ވައްޓާލި ދަރިފުޅު ދިރިހުރިކަމާ މެދު ޝައްކު އުފެދުމުން، ގަސްތު މަރުގެ ކުށް ސާބިތެއް ނުވި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ މަރަދޫފޭދޫގައި، ޑިސެމްބަރު 14، 2012 ވަނަ ދުވަހުގެ ރޭ، ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމަށްފަހު އެ ކުއްޖާ އެ ރަށު އަތިރިމަތީގައި ވަޅުލައި މަރާލި ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރި ދެމަފިރިންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސ. މަރަދޫ، ޝޭމްރޮކް، އައިމިނަތު ޝާހީ އާލަމް އާއި ސ. މަރަަދޫފޭދޫ، ފިނިފެންމާގޭ، އިބްރާހިމް ވިސާމްގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ ކުރީ، އެ ދެމަފިރިން ކައިވެނިކޮށްގެން ތިއްބާ، ޝާހީ އާލަމް ބަލިވެ އިނުމުން، ބަނޑުގައި އޮތް އެ ދަރިފުޅު ބަނޑަށް 20 ހަފްތާގައި ބޭސް ކައިގެން ވައްޓާލުމަށްފަހު، އެ ކުއްޖާ ވަޅުލައި އެ ކުއްޖާ މަރާލީ ކަމަށް ބުނެ އެވެ.

ދައުުލަތުން އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި ޝާހީ އާލަމް ބަލިވެ އިނުމުން، ޑޮކްޓަރަށް ދައްކާފައި ނުވެ އެވެ. އަދި އޭނާ ދަރި ވައްޓާލުމުގެ ނިޔަތުގައި އެފަދަ ބޭހެއް ބޭނުންކޮށްގެން ގަސްތުގައި ދަރި ވައްޓާލީ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ވަޅުލީ ވިސާމް އެވެ. ކުއްޖާ ވަޅުލި އިރު ވިސާމް ކައިރީގައި ހުރި ކަމަށް ބުނާ މީހަކު ޝަރީއަތުގައި ސިއްރުން ހެކިބަސް ދެމުން ބުނެފައި ވަނީ ވިސާމް އެކަން ކުރީ، ކުއްޖާ ކަޅުކުލައިގެ ބާޒާރު ކޮތަޅަކަށް ލައި، ސައިކަލު މަޑިދަަށަށް ލައިގެން އަތިރިމައްޗަށް ގޮސް ވަޅެއް ކޮނުމަށްފަހު ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން، ޝާހީ އާލަމްއާއި ވިސާމް އުޅުނު ގެ ބަލާ ފާސްކޮށް، ލޭ ހޭކިފައި ހުރި ބެޑްޝީޓަކާއި، ބާލީސް އުރައަކާއި، ޕެޑުތަކެއް ނަގާފައިވެ އެވެ. ފުލުހުން ހެދި ޑީއެންއޭ ޓެސްޓުތަކުންވެސް ދެއްކީ އެ ކުއްޖާ އަކީ ޝާހީ އާލަމްއާއި ވިސާމްގެ ދަރިއެއް ކަމަށެވެ.

ހާދިސާ ހިނގި ރޭ، ކުއްޖަކު ވަޅުލި ކަމުގެ ރިޕޯޓު ލިބިގެން، ފުލުހުން މަރަދޫފޭދޫ އަތިރިމައްޗަށް ގޮސް، ކޮނެގެން ކުއްޖާ ނެގި އިރު ކުއްޖާގެ ވިންދު ހުރި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. ވަޅުލާފައި އޮއްވާ ނެގި އިރު އެ ކުއްޖާގެ ބަރުދަނުގައި 22 ގްރާމް އަދި އިސްކޮޅުގައި ހަތް އިންޗި ހުރިކަމަށް ފުލުހުން ބުނެފައިވެ އެވެ. މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށްވެސް ބުނެފައިވެ އެވެ. ކުއްޖާ ވަޅުލާފައި އޮއްވާ ނެގި ބައެއް ފުލުހުން ހެކިބަސް ދިން ގޮތުގައި ކުއްޖާ ވަޅުލާފައި އޮތީ ފެން ދުއްޔާ އެކު އެވެ.

