެ. އަނެއްބައި ފަރާތްތަކުން ދަނީ ސިވިލް ސާވިސްގެ މުވައްޒަފުން ވަކި ޕާޓީއަކަށް ސަޕޯޓުކޮށް ވާހަކަދައްކާނަމަ ސައްލެ އެމޭރުމުން ވާހަކަނުދައްކާނެކަމަށް ބުނަމުންނެވެ. އަދި ސިވިލް ސާވިސް އަކީ ގާނޫނުން ލިއްބައިދޭ ހައްގެއް ނިގުޅައިގަނެވެން ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމަށް ބުނެ މެންބަރު ސައްލެއަށް އަންނަނީ ރައްދު ދެމުންނެވެ. ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި ސިވިލް ސާވެންޓުންގެ އަދަދު މަދެއް ނޫނެވެ.

ސިވިލް ސާވިސްގައި ހުރި މައްސަލަތަކަކީ އިހަށްދުވަހަކު ފެށުނު ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ގޮތުން ކުރާ ތަފާތުކުރުންތަކާއި، ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމާއި، ސިޔާސީ ފިއްތުންތަކުގެ ތެރެއަށް ސިވިލް ސާވިސް މުވައްޒަފުން ވައްދާކަމުގެ ވާހަކަތަކަކީ އަބަދުވެސް ޝަކުވާއެކެވެ.

https://sun.mv/148578

މިކަންކަމާއި ދެކޮަޅަށް ރާއްޖޭގައި ސޯޝަލް މީޑިޔާގައި އެންމެ ގަދަޔަށް ހިޔަލުފާޅުކުރަނީވެސް ކަންކަން އެންމެ ކައިރިން ފެންނަ އަދި ދަންނަ ސިވިލް ސާވިސް މުވައްޒަފުންނެވެ. ސައްލެގެ ބަސްތަކަކީ މިކަންކަމަށް ވަކާލާތު ކުރާ ފަރާތްތަަކުގެ ނަޒަރުގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ އަނގަމަތީގައި ޓޭޕު އަޅައި ކޮންމެ ހާލެއް ޖެހުނަސް އެއްޗެއް ނުބުނެ ތިބުމަށް ޖެއްސުމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ސަރުކާރަށް ފާޑުކިޔައި ޕޯސްޓުކުރާ ސޯޝަލް މީޑިޔާ ޕޯސްޓުތަކުގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާ ގެއްލޭ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަ ހުއްޓެވެ. އަދި އެ ނިންމުންތަކަށް އެ ގައުމުތަކުގެ ކޯޓުތަކުންވެސް ތާއީދުކޮށްފައި އެބަ ހުއްޓެވެ. އެހެންނަމަވެސް ރާއްޖޭގައި ކަންކަން އޮންނަނީ ކުޑަކޮށް ތަފާތުކޮށެވެ. ސިވިލް ސާވިސްގެ ގާނޫނުތަކާއި ކޯޑް އޮފް ކޮންޑަކްޓުގައިވެސް އެއްވެސް ހާލެއްގައި ސިވިލް ސާވިސް މުވައްޒަފަކަށްހުރެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާފަދަ މާއްދާއެއް ފެންނާކަށް ނެތެވެ.

މިހެންވުމާއެކު ސިވިލް ސާވިސް މުވައްޒަފުންނަށް "ސާވިސް ސާވެންޓުން" މިބަސް ބައެއް ފަރާތްތަކުން ބޭނުންކުރިކަމުގައިވިޔަސްް އެއީ އެއްވެސް ހާލެއްގައި "ސާވެންޓުންނެއް" ނޫނެވެ. އެއީވެސް ހިޔާލާއި ފިކުރާއި އަމިއްލައަށް ވިސްނުމުގެ މިނިވަންކަން އޮތް ބައެކެވެ. ވަޒީފާގެ ގޮތުން ލާޒިމުކުރާ އުސޫލުތަކާއި އަމަލުކުރަންޖެހޭ ގަވާއިދުތަކަށް ބޯލަނބައި އެކަންކަން ހިފަހައްޓާ ހިނދަކު ރާއްޖޭގެ ގާނޫނުތަކުން އެ ފަރާތްތަކަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިއްބައިދީފައި އޮވެ އެވެ. އެއީ ކަށްވަޅަށް ދާންދެން އަނގަ ބަންދުވެފައި ތިބެންޖެހޭ ބައެއް ނޫނެވެ.

comment ކޮމެންޓް