ގައުމުގެ ސަލާމަތާއި ނަޖާގެ ތަޅުދަނޑި

ކޯސްޓްގާޑްގެ ހިދުމަތަށް 40 ފުރިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްއެންޑީއެފް

ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ ހަތްދިހަ ވަނަ އާޔަތުގައި ﷲ ތަޢާލާ އަންގަވައިފައި ވަނީ އާދަމުގެ ދަރީން ކަރާމާތްތެރި ކުރައްވައި މާތް ކުރެއްވި ކަމަށެވެ. މަޝްހޫރު ތަފްސީރު އިލްމުވެރިޔާ ޝިހާބުއްދީން ސައްޔިދު މަޙްމޫދުލް އާލޫސީ އަލްބަޣްދާދީގެ ރޫޙުލް މަޢާނީގައި ވިދާޅުވެފައި ވާ ފަދައިން، އަދި އޭގެ ކުރީން އިމާމް ޣަޒާލީ އާއި އިބްނު ރުޝްދާއި އިބްނު ޤައްޔިމް ފަދަ އެހެނިހެން އިސްލާމީ އިލްމުވެރީން ވެސް ތަފްސީލުކޮށް ބަޔާން ކުރައްވައިފައި ވާ ފަދައިން، މިއީ އާދަމުގެ ދަރީންގެ ތެރެއިން އެކަކު ވެސް އިސްތިސްނާ ވުމެއް ނެތި އެންމެނަށް ދެއްވެވުނު ޚާއްސިއްޔަތެކެވެ. އާދަމުގެ ދަރިޔަކަށް ނުވަތަ އިންސާނަކަށް ވާތީ ދެއްވެވުނު ޚާއްސިއްޔަތެކެވެ. ކޮންމެ ދީނެއްގެ އަދި ކޮންމެ މިއްލަތެއްގެ މީހަކަށް ވެސް ދެއްވެވުނު ޚާއްސިއްޔަތެކެވެ. އެއީ ﷲ ތަޢާލާގެ ތަނަވަސް ވެގެން ވާ މަތިވެރި ރަހުމަތްޕުޅުގެ އެންމެ ވަރުގަދަ އެއް ތައުބީރެވެ.

އިންސާނާއަށް ދެއްވެވުނު މި ދަންނަވާ ކަރާމާތާއި މާތްކަމުގެ ހަތަރު އަސާސެއް ފާހަގަ ކުރެވިދާނެއެވެ. ފުރަތަމަ އަސާސަކީ ސީދާ ﷲ ތަޢާލާގެ ޔަދުގުދުރަތްޕުޅުން އިންސާނާ ސޫރަ ކުރެއްވިކަމެވެ. އެކަލާނގެ ރޫހުފުޅު ފުމެލައްވައިގެން އެ ރޫހުފުޅުގެ ބަރަކާތާއި ބާރުން އިންސާނާގައި ފުރާނަ އާއި ރޫހު ލައްވަވައި ދިރުން ދެއްވިކަމެވެ. ދެވަނަ އަސާސަކީ އިންސާނާ އަށް ބުއްދި ނުވަތަ އަގުލު ދެއްވިކަމެވެ. ތިންވަނަ އަސާސަކީ އިންސާނާ އަށް ޒަމީރު ދެއްވައި، ޚުދު އޭނާގެ ނަފުސުގައި ހެޔޮނުބައި ވަކި ކޮށް އިދުރާކު ކޮށްގަތުމުގެ އަސާސީ ގާބިލިއްޔަތާއި ބާރު ލެއްވެވި ކަމެވެ. ހަތަރުވަނަ ސަބަބަކީ އިންސާނުންގެ ތެރެއިން ނަބީރަސޫލުން އިޚްތިޔާރު ކުރައްވަވައި، އެ ބެއިބެއިކަލުން މެދުވެރި ކުރައްވައި ކީރިތިވަންތަ ﷲ އިންސާނާޔާ ބަސް ވަހީ ކުރައްވައި، އިންސާނާ އުޅޭން ވީ ހެޔޮ އަދި ރަނގަޅު މަގު ދައްކަވައިދެއްވައި، އިލާހީ ހިދާޔަތުގެ އަލިކަން ދެއްވިކަމެވެ. ވަހީގެ ޒަރީއާއިން އިންސާނާ އަށް ހިދާޔަތުގެ މަގު ދެއްކެވި ކަމެވެ.

