ކަންގަނާގެ "ތަލައިވީ"ގެ ޓްރެއިލާ ވަރަށް ގަދަ

ތަލައިވީ ޓްރެއިލާ އިން ފެނިގެންދާ މަންޒަރެއް---

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ އަންހެން ބަތަލާ ކަންގަނާ ރަނައުތު 34، ލީޑު ރޯލުން ފެނިގެންދާ "ތަލައިވީ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މިއަހަރު ނެރޭ އެންމެ ވަރުގަދަ އެއް ފިލްމު ތަލައިވީގެ ޓްރެއިލާ އިން ވެސް ފިލްމުގެ ވަރުގަދަކަން ހާމަވެއެވެ. 3:23 މިނެޓުގެ މި ޓްރެއިލާއިން ޝައުގުވެރި އެތައް ކަމެއް ފެނިގެންދިޔައެވެ. މި ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ޖަޔާގެ ހަޔާތުގައި ދިމާވި ކަންތައްތައް ވެސް ފިލްމުގެ ޓްރެއިލާ މެދުވެރިކޮށް ވަނީ އާންމުންނަށް ދައްކާލާފައެވެ.

މި މަހު 23 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަށް މިހާތަނަށް ހަ މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު ފިލްމުގެ ޓްރެއިލާއަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އެ ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަލް ވިޖޭ ޑައިރެކްޓްކުރާ އެ ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެންދާނީ ޕްރަކާޝް ރާޖް، އަރްވިންދް ސްވާމީ އަދި ބަގްޔާޝްރީ އެވެ.

ތަލައިވީ ކުޅެން ކަންގަނާ 20 ކިލޯ ބަރުކުރި އިރު މި ޕްރޮޖެކްޓް އޭނާ ސިފަކުރަނީ އެންމެ އުންމީދީ ޕްރޮޖެކްޓްގެ ގޮތުގަ އެވެ.

comment ކޮމެންޓް