ޔޫޓީއެފް އެގްރިމެންޓު އާންމުކުރަން ނޫނީ މަޖިލީހަށް ފޮޮނުވަން ގޮވާލައިފި

އުތުރު ތިލަފަޅު އެގްރިމެންޓު އާންމުކުރަން ނުވަތަ އެ އެގްރިމެންޓު ރައްޔިތުންގެ މަޖިލީހާސް ފޮނުވައި މަޖިލީހުގެ ރުހުން ހޯދަން ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގޮވާލައިިފި އެވެ.

ޑީއެންއޭގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ މި އެއްބަސްވުމާ ގުޅޭ ގޮތުން އެ ހަރަކާތުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ.

އުމަރު ވިދާޅުވީ އެ އެގްރިމެންޓަކީ ސިވިލް އެގްރިމެންޓަކަށް ވާނަމަ، އެ އެއްބަސްވުން ރައްޔިތުންނަށް ހާމަ ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެ އެއްބަސްވުމަކީ މިލިޓަރީ އެއްބަސްވުމެއް ނަމަ އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައި މަޖިލީހުގެ ރުހުން ހޯދަން ގޮވާލާ ކަމަށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ އުމަރު އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ލިޔުމެއް އާންމު ކުރައްވައިފަ އެވެ.

ނަމަވެސް ޑިފެންސް މިނިސްޓްރީ އާއި އަސްކަރިއްޔާ އިން ވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް ބުނެފަ އެވެ.

އެއީ ޖޫންމަހު އިންޑިއާ އިން ފޮނުވި އެގްރިމެންޓެއް: އުމަރު

އިއްޔެ އިން ފެށިގެން ދައުުވަމުންދާ އެއްބަސްވުން ބުނާ ގޮތުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި ހަތިޔާރާއެކު ގާއިމްވެ ތިބުމުގެ ހުއްދަ އެއްބަސްވުމުން ވަނީ ދީފަ އެވެ. އަދި އެ ފަރާތްތަކަށް ޑިޕްލޮމެޓިކް އިމިއުނިޓީ ދިވެހި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެ ފެސިލިޓި އިތުރު ފަރާތަކުން ވިޔަފާރީގެ ގޮތުން ބޭނުންކުރަން ދޭ ނަމަވެސް އިންޑިއާއާ އެކު މަޝްވަރާކުރަން ޖެހޭނެ ކަމަށް އިއްޔެ ދައުރުވި އެއްބަސްވުމުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އުމަރު ރޭ ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވި ސެކަންޑް ޑިފެންސް ޑައިލޮގަށް ފަހު އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން ބޭނުންވާ ކަންތަކުގެ ޓާމްސް އޮފް ރިފަރެންސެއް އިންޑިއާ އަށް ފޮނުވި ކަމަށެވެ.

"އެ ޓާމްސް އޮފް ރިފަރެންސަށް ބޭސްކޮށްފައި މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ހިސާބުގައި އިންޑިއާ ސަރުކާރުން ފޮނުވި އެގްރިމެންޓު މިހާރު ފްލޯޓުވަމުން އެދަނީ. މިއީ ހަމަ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެގްރިމެންޓު ފޮނުވި ގޮތަށް އޭތި އެ އޮތީ،" އުމަރު ވިދާޅުވި އެވެ.

"ދެން ކިހާވަރަކަށްތޯ އެޔަށް ބަދަލު ގެނެވުނީ، އެޔެއް އެނގިވަޑައިގަންނަވާނީ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް. އަޅުގަނޑު މި ދަންނަވަނީ މިހާރު އޮތް އެގްރިމެންޓު ދައްކާލާާށޭ އަޅުގަނޑުމެންނަށް. މިހާރު އިންޓަނެޓުގައި އޮތް އެއްޗަކީ ސީދާ އިންޑިއާ ސަރުކާރުން 22 ޖޫންގައި ފޮނުވި އިރު އޮތް ގޮތް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އިންޑިއާ އިން އެ އެގްރިމެންޓު ފޮނުވި ދުވަސްވަރަކީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސް ބަޖެޓުގެ ތާށިކަން ދިމާވެފައި އޮތް ދުވަސްވަރު ކަމަށެވެ.