އަގުލާއި ޒަމީރު

އިންސާނާ ކަރާމާތްތެރި ކުރެއްވި ހަތަރު ސަބަބުގެ ތެރެއިން ދެވަނަ އަދި ތިންވަނަ ސަބަބުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލަމާތޯއެވެ! އެއީ އޭނާއަށް ދެއްވި ބުއްދި އާއި ޒަމީރެވެ. ކުރީން ވެސް ދެންނެވި ފަދައިން އިންސާނާއަށް ބުއްދި އާއި ޒަމީރު ދެއްވެވުނީ އިލާހީ ރޫހުފުޅުގެ ރިވެލިވުމެއްގެ ގޮތުގައި ކަމަށް އިސްލާމީ އިލާހިއްޔާތާއި ފިކުރުގެ އިލްމުވެރީން ދެކެވަޑައިގަންނަވައެވެ. އެހެންކަމުން، ބުއްދި އާއި ޒަމީރަކީ އިންސާނާއަށް އިލާހީ އިނާޔަތާއި ރަހުމަތްޕުޅާއި އޯގާވަންތަކަމުން ދެއްވެވި އެންމެ ބޮޑު ނިއުމަތްތަކުގެ ތެރެއިން ވާ ދެ ނިއުމަތެވެ. އެ ދެ ނިއުމަތަކަށް ޓަކައި އިންސާނާ ކުރާން ޖެހޭ ޝުކުރަށް ކޮޅެއް މެދެއް ނެތް ފަދަ ދެ ނިއުމަތެވެ. އެ ދެ ނިއުމަތާ ނުލައި އަޅުގަނޑުމެންނާ، އެއްގަމާ ކަނޑުގައި ހިރޭދިރޭ ބަހާއިމު ސޫފާސޫތްޕާއި ވަހުޝީ ޖަނަވާރުތަކާ ދެމެދުގައި އެއްވެސް ތަފާތެއް ނެތެވެ.