މީގެ އަށް ވަރަކަށް އަހަރު ކުރިން ފެށި އެ މައްސަލައިގެ ޝަރީއަތުގައި ޝާހީ އާލަމްގެ ފަރާތުން ދިފާއުގައި ހެއްކެއްގެ ގޮތުގައި ބިދޭސީ ޑޮކްޓަރެއްގެ ނަން ހުށަހަޅާފައިވެ އެވެ. އޭނާ ޝަރީއަތުގައި ބުނެފައި ވަނީ ބަނޑުގައި ރިއްސާތީ އެ ޑޮކްޓަރު ދިން ބޭހެއް ބޭނުންކުރި ކަމަށެވެ. އަދި ބަނޑުން ވެއްޓުނު ކުއްޖާ ނުފެންނަ ކަމަށާއި، މަރާނުލާ ކަމަށާއި، ކުއްޖާ ކޮތަޅަކަށް ލައިގެން ގެންދިޔައީ ވިސާމް ކަމަށް ބުނެފައިވެ އެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ޑޮކްޓަރު ވީ ތަނެއް ނޭގުމުން އެ މީހާގެ ހެކިބަސް ނަގާފައި ނުވެ އެވެ. ޝާހީ އާލަމް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ހާދިސާ ހިނގި ވަގުތު ވިސާމް ހުރީ އެހެން ތަނެއްގައިކަން ސާބިތު ކުރަން އޭނާގެ ފަރާތުން ހަތަރު ހެކިވެރިން ހުށަހެޅި އެވެ. ނަމަވެސް، އެ ހެކިން ހުށަޅަން ބޭނުންވާ ނުވާ ކަމަށް އޭނާ ފަހުން ބުނުމުުން އެ މީހުންގެ ހެކިބަސް ނަގާފައި ނުވެ އެވެ. އޭނާވެސް ދައުވާއަށް އިންކާރު ކުރި އެވެ.

އެ މައްސަލައާ ގުޅިގެން ގާޒީ ހުސެއިން ފާއިޒު ރަޝާދު މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ގަތުލު އަމްދު ނުވަތަ ގަސްތު މަރު ސާބިތު ކުރަން ތިން ރުކުނެއް ފުރިހަމަ ވާން ޖެހޭ ކަމަށެވެ. އެ ތިން ރުކުން ފުރިހަމަ ނުވާ ނަމަ އެއީ ގަސްތު މަރެއް ކަމަށް ނުބެލެވޭނެ އެވެ. އެ ރުކުންތަކަކީ:

  • މަރާލެވުނު މީހާއަކީ ދިރިހުރި އަދި ލޭ އޮހޮރުވުން މަނާ ކުރެވިފައިވާ (ލޭ ހުއްދަކުރެވިފައި ނުވާ) މީހަކަށް ވުން
  • އެ މީހާ މަރުވީ ގާތިލު ކުރި އަމަލެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން
  • ގާތިލު ކުރި އަމަލަކީ އެ މީހާ މަރާލުމުގެ ނިޔަތުގައި ކުރި އަމަލަކަށްވުން

ދިފާއުން އެންމެ ބޮޑަށް ސުވާލު އުފެއްދީ އޭގެ ތެރެއިން ފުރަތަމަ ރުކުނާ ގުޅިގެންނެވެ. އެގޮތުން، ކުއްޖާ އުފަންވި އިރު ވިންދު ހުރިތޯއާއި ފުރާނަ ހުރިތޯ ދިފާއުން ދައުލަތާ ސުވާލު ކުރި އެވެ. ދައުލަތުން ބުނެފައި ވަނީ އެ ކުއްޖާ ވަޅުލި އިރު ވިންދު ހުރި ކަމަށެވެ.

އެހެންކަމުން، ޝަރީއަތުން އެކަމުގައި ގޮތެއް ކަނޑައަޅަން ޖެހުނު މައިގަނޑު ކަމަކީ އެ ކުއްޖާއަކީ ދިރިހުރި ކުއްޖެއްތޯ ނުވަތަ ނޫންތޯ އެވެ. އެއީ ގަސްތު މަރުގެ ފުރަތަމަ ރުކުން ސާބިތުވާތޯ ބެލުމަށެވެ.

އެ މައްސަލައިގައި ހެކިބަސް ދިން ކުއްޖާ ލޮލުން ފެނުނު ފުލުހުންގެ ތެރެއިން ދެ ފުލުހަކު ވަނީ ކުއްޖާގެ ވިންދު ހުރިކަން ޔަގީން ކަމަށް ބުނެފަ އެވެ. އޭގެ ތެރެއިން އެކަކު ބުނެފައި ވަނީ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ ފަހުން އީސީޖީއިންވެސް ވިންދު ފެނުނު ކަމަށާއި، ޑޮކްޓަރުވެސް އެގޮތަށް ބުނި ކަމަށެވެ.