"އެވަގުތުގައި ހަގީގަތުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް މި އެއްބަސްވުން ފޮނުވީ. އެމީހުން އުއްމީދުކުރީ އެކަހަލަ އުނދަގޫ ވަގުތެއްގައި ދިވެހި ސަރުކާރަށް މީތި ފޮނުވީމަ ދިވެހި ސަރުކާރުން މީތި ގަބޫލުކޮށް މީތީގައި ސޮއިކުރާނެ ކަމަށް،" އުމަރު ތުހުމަތު ކުރެއްވި އެވެ.

"އެއީ އެމީހުންގެ ބޭނުމަކީ. އެހެންވެ އަޅުގަނޑުމެންނަށް މިހާ ދަތިވެފައި އޮތް ވަގުތެއްގައި މީތި ފޮނުވީ،" އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އުތުރު ތިލަފަޅުގައި ގާއިމް ކުރާ ޑޮކްޔާޑަކީ ރާއްޖެއަށް ބޭނުން ތަނެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ އަސްކަރިއްޔާ އަކީ އަމިއްލަވަންތަ، އަމިއްލަ ބާރު ހިނގާ އަމިއްލަ އަށް ކޮމާންޑު ކުރާ އަސްކަރިއްޔާ އަކަށް ވާންޖެހޭ ކަމަށެވެ.

އުމަރު ތަކުރާރުކޮށް ވިދާޅުވީ ދިވެހި ސަރުކާރުން ޔޫޓީއެފް އެއްބަސްވުމަށް އެއްވެސް އެއްޗެއް އިތުރުކޮށް އެ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާނަމަ، އެ އެއްބަސްވުން ދައްކަން އެދޭ ކަމަށެވެ.

އަސްކަރިއްޔާ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅުގައި ބޭރުގެ ހަތިޔާރު އެޅި ސިފައިން ނުތިބޭނެ ކަމަށެވެ.

ޔޫޓީއެފް އެގްރިމެންޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ލިޔުމަކީ އެތަނުގައި ފެސިލިޓީއެއް ގާއިމް ކުރުމަށް މީގެ ކުރިން ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކަތަކަށް ބަދަލު ގެނެސް، އެއްވެސް ވަރަކަށް ހަގީގަތެއް އަދި އަސާސެއް ނެތް ގޮތަކަށް އެކުލަވާލާފައިވާ ލިޔުމެއް ޝަމާލް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ކަންކަމާ ގުޅޭ ގޮތުން ދޮގު ހަބަރު ނުފެތުރުމަށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފަ އެވެ.

"މިފަދަ ކަންކަން ކުރާނަމަ [ހަގީގަތެއް ނެތް ވާހަކަ ފަތުރާނަމަ] ޖެހޭނީ ހުރިހާ އޮޕްޝަންސް އެކްސްޕްލޯ ކުރަން އެކަންކަން ހުއްޓަން އެޅޭނެ ފިޔަވަޅުތައް ބަލަން،" ޝަމާލް ވިދާޅުވި އެވެ.

ތުރު ތިލަފަޅުގައި ގާއިމްކުރާ ފެސިލިޓި އަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަން އޮޕަރޭޓު ކުރާނީ ވެސް ގައުމީ ދިފާއީ ބާރުން ކަމަށް ޝަމާލް ވިދާޅުވި އެވެ.

"އެތަނަށް ބޭރުގެ ފަންނީ، ޓެކްނިކަލް މީހަކަށް ވެސް ދެވޭނީ ދިވެހި ދައުލަތުގެ ހުއްދަ އާއެކު ދިވެހި ދައުލަތުން ކަނޑައަޅާ މުއްދަތަކަށް." ޝަމާލް ވިދާޅުވި އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައިޒަމާނީ، ނޭވަލް ބަނދަރަކާއިި އެތަނަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ.

comment ކޮމެންޓް