އަގުލަކީ ހަމަ ބުއްދިއެވެ. ދެކޮޅު ޖެހޭ ގޮތަށް، ހަމަ ޖެހޭ ގޮތަށް، ހަމަ ވިސްނުމުން ވިސްނުމުގެ ބާރެވެ. މަންތިގީ ހަމަތަކާ ޚިލާފު ނުވެ ވިސްނުމާއި ފިކުރު ކުރުމުގެ ގާބިލިއްޔަތެވެ. ގިޔާސް ކުރުމާއި އިސްތިގުރާއު ކުރުމާއި އިސްތިންބާތު ކުރުމާއި އިހުތިމާލު ކުރުން ފަދަ ގޮތްގޮތުން ވިސްނުމާއި ފިކުރު ހިންގުމުގެ ބާރެވެ. ވިސްނުމާއި ފިކުރުގެ ތެރެއިން ސައްހަ އަދި ރަނގަޅު ނިޔާ ނެރެގަތުމުގެ ގާބިލިއްޔަތެވެ. ތަޖުރިބާ އާއި "އެމްޕިރިކަލް" މަންހަޖުތަކުގެ ވަސީލަތުން ދުނިޔޭގެ މާއްދީ ހަގީގަތްތަކާއި ސައެންސާއި އިޖުތިމާއީ އިލްމުތަކާއި އިންސާނީ އިލްމުތަކުގެ އެކިއެކި ދާއިރާތަކުން އިލްމު ހޯދުން ފަދަ ކަންކަމުގެ ގާބިލިއްޔަތުގެ ބުންޔާދަކީ ވެސް އަގުލެވެ. ތާރީޚު ދެނެގަތުމާއި ތާރީޚުން ފިލާވަޅާއި އިބުރަތް ހޯދުމުގެ ގާބިލިއްޔަތާއި، ފަންނުވެރިކަމާއި އަދަބުތަކުގެ ހުނަރާއި ގާބިލިއްޔަތު ވެސް ގުޅިފައި ވަނީ ހަމަ އަގުލާއެވެ. ބައްޕައެއް ނުވަތަ މަންމަޔަކަށް ވުރެ ދަރިޔަކު ދޮށްޓެއް ނުވާނޭކަން އަޅުގަނޑުމެންނަށް އެނގެނީ މި ގާބިލިއްޔަތުގެ ސަބަބުންނެވެ. ހިކުމަތުގެ ފިލާވަޅުތަކާއި އުސޫލުތަކަށް އިންސާނާގެ ނަފުސު ހުޅުވިގެން ދަނީ ވެސް ބުއްދި އާއި އަގުލުގެ ވަސީލަތުންނެވެ. ކުރެވޭ ތަޖުރިބާތަކުން އިބުރަތް ހާސިލު ކުރެވެނީ، ބުއްދި އާއި އަގުލުގެ ސަބަބުންނެވެ. އިންސާނުންނަށް ދެއްވި އެންމެ މުހިއްމު އެއް ގާބިލިއްޔަތު ކަމަށް ވާ ބަހުގެ ވަސީލަތުން ތިމާގެ ޝުއޫރުތަކާއި އިހުސާސްތަކާއި ޚިޔާލުތައް ފައުޅު ކުރުމާއި އެކަކު އަނެކަކާ ވާހަކަ ދެއްކުމާއި މުއާސަލާތު ކުރުމުގެ ގާބިލިއްޔަތުގެ އަސާސަކީ ވެސް އަގުލެވެ. ބުއްދިއެވެ. އިންސާނާގެ އަގުލުގެ ބާރާއި، އަގުލުގެ ބޭނުން ކުރެވޭ ގޮތް އެންމެ ރީތިކޮށް ފެނިގެން ދާ އެއް ދާއިރާ އަކީ ހިސާބު އިލްމުގެ ދާއިރާއެވެ. އާއްމު ފުރަވަސާނައިގައި ބުއްދި ގުޅުވައިލެވެނީ ސިކުނޑިއާއެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ، ބުއްދި އާއި އަގުލުގެ މާއްދީ މަގާމަކީ ނުވަތަ މަރުކަޒަކީ ސިކުނޑިއެވެ.

ދެން ޒަމީރަކީ ކޮން އެއްޗެއްތޯ ބަލައިލަމާ ހިންގަވާށެވެ!

އިންސާނާ ކަރާމާތްތެރި ކުރައްވައި މާތް ކުރެއްވުމަށް ޓަކައި ﷲ އޭނާއަށް ދެއްވެވި އެންމެ ޚާއްސަ އެކައްޗަކީ ޒަމީރެވެ. ޒަމީރުގެ ރަމްޒެއް ނުވަތަ މަގާމެއްގެ ގޮތުގައި އާއްމު ފުރަވަސާނައިގައި އިޝާރާތް ކުރަނީ ހިތަށެވެ. އެހެންކަމުން ޒަމީރުގެ މަގާމަކީ، ފަލްސަފީ ގޮތުން ބަލާ އިރު، ހިތެވެ.

