އެމްޕީއެލްގައި ހިނގި ހާދިސާގައި ބޮޑެތި އިހުމާލުތަކެއް، ޖިނާއީ ތަހުގީގު ކުރަން އަންގައިފި

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/މަޖިލިސް

މޯލްޑިވްސް ޕޯޓްްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި މި ފަހުން ހިނގި ދެ ހާދިސާ ހިނގަން މެދުވެރި ވުމުގައި އެމްޕީއެލްގެ އިހުމާލުތަކެއް ހުރިކަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއިން ފާހަގަކޮށް އިހުމާލުވީ ފަރާތްތަކަށް ޖިނާއީ ތަހުގީގު ހިންގުމަށް ފުލުހުންނަށް ފޮނުވަން އަންގައިފި އެވެ.

ދާދިފަހުން އެމްޕީއެލްގައި ކާޕެޓް ރޯލެއް ވެއްޓިގެން އެތަނުގެ މަޖޫރީއަކު ވަނީ މަރުވެފަ އެވެ. އަދި ބިއްލޫރި ޕެލެއްޓެއްގައި ތާށިވެގެންވެސް ވަނީ މަޖޫރީއަކު މަރުވެފަ އެވެ.

އެމައްސަލަ ބަލައި އެސްއޯއީ ކޮމިޓީއަށް ފާހަގަވި ކަންކަން އެ ކޮމިޓީއިން މައްސަލަ ބަލައި ނިންމި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

"މާލޭ ވިޔަފާރީ ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި އިހުމާލުވި އެންމެހާ ފަރާތްތަކަށް ޖިނާއީ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދަންނަވާ އަދި ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު އެސްއީ ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށް ދެންނެވުން." ކޮމިޓީއިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އެ ދެ ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއިން ކޮމިޓީއާ ހިއްސާކުރި މައުލޫމާތާ ގުޅިގެން ރިޕޯޓުގައި ވަނީ ވަރަށް ގިނަ ކަންކަން ފާހަގަކޮށްފަ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ ބަނދަރުގައި މަސައްކަތް ކުރުމުގައި އެސްއޯޕީއެއް މިހާތަނަށްވެސް ހެދިފައި ނުވާ ކަމަށެވެ. އަދި މަސައްކަތަށް ފަށައިގަތުމުގެ ކުރިން ރިސްކް އެސެސްމެންޓެއް ހަދަން ޖެހޭއިރު އެފަދަ ރިސްކް އެސެސްމެންޓެއް ހަދާފައި ނުވާ ކަމަށާއި ޗެކްލިސްޓެއްވެސް ނެތް ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

"ބަނދަރުގައި މަސައްކަތް ކުރާ މަޖޫރީއިން މަސައްކަތް ކުރުމުގައި އަމަލުކުރާނެ ގައިޑްލައިނެއް ނެތް ކަމަށް." ޓްރާސްޕޯޓް އޮތޯރިޓީއާ ހަވާލާދީ ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ބަނދަރުގައި މަސައްކަތްކުރާ މަޖޫރީންނަށް ދޫކުރާ ހެވީ ވެހިކަލް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ނެތްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ހެވީ ވެހިކަލް އޮޕަރޭޓްކުރާ ސިގްނަލް މޭންއެއް ހުންނަން ޖެހޭއިރު އެކަންކަން ހަމަޖެހިފައި ނެތް ކަމާއި އަދި މަޖޫރީންގެ ތެރެއިން މީހަކު ހުންނަން ޖެހޭކަން ލިޔުމުން އަންގާފައި ނެތް ކަމަށްވެސް ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/މަޖިލިސް

"ހެވީ ވެހިކަލް އަދި ޑޭންޖަރަސް ކާގޯ ފަދަ ނުރައްކާތެރި މުދާ އުފުލައި އެއްތަނުން އަނެއްތަނަށް ގެންދާއިރު ސުޕަވައިޒަރުން އެފަދަ މަސައްކަތް ސުޕަވައިޒްކޮށް ގައިޑްކުރުމަށް ނެތްކަމަށް." ކޮމިޓީ ރިޕޯޓުގައި ބުނެފައި ވެއެވެ.

މުވައްޒަފު މަސައްކަތަށް ނުކުތުމުގެ ކުރިން އެ މުވައްޒަފަކަށް ލިބެންޖެހޭ ރެސްޓް ގަޑި ހަމައަށް ލިބިފައިވޭތޯ ބަލަން ޖެހޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހާދިސާގައި ކެރޭން އޮޕަރޭޓްކުރަން ހުރި މުވައްޒަފަކީ އެދުވަހު ޑިއުޓީއަށް ނުކުންނަން ޖެހޭ މުވައްޒަފަކަށް ނުވެފައި އެ މުވައްޒަފު މަސައްކަތަށް ނުކުމެ 16 ގަޑިއިރު މަސައްކަތް ކޮށްފައިވާއިރު އެކަން މޮނިޓަކޮށް ބަލާނެ ފަރާތެއްވެސް ނެތް ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޓްރާސްޕޯޓް އޮރިޓީއިން ބުނެފައިވަނީ އެކަންކަން އިސްލާހު ކުރުމަށް ޕޯޓްސް ލިމިޓެޑަށް އަންގާފައިވާ ކަމަށެވެ.

އެ ދެ ހާދިސާއާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާކަމަށް ޕޯޓްސް ލިމިޓެޑުން ވަނީ ކޮމިޓީއަށް އަންގާފަ އެވެ. އެގޮތުން ބިއްލޫރި ޝީޓް ދަގަނޑު އަދި ސްޕެޝލް ކާގޯ ފަދަ ތަކެތި ހޭންޑްލް ކުރުމުގައި ސަލާމަތާއި ރައްކާތެރި ކަމުގެ ގޮތުން ކްލިއަރިންގް ގްރޫޕްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރުމާއި އަދި އެކަންކަން ކަމާ ބެހޭ ޑިޕާޓްމެންޓްތަކުން މޮނިޓަކޮށް ބެލެހެއްޓުމަށް ނިންމުން ހިމެނެ އެވެ.

އަދި ބިއްލޫރި ޝީޓް ދަގަނޑު އަދި ސްޕެޝލް ކާގޯ ފަދަ ތަކެތި ހޭންޑްލް ކުރަނީ ތަޖުރިބާ ހުރި މީހުންތޯ ކަށަވަރު ކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފަ އެވެ.

"ޕޯޓްސް ތެރޭގައި މަސައްކަތްކުރާ ކްލިއަރިންގް ގްރޫޕްތަކުގެ ކޮންމެ ފަރާތަކީ އެކްސިޑެންޓް އިންޝުއަރެންސް ކުރެވިފައިވާ ފަރާތްތައް ކަމުގައި ވުން." އެމްޕީއެލްއިން ކޮމިޓީއަށް އަންގާފައި ވެއެވެ.

ކޮމިޓީއިން މައްސަލަ ނިންމައި ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުންފުނީގެ ހިންގުން ހަރުދަނާކޮށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެމްޕީއެލްއަށް އަންގާ ކަމަށެވެ. އެ ރިޕޯޓަށް ވޯޓަށް އަހަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

comment ކޮމެންޓް