އެނަމާ ބޯޓުގެ ކާރިސާ: އެ ހިތާމަވެރި ދުވަހަށް 17 އަހަރު

ގދ. ތިނަދޫ އެނަމާ ބޯޓު ބަންޑުން ޖަހާލާފައި: އެ ހާދިސާގައި 24 މީހުން މަރުވެ، 2 މީހުން ގެއްލުނު --

މީގެ 17 އަހަރު ކުރިން، 2004 ވަނަ އަހަރުގެ މާޗް މަހުގެ 17ވީ ބުދަ ދުވަހު ގދ. ތިނަދޫ އެނަމާ ބޯޓު ގއ. ވިލިނގިލިން ފުރީ އެ ރަށުގައި އޮތް ފުޓުބޯޅަ މެޗަކަށް ފަހު ސަޕޯޓަރުން ގޮވައިގެން އެނބުރި ރަށަށެވެ. އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ގދ. ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިލާ ބައްދަލުކުރި މެޗެވެ.

އެނަމާ ބޯޓު މެޗަށް ފަހު އެނބުރި ތިނަދުއަށް ދިޔަ އިރު ބޯޓުގައި 122 މީހުން ތިއްބެވެ. މެޗުން ބަލިވީ އެ މީހުންގެ ޓީމެވެ. މުދަލަކަށް ހުރީ ކައްކާ ގޭސް ހުސްކުރި ފުޅިތަކަކާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި ފުޅިތަކެކެވެ.

ދަތުރުގެ ކުރީކޮޅު ބޯޓުގެ އިންޖީނަށް ޖެހުނު މައްސަލައެއް ހައްލު ކުރުމަށް ފަހު ތިނަދޫއާ ދިމާލަށް ދަނިކޮށް، އެރޭ 08:30 އެހާކަންހާ އިރު، އެނަމާ ބޯޓު ކައިރިން ލާފައި "އަރުތަ" ކިޔާ މަސްދޯންޏެއް ދިޔުމުގެ ސަބަބުން އުފެދުނު ކުޑަ ރާޅެއްގައި ޖެހި ބޯޓު އެއްފަރާތަށް އަރިވެލާފައި އަނެއްފަރާތަށް ދިޔަގޮތަށް ބޯޓު ބަންޑުންޖަހާލީ އެވެ.

ބޯޓު ބަންޑުން ޖަހާލުމުން އަރުތަ ދޯނިން އެހީތެރިކަން ފޯރުކޮށްދިނެވެ. ނަމަވެސް އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ގއ. ދާންދޫ މިޔަރެން މަސް ދޯނި، ކަނޑުވެފައި ތިބި މީހުންގެ އާދޭސްތަކަށް އަޅާ ނުލައި ކޫއްޑޫއަށް ދިޔައީ ބާނާފައި ހުރި 12 ޓަނުގެ މަސް ކިރާށެވެ. އެ މީހުންނަށް އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ވުރެ ބާނާފައި ހުރި މަސްތައް މުހިންމުވީ އެވެ. އެ މައްސަލާގައި އެ ދޯނީގެ 17 މީހަކަށް ދައުވާކޮށް، އަދަބު ދިނެވެ.

އެނަމާ ބޯޓު ބައްޑުން ޖަހާލި ހާދިސާގައި 24 މީހަކު މަރުވި އެވެ. އަދި ދެ މީހަކު ގެއްލުނެވެ. ގެއްލުނު ދެ މީހުން އަދިއަދަށްދާންދެން ވެސް ނުފެނެ އެވެ. ބައެއް މީހުންގެ އާއިލާގެ ބޮޑު ބައެއް އެ ހާދިސާއިން ގެއްލިގެން ދިޔަ އެވެ.

ބަންޑުން ޖަހާލި އިރު ބޯޓުން ދަތުރުކުރަމުން ދިޔަ 122 މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ބޯޓުގެ މަތީގަ އެވެ. ކުޑަ ރާޅަކުން ބޯޓު ބަންޑުންޖަހަލީ އެހެންވެ ކަމަށް ބައެއްފަރާތްތަކުން ދެކެ އެވެ. އަދި ބޯޓުގެ މުދާލާ ބައިގައި ބޯޓު ބެލެންސް ކުރާނެހާ ބަރުދަނެއް ނެތުމުން ކަމަށް ދެކެ އެވެ. ބޯޓުގެ ކައްޕި މީގެ ކުރިން ބުނެފައިވާ ގޮތުގައި ބޯޓު ބަންޑުންޖަހާލި ރާޅަކީ ބޮއްކުރައަކަށް ވެސް އަސަރެއް ނުކުރާނެ ފަދަ ކުޑަކުޑަ ރާޅެކެވެ.

ބަންޑުން ޖަހާލި ކާރިސާއަށް ފަހު ދެއަހަރެއްހާ ދުވަސް ވަންދެއް ބޯޓުގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު 2006 ވަނަ އަހަރު އެ ބޯޓުގެ ދަތުރުތައް އަލުން ފެށި އެވެ. އަދި ވެސް އެ ބޯޓު އޮޕަރޭޓު ކުރެ އެވެ. ނަމަވެސް، މިހާރު ބޯޓުގެ ނަން ވަނީ "ކުރިމަގު"އަށް ބަދަލުކޮށްފަ އެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލުން ވެގެން ދިޔައީ، ރާއްޖޭގެ ތާރީހުގައި ވެސް ދިވެހީނަށް އެންމެ ހިތާމަވެރި އެއް ހާދިސާއަށެވެ. ގައުމީ ޓީވީ އިން މުޅި ދުވަހުހެން ޖެހީ ގުރުއާނެވެ. މުޅި ގައުމު އޮތީ ހިތާމައިގަ އެވެ. އެ ކާރިސާއާ ގުޅިގެން 19 މާޗް 2004 ވީ ހުކުރު ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އޭރުގެ ސަރުކާރުން، ހަމަޖެއްސެވި އެވެ. އެ ހާދިސާ ހިނގި ދުވަހަށް މިއަދު މިވީ 17 އަހަރެެވެ.

comment ކޮމެންޓް