ޒަމީރަކީ އިންސާނާގެ ކިބައިގައި ވާ އަމިއްލަޔަށް ހެޔޮނުބައި ދެނެގަތުމުގެ ބާރެވެ. އޮޅުމެއް ނެތް ގޮތުގައި، އެއްވެސް ކަމަކީ އޭގެ ޒާތުގައި ނުބައި ކަމެއް ކަމަށް ނުވަތަ ރަނގަޅު ކަމެއް ކަމަށް އަމިއްލަޔަށް ކަނޑައެޅުމުގެ އެއްވެސް ބާރެއް ނުވަތަ ހައްގެއް ނުވަތަ ހައިސިއްޔަތެއް އިންސާނާޔަކަށް ލިބިގެނެއް ނުވެއެވެ. ކަންކަމަށް ހެވާއި ނުބައިގެ ގީމަތު ދެއްވަވަނީ ﷲ އެވެ. ކަމެއް ރަނގަޅު ކަމަކަށް ވަނީ އެކަލާނގެ ނިޔާފުޅުގައި އެއީ ރަނގަޅު ކަމަކަށް ވުމުންނެވެ. ކަމެއް ނުބައި ކަމަކަށް ވަނީ ވެސް ހަމަ އެ ފަދައިންނެވެ. މިސާލެއްގެ ގޮތުން އިންސާނުން ޖަނަވާރާ އެކު ޖިންސީ އަމަލުތައް ހިންގުމާއި، ލެއިގެ ގޮތުން ވަކި ވަރަކަށް ވުރެ ތިމާގެކަން ބޮޑު މީހުނާ އެކު އެފަދަ ގުޅުންތައް ބޭއްވުމާއި، އެއް ޖިންސުން ޖިންސީ ގުޅުންތައް ހިންގުން ނުބައި އަމަލުތަކަށް ވަނީ ﷲ ތަޢާލާގެ އިރާދަފުޅާއި ނިޔާފުޅުގައި އެއީ ނުބައި އަދި ފާޙިޝް ޢަމަލުތަކެއް ކަމަށް ކަނޑައެޅުއްވީތީއެވެ. އޯގާވެރިކަމާއި ރަހުމާއި ހަމްދަރުދީ އާއި ލޯތްބާއި ހިތްހެޔޮކަމާއި އަދުލުއިންސާފުވެރިކަމާއި ދީލަތިކަމާއި މަޑުމައިތިރިކަމާއި ވަފާތެރިކަމާއި އަމާނާތްތެރިކަމާއި ނިޔަނެތިކަމާއި ހިތްތިރިކަން ފަދަ ކަންކަމަކީ ރިވެތި ސިފަތައް ކަމަށް ވެފައި ވަނީ އެއީ ﷲގެ ނިޔާފުޅުގައި އެ ކަންކަމާ މެދު އޮތް ގޮތް ކަމަށް ވާތީއެވެ. ފާހިޝް ކަންކަމާއި އަނިޔާވެރިކަމާއި ދޮގުވެރިކަމާއި މުނާފިގުކަމާއި ހިތްހަރުކަމާއި ބޮޑާކަމާއި ދަހިވެތިކަމާއި ހަސަދަވެރިކަމާއި ބޯހަރުކަން ފަދަ ކަންކަމަކީ ގޯސް ކަންތައްތަކެއް ކަމަށް ވަނީ ވެސް ހަމަ އެ އުސޫލުންނެވެ.

ވީމާ، ﷲ އިންސާނާޔަށް ދިރުމާއި ރޫހާއި ފުރާނަ ދެއްވުމަށް ޓަކައި "ފުމެލެއްވި ފުމެލެއްވުމުގެ" ވަސީލަތުން، ހެވާއި ނުބައިގެ އިލާހީ އިލްމުފުޅުގެ ތެރެއިން އެކަލާނގެ އިރާދަފުޅު ކުރެއްވި މިންވަރެއް އިންސާނާގެ ނަފުސަށް ރިވެލި ވެގެން ދިޔަދިޔުމުގެ ނަތީޖާ އަކީ އިންސާނާޔަށް ދެއްވި ޒަމީރެވެ. އެންމެ އަސާސީ ފެންވަރުގައި ހެޔޮ ނުބައި މައުލޫމު ކޮށް ދެނެގަތުމުގެ ގާބިލިއްޔަތު އިންސާނާއަށް ލިބުމެވެ. ތަބީއީ ގޮތުންނާއި ފިޠުރީ ގޮތުން ހެވަށް ލޯބި ކުރާ އަދި ނުބަޔަށް ނުރުހޭ، ރިވެތި އަޚުލާގަށް ލޯބި ކުރާ އަދި ޣައިރުއަޚްލާގަށް ނުރުހޭ މަޚްލޫގަކަށް އިންސާނާ ވުމެވެ.