ނަމަވެސް، އެއާ ހިލާފަށް، ކުއްޖާ ފެނުނު ތިން ފުލުހަކު ވަނީ ވިންދު ހުރިކަން ޔަގީން ނުވާ ކަމަށް ބުނެ ހެކިބަސް ދީފަ އެވެ. އަދި ކުއްޖާ ވަޅުލި އިރު ވިސާމްއާއެކު ހުރި ކަމަށް ބުނާ ސިއްރު ހެކިވެރިއާއަށްވެސް ކުއްޖާގެ ދިރުމެއް ހުރިކަން ބުނަން ނޭނގޭ ކަމަށް ބުނެފައިވެ އެވެ. އަދި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔުން ބެލި ނަރުސް މީހާވެސް އެ ކުއްޖާ ދިރިހުރި ކަމެއް މިހާރު ހަނދާން ނެތް ކަމަށް ހެކިބަސް ދެމުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، އެ ކުއްޖާގެ މަރާ ގުޅިގެން ހިތަދޫ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ތައްޔާރު ކުރި ރިޕޯޓެއްވެސް ހުކުމުގައި ފާހަގަ ކުރި އެވެ. ދައުލަތުން މައްސަލައާއެކު ހުށަހެޅި އެ ރިޕޯޓާއި އެ ރިޕޯޓުގެ ތަރުޖަމާގެ ސުރުހީގައިވެސް ބަޔާންކޮށްފައި އޮތީ އެއީ މަރުވެފައި އޮއްވާ ގެނައި ކުއްޖެއް ކަމަށެވެ. އަދި އެ ރިޕޯޓުގެ ތެރޭގައިވެސް އެއީ މަރުވެފައި އޮއްވާ ހޮސްޕިޓަލަށް ގެނައި ކުއްޖެއްކަން ދޭހަވާ އިބާރާތްތައް ބޭނުންކޮށްފައިވާކަން ހުކުމުގައި ފާހަގަކުރި އެވެ. އަދި އެއީ ބައިގެންގޮސްފައިވާ ކުއްޖެއް ކަމަށްވެސް ރިޕޯޓުގެ ވަކި ހިސާބެއްގައި ބަޔާންކޮށްފައިވާކަން ފާހަގަކުރި އެވެ.

އޭރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ މަރު ސާބިތު ކުރުމުގެ ލިޔުމުގައިވާ ގޮތުން އެ ކުއްޖާ މަރުވި ތަނަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ. ނަމަވެސް، އެގޮތަށް ބަޔާންކޮށްފައި ވަނީ އެ ތަނަކީ ޑޮކްޓަރަކު އެ ކުއްޖާ ބަލާފައި އެ ކުއްޖާ މަރުވެފައިވާ ކަމަށް ނިންމި ތަން ކަމަށް ވުމުންނެވެ. އޭގެ އެ ކުއްޖާ ލިޔުމުގައި މަރުވި ކަމަށް ބަޔާންކޮށްފައިވާ ސަބަބު ޖަހަން ޖެހޭ ތަނުގައި ބަޔާންކޮށްފައި ވަނީ އެ ކުއްޖާ އަކީ މަރުވެފައި އޮއްވާ ގެނައި ކުއްޖެއް ކަމަށެވެ.

އެ ސަބަބުތަކާ ހެދި، ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށާއި، އީސީޖީއިންވެސް ވިންދު ފެނުނު ކަމަށާއި، ޑޮކްޓަރުވެސް އެގޮތަށް ބުނި ކަމަށް ހެކިބަސް ދިން ފުލުސް މީހާގެ ހެކިބަހާއި އެ ލިޔުންތައް ފުށޫ އަރާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން، ހުކުމުގައި ބުނެފައި ވަނީ، ކުއްޖާ އަކީ ދިރިހުރި ނުވަަތަ ފުރާނަހުރި ކުއްޖެއް ކަމާމެދު ހެކިވެރިންގެ ހެކިބަހާއި، މައްސަލައާ ގުޅިފައި ހުރި ލިޔުންތަކުގައިވެސް ފުށޫއެރުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން، އެ ކުއްޖާ އަކީ ދިރިހުރި ކުއްޖެއް ކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެ ޝައްކުތައް ފިލާދާވަރުގެ ހަރުދަނާ ދަލީލުތައް ދައުލަަތަށް ހުށަހެޅިފައި ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، އެ ކުއްޖާ މަރުވީ ޝާހީ އާލަމް އާއި ވިސާމް ކުރި އަމަލެއްގެ ސަބަބުން ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ކުއްޖާއަކީ ދިރިހުރި ފުރާނަހުރި ކުއްޖެއް ކަމާ މެދު ޝައްކު އުފެދޭތީ ގަސްދު މަރުގެ ފުރަތަމަ ރުކުން ސާބިތު ނުވާ ކަމަށް ހުކުމުގައިވެ އެވެ. ގާޒީ ފާއިޒް ހުކުމް ކުރެއްވީ ޝާހީ އާލަމްއާއި ވިސާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

comment ކޮމެންޓް