ދުބާއީގެ ޑެޕިއުޓީ ލީޑަރު ޝައިހް ހަމްދާން ބިން ރާޝިދު އަވަހާރަވެއްޖެ

ޔޫއޭއީގެ ފިނޭންސް މިނިސްޓަރު އަދި ދުބާއީގެ ޑެޕިއުޓީ ވެރިޔާ ޝޭހް ހަމްދާން ބިން ރާޝިދު އަލް މަޚްތޫމް -- ފޮޓޯ: އޭއެފްޕީ

ދުބާއީ (މާޗް 24): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ފިނޭންސް މިނިސްޓަރު އަދި ދުބާއީގެ ޑެޕިއުޓީ ލީޑަރު ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް، 75، އަވަހާރަވެއްޖެ އެވެ.

ޝައިހް ހަމްދާން އަވަހާރަވިކަން މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކުރެއްވީ އޭނާގެ ކޮއްކޯފުޅު އަދި ދުބާއީގެ ލީޑަރު ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް އެވެ. އަދި ޝައިހް ހަމްދާން އާލާސްކަންފުޅާ އުޅުއްވި ކަމަށް މީގެ ކުރިން ވިދާޅުވި ނަމަވެސް އޭނާ އަވަހާރަވި ސަބަބެއް ޝައިހް މުހައްމަދު ހާމަ ނުކުރައްވަ އެވެ.

ޝައިހް ހަމްދާން ޔޫއޭއީގެ ފިނޭންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ 1971ގައި އެގައުމު ފުރަތަމަ އުފެދުނު އިރު އެކުލަވާލި ކެބިނެޓާ އެއްކޮށެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ މަރުކަޒަކަށް ދުބާއީ ހެދުމުގައި އޭނާ އިސް ދައުރެއް އަދާ ކުރައްވާ، ބައިނަލްއަގުވާމީ ގޮތުން ޔޫއޭއީ ކުރިއެރުވުމަށް އެގައުމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީންސްއަށް ފޮނުވި ޑެލިގޭޝަންތަކުގައި ހިމެނިވަޑައިގެންނެވި އެވެ.

ޝައިހް ހަމްދާންގެ އަނބިކަނބަލަކާއި ދެ ދަރިކަލުން ތިއްބަވަ އެވެ.

comment ކޮމެންޓް