އިލާހީ ހިދާޔަތު

ކީރިތިވަންތަ ﷲ އިންސާނާ ކަރާމާތްތެރި ކުރައްވައި މާތް ކުރެއްވުމަށް ޓަކައި އޭނާއަށް ބުއްދި އާއި ޒަމީރު ދެއްވުމަށް ފަހު، އޭނާގެ މައްޗަށް އެކަލާނގެ ރަހުމަތްޕުޅާއި އޯގާވަންތަކަމާއި އިނާޔަތްތެރިކަން ފުރިހަމަ ކުރެއްވުމަށް ޓަކައި ދެން ދެއްވި އެއްޗަކީ އިލާހީ ހިދާޔަތެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، އިލާހީ ހިދާޔަތަކީ ﷲގެ މަތިވެރި އަދި އިސްމަތްތެރި ނަބީރަސޫލުން މެދުވެރި ކުރައްވައި އިންސާނިއްޔަތަށް ދެއްކެވި މަގެވެ. އިންސާނިއްޔަތުގެ ރޫހާނީ، އަޚްލާގީ އަދި ފިކުރީ އިމާމުން ކަމުގައި ވެވަޑައިގަތް މަތިވެރި ބެއިކަލުންތަކެއްގެ ވަސީލަތުން ފޮނުއްވެވި އިސްލާމް ދީނެވެ. އެ ދީން އެންމެ ފުރަތަމަ އިންސާނާއަށް އުނގަންނައިދެއްވެވީ އާދަމް ޢަލައިހިއްސަލާމް މެދުވެރި ކުރައްވައެވެ. އެކަލޭގެފާނަށް ފަހު އެކި ޒަމާންތަކުގައި އިންސާނުންގެ އެކިއެކި ގައުމުތަކަށް ނަބީރަސޫލުން ފޮނުއްވެވިއެވެ. ނޫޙް ޢަލައިހިއްސަލާމާއި، އިބްރާހީމް ޢަލައިހިއްސަލާމާއި، މޫސާ ޢަލައިހިއްސަލާމާއި، ޢީސާ ޢަލައިހިއްސަލާމް ފަދަ އެތައް ބެއިބެއިކަލުންނެކެވެ. ނަމަވެސް މި އެންމެހައި ބެއިބެއިކަލުންނަށް ވެސް ކީރިތި ﷲ ދެއްވެވި އިލާހީ ހިދާޔަތަކީ އޭގެ އަސާސުގައި އެކައްޗެކެވެ. އެހެނީ ﷲ ގެ ބަސްފުޅާއި ސުންނަތަކީ ބަދަލު ވާ އެއްޗެއް ނޫނެވެ. ވީމާ އިލާހީ ހިދާޔަތަކީ އަބަދުވެސް އެއް ޖައުހަރެއްގައި އަދި އެއް އަސާސެއްގައި އޮތް އެއްޗެކެވެ. ބަދަލު އަންނަނީ ހަމައެކަނި އޭގެ ސޫރަޔަށެވެ. އިބްރާހީމް ޢަލައިހިއްސަލާމަށް އިސްލާމް ދީން ބާވައިލެއްވެވުނު އިރު، ދީނުގެ އަސާސް ތަޖުސީމު ކުރީ އެކަލޭގެފާނުގެ މާތް ސުހުފެވެ. މޫސާ ޢަލައިހިއްސަލާމަށް ދެއްވެވުނީ ތައުރާތެވެ. ޢީސާ ޢަލައިހިއްސަލާމަށް އިންޖީލެވެ. މި ރިސާލަތުތަކުގައި ތަފާތެއް ހުރީ، ޒަމާނާއި މަކާނަށް މުނާސިބު ވުމަށް ޓަކައި އިލާހީ ހިކުމަތްޕުޅުގެ ތެރެއިން ކަނޑައެޅުއްވެވި ފަރުއީ ތަފާތުތަކެއްގެ ގޮތުގައެވެ.

އިލާހީ ހިދާޔަތުގެ އެންމެ ފަހުގެ ފައުޅުވުމަކީ މުޙައްމަދިއްޔަ ރިސާލަތެވެ. ކީރިތި ޤުރްއާނުގެ ވަސީލަތުން، އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވަވައި ދެއްވެވި ހިދާޔަތެވެ. އިތުރު އެކަލޭގެފާނަށް ފަހު ގިޔާމަތާ ހަމަޔަށް އިލާހީ ހިދާޔަތުގެ ގޮތުގައި އިންސާނާގެ އަތުގައި އޮންނާނޭ އެއްޗަކީ އެކަލޭގެފާނުގެ ތައުލީމާތެވެ. ކީރިތި ޤުރްއާނާއި އިތުރު މާތް ސާހިބާގެ ސުންނަތެވެ. މި ދެ މަސްދަރުގެ ވަސީލަތުން އިންސާނިއްޔަތަށް ދެއްވެވިގެން ވާ އިލާހީ ހިދާޔަތުގެ ދަންމަރުގެ އަލިކަމަކީ އިންސާނާއަށް ﷲ ތަޢާލާގެ އޯގާވެރިކަމާއި މަވައްދަތާއި އިނާޔަތްތެރިކަން ހުރި މިންވަރުގެ އަލިގަދަ ހެއްކެކެވެ. އެކަލާނގެ އިންސާނާ މާތް ކުރައްވައި ޚާއްސަ ކުރެއްވި މިންވަރު ދައްކުވައިދޭ ހެއްކެއް މެއެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ، ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ހެޔޮ މަގާއި ހައްގާއި އިހުސާންތެރިކަމުގެ ރާސްތާ ދެއްކެވުމަށް ޓަކައި މިފަދަ ފުރިހަމަ އަދި ވަރުގަދަ އަސާސްތަކެއް ދެއްވީމާ ވެސް، އިންސާނުން ކުރެ ގިނަ މީހުންނަކީ ބާޠިލުގެ މަގުގައި، އިބްލީސީ ވަސްވާސްތަކުގެ އަޅުވެތިކަމުގައި، އުރެދުމާއި ފާފައިގެ ހަޔާތްތަކެއް ވެއަތު ކުރާ ބަޔަކަށް ވެފައި ވަނީ ކީއްވެގެން ހުރެހެއްޔޭ މި ސުވާލެވެ.

މި މުހިއްމު ސުވާލުގެ ޖަވާބު ގުޅިފައި ވަނީ އިންސާނާގެ ދުނިޔަވީ ހަޔާތަށް ޓަކައި ކީރިތިވަންތަ ﷲ ރޭއްވެވި ރޭއްވެވުމާއެވެ. އިސްލާމީ އިލާހިއްޔާތުގެ އަލީގައި އެއްޗެއް ދަންނަވާ އިރު، ﷲ ތަޢާލާ އިންސާނާއާ މެދުގައި ކަނޑައެޅުއްވީ އޭނާއަކީ އަމިއްލަ އިޚްތިޔާރެއް ނެތި، ޕަރޯގިރާމު ކުރެވިފައި ވާ ކޮންޕިޔުޓަރެއް ފަދަ އެއްޗަކަށް ވުމެއް ނޫނެވެ. އޭގެ ބަދަލުގައި އެކަލާނގެ ކަނޑައެޅުއްވީ އިންސާނާއަށް ދުނިޔަވީ ހަޔާތުގައި "އިޚްތިޔާރީ ބާރު" ލިބިގެން ވާ މަޚްލޫގެއް ކަމަށް ލެއްވުމަށެވެ. އެ އިޚްތިޔާރީ ބާރުގެ ސަބަބުން އެކަލާނގެ ރުހިވޮޑިގެންވާ ހެޔޮ އަދި ރަނގަޅު މަގުން، ނުވަތަ އެކަލާނގެ ރުހިވޮޑިނުގެންވާ އިބްލީސީ އަދި ބާޠިލު މަގާ މަގުން ހިނގުމުގެ ކުޅަދާނަކަން އިންސާނާއަށް ލިބުނެވެ. އެއް މަގުގައި ހުރެފައި އަނެއް މަގަށް ބަދަލު ވުމުގެ ކުޅަދާނަކަން ވެސް ހިމެނޭ ގޮތުންނެވެ. މި "އިޚްތިޔާރީ ބާރު"ގެ އެންމެ މުހިއްމު އެއް ބިންގަލަކީ އިންސާނާ އަކީ ބުއްދި އާއި ޒަމީރު ދައްކާ ހެޔޮ މަގުން އެއްވެސް ހާލެއްގައި ކަސިޔާރު ނުވެ ހިނގާނޭ، އެއްވެސް އުނިކަމެއް ނެތް ފުރާފުރިހަމަ އަދި އާނާންދަ މަޚްލޫގެއް ކަމަށް ނުލެއްވުމެވެ. އެހެނީ އިންސާނާގެ ނަފްސަކީ "ފޭލި ނުވާނޭ" އަދި އެއްވެސް އުނިކަމެއް ނެތް އެއްޗެއް ކަމަށް ލެއްވެވި ނަމަ، ނުބައި އަމަލެއް ކުރުމުގެ ނުވަތަ ގޯހެއް ހެދުމުގެ އެއްވެސް ކުޅަދާނަކަމެއް އިންސާނާއަކަށް ނުލިބުނީހެވެ. އެއިރުން އޭނާ ވީހީ ކުރީން ދެންނެވި ފަދައިން ޕަރޯގިރާމު ކުރެވިފައި ހުރި ކޮންޕިޔުޓަރަކަށެވެ.

