ލަންކާގެ ހަނގުރާމައިގެ ތެރޭގައި ޖަރީމާތައް ހިންގި ކަމުގެ ހެކި އދ.އިން ހޯދަނީ

އދ.އިން ވަނީ ލަންކާގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަން ގަރާރެއް ފާސްކޮށްފަ -- ފޮޓޯ: ރޮއިޓާސް

ކޮލޮމްބޯ (މާޗް 24): ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ޖަރީމާތައް ހިންގި ކަމުގެ ހެކި ހޯދާ، ރައްކާކުރުމުގެ ބާރު އދގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން އެ ޖަމިއްޔާގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް މިޝޭލް ބަޝެލެޓްއަށް ދީފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް އިނގިރޭސިވިލާތް، ޖަރުމަނު، ކެނެޑާ އަދި އެހެން ބައެއް ގައުމުތަކުން ހުށަހަޅާފައިވާ ގަރާރެއްގައި ވަނީ ލަންކާގެ އިންސާނީ ހައްގުތަކުގެ ހާލަތު މޮނިޓާކޮށް، ރިޕޯޓު ކުރުމުގެ ގޮތްތައް ވަރުގަދަ ކުރުމަށް ގޮވާލާފަ އެވެ. އެގޮތުން 1983 އިން 2009 އަށް ދެމިގެން ދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭގައި ހިނގާ ދިޔަ ޖަރީމާތަކުގައި ބައިވެރިވެފައިވާ މީހުން ޖަވާބުދާރީ ކުރުމަށް ލަންކާއިން ފެއިލްވެފައިވާ މައްސަލަވެސް ބެލުމަށް އަންގާފައިވެ އެވެ.

އެ ގަރާރު ފާސްކުރަން 22 ގައުމަކުން ވޯޓު ދިނެވެ. އަދި އެ ވޯޓަށް ހާޒިރުނުވި 14 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނޭ އިރު ގަރާރާ ދެކޮޅަށް ވޯޓު ދިން 11 ގައުމުގެ ތެރޭގައި ޗައިނާއާއި ޕާކިސްތާން ހިމެނެ އެވެ.

އެ ވޯޓަށް ފަހު ބީބީސީއާ ވާހަކަ ދައްކަވަމުން ބަޝެލެޓް ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ނިންމުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

"ލަންކާގައި އިންސާނީ ހައްގުތަކުގެ ހާލަތު މޮނިޓާކޮށް ކުރީގެ ކުށްތަކަށް މީހުން ޖަވާބުދާރީ ކުރުވުމައިގެން ކުރިއަށްދާން އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ނިންމުމުން އަޅުގަނޑު އެކަމަށް މަރުހަބާ ކިޔަން. އަދި ލަންކާގެ އެކި ކޮމިއުނިޓީތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން އަނިޔާ ލިބިފައިވާ މީހުން ހަގީގަތާއި އިންސާފު ހޯދުމަށް ކުރާ މަސައްކަތަށާއި ދައްކާ ހިތްވަރަށް އަޅުގަނޑު ސެލިއުޓް ކުރަން،" ބަޝެލެޓް ވިދާޅުވި އެވެ.

އެ ގަރާރު ފާސްކުރުމުން ލަންކާގެ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ބަޝެލެޓްއަށް އާ މުވައްޒަފުންނާއި ބާރުތަކާއި 2.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ލިބޭނެ އެވެ. އަދި އެ ތަހުގީގުން ހޯދާ ހެކި ކޯޓަށް ހުށަހަޅާ، މައްސަލަތައް ބެލުން އެކަށީގެންވެ އެވެ.

ލަންކާގެ ސަރުކާރާއި ޓަމިލް ހަނގުރާމަވެރިން 26 އަހަރުވަންދެން ކުރި ހަނގުރާމާގައި 80،000 އާއި 100،000އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވެ އެވެ. އަދި ދެ ފަރާތުންވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަތަކުން ތުހުމަތު ކުރެ އެވެ. އެ ޖަރީމާތައް ތަހުގީގު ކުރުމަށް ގޮވާލާ އދ.އިން ނެރުނު ގަރާރަކަށް ތަބާވާން 2015 ވަނަ އަހަރު ލަންކާގެ އޭރުގެ ސަރުކާރުން އެއްބަސްވި އެވެ.

ނަމަވެސް 2019 ވަނަ އަހަރު ރައީސް ކަމަށް އިންތިހާބުވި ގޯޓާބަޔަ ރާޖަޕަކްސަ ވަނީ ދާހިލީ ހަނގުރާމައިގެ ތެރޭ ހިނގާދިޔަ ޖަރީމާތައް ތަހުގީގުކުރަން އދ.އާއެކު ހެދި އެއްބަސްވުމަށް އޭނާގެ ވެރިކަމުގައި އަމަލު ނުކުރާނެކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ހަނގުރާމަ ނިމުމަކަށް އައީ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގަ އެވެ. މިހާރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އޭރު ހުންނެވީ ގައުމުގެ ޑިފެންސް ސެކްރެޓަރީގެ މަގާމުގަ އެވެ.

comment ކޮމެންޓް