ވީމާ، ކީރިތި ﷲ ތަޢާލާ އިންސާނާއަށް ބުއްދި އާއި ޒަމީރު ދެއްވަވައިފައިމެ އޭނާގެ ކިބައިގައި އުނިކަން ލެއްވެވިއެވެ. ހަނދާން ނެތުމުގެ އުނިކަމެވެ. އިބްލީސީ ވަސްވާސްތަކަށް ހެއްލުންތެރި ވުމުގެ އުނިކަމެވެ. އޭނާގެ ނަފުސުގައި ވާ ދުނިޔަވީ އަދި މާއްދީ އެދުންތަކަށް އަޅުވެތި ވާ އަދި ކެތްމަދުކަން ފަދަ އުނި ސިފަތަކެވެ. އޭނާގެ ކިބައިގައި ވާ ހިތްވަރުގަދަކަމާއި ދީލަތިކަމާއި ނިޔަނެތިކަމާއި ހިތްހެޔޮކަން ފަދަ ހެޔޮ ސިފަތަކާ ވާދަ ކުރާނޭ ނުބައި ސިފަތަކެއް، ކޮންމެ ހެޔޮ ސިފައެއްގެ އަނެއް ކޮޅުގެ ގޮތުގައި ލެއްވެވި ލެއްވެވުމެވެ. މިސާލަކަށް އަމިއްލަ ނަފުސާއި ތިމާގެ އަމިއްލަ މުހުތާދުތަކަށް ފަރުވާތެރިވުމުގެ ހެޔޮ އަދި ރަނގަޅު ސިފައިގެ ނުބައި ކޮޅުގެ ގޮތުގައި ލެއްވެވި ދަހިވެތިކަމެވެ.

މި ދެންނެވި ފަދައިން އިންސާނާ އުފެއްދެވުމަށް ފަހު، ﷲ ތަޢާލާ އިންސާނާއަށް އެންގެވީ އޭނާގެ ބުއްދި އާއި، އޭނާގެ ޒަމީރާއި، އެކަލާނގެ ފޮނުއްވެވި އިލާހީ ހިދާޔަތުގެ އެހީގައި ނުބައިކަމުގެ ބާރުތަކާ ދެކޮޅަށް ނަފުސުން ޖިހާދު ކުރުމަށެވެ. އިބްލީސީ ވަސްވާސްތަކާއި، އިބްލީސްގެ މަގުގައި ހިނގާ އެހެން އިންސާނުންގެ ވަސްވާސްތަކާއި، ހަވާނަފުސުގެ ހެއްލުންތަކަށް ފުރަގަސް ދީ، އުނދަގުލާއި ތަކުލީފު އުފުލައިގެން ވިޔަސް ހެޔޮކަމާއި އިހުސާންތެރިކަމުގެ މަގުގައި ސާބިތު ވުމަށް ކުރާ މަސައްކަތުން ޖިހާދު ކުރުމަށެވެ. އެ ޖިހާދު ކާމިޔާބު ވާނީ އިންސާނާ އާއި ﷲ ތަޢާލާ އާ ދެމެދުގައި އޮންނާން ވާ ރޫހާނީ ގުޅުން ހެޔޮ ގޮތުގައި ގާއިމު ކުރެވިފައި އޮވެގެންނެވެ. ބުއްދި އާއި ޒަމީރާއި މާތް ވެގެން ވާ އިސްލާމް ދީނުގެ މަގުގައި ހިނގައިފި ކޮންމެ އިންސާނަކަށް އޮތީ ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ފަލާހެވެ. ކާމިޔާބެވެ. އިލާހީ ރުއްސެވުމާއި މަވައްދަތާއި ޖަންނަތުލް ފިރްދައުސުގެ ނިއުމަތެވެ. އޮޅުމެއް ނެތް ގޮތުގައި މި ކަންކަން ހާސިލު ކުރުމަށް ޓަކައި، އިންސާނާ ނުބައިކަމުގެ އަދި އަނދިރީގެ ބާރުތަކާ ދެކޮޅަށް މަސައްކަތް ކުރާން ޖެހޭ ގޮތަށް ލެއްވެވި ލެއްވެވުމަކީ ވެސް އިންސާނާ މާތް ކުރެއްވެވި އަދި ކަރާމާތްތެރި ކުރެއްވެވި ގޮތްތަކުގެ ތެރެއިން ގޮތެކެވެ. ބުރަތަކާއި ހުރަސްތަކާއި އިމްތިހާނުތައް ގިރާ ކޮށް ފާސް ވެގަންނަ ކުއްޖަކަށް މެނުވީ ތަރުހީބުގެ އަތްތިލަބަޑި އާއި ތައުރީފާއި ތަށްޓާއި އިނާމު ހައްގު ނުވާނޭ ފަދައިންނެވެ. ވީމާ، ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ހެޔޮ މަގާއި ހައްގާއި އިހުސާންތެރިކަމުގެ ރާސްތާ ދެއްކެވުމަށް ޓަކައި މިފަދަ ފުރިހަމަ އަދި ވަރުގަދަ އަސާސްތަކެއް ދެއްވީމާ ވެސް، އިންސާނުން ކުރެ ގިނަ މީހުންނަކީ ބާޠިލުގެ މަގުގައި، އިބްލީސީ ވަސްވާސްތަކުގެ އަޅުވެތިކަމުގައި، އުރެދުމާއި ފާފައިގެ ހަޔާތްތަކެއް ވެއަތު ކުރާ ބަޔަކަށް ވެފައި ވަނީ ކީއްވެގެން ހުރެހެއްޔޭ މި ސުވާލުގެ ޖަވާބު މާކަ އުނދަގުލެއް ނޫނެވެ. އޭގެ ސަބަބަކީ، އިންސާނާ އޭނާޔަށް ﷲ ދެއްވެވި އިޚްތިޔާރީ ބާރުގެ ބޭނުން ނުހަމަ ގޮތުގައި ހިފުމެވެ. ހެޔޮމަގު ދޫ ކޮށްލައި ނުބައި މަގު އިޚްތިޔާރު ކުރުމެވެ. އޭނާގެ ނަފްސުން ފާފަޔާއި ނުބައި އަމަލުތަކާއި އިބްލީސިއްޔަތާއި ޝައިޠާނިއްޔަތާ ދެކޮޅަށް ކުރާން ޖެހޭ ޖިހާދު ނުކުރުމެވެ.

އެހެންކަމުން، ތަކުރާރުކޮށް އަޅުގަނޑުމެންގެ ނަފުސުތަކަށް ހަނދާން ކޮށްދެމާ ހިންގަވާށެވެ! އިންސާނުންނަށް ދުނިޔަވީ ހަޔާތުގެ ކާމިޔާބާއި އުޚްރަވީ ހަޔާތުގެ ފަލާހު އޮތީ އޭނާގެ ކަރާމާތާއި ހުރުމަތާއި މާތްކަމުގެ ސަބަބުތަކަށް ތެދުވެރި ވެގެންނެވެ. އޭނާގެ އިންސާނިއްޔަތާއި އާދަމިއްޔަތުގެ އަސާސްތަކަށް ކަމޭ ހިތައިގެންނެވެ. ޖާނާއި މާލުން ގުރުބާން ވެގެން ވެސް އެ ކަންތައްތަކުގައި ހިފަހައްޓައިގެންނެވެ. ފަރުދީ ގޮތުންނާއި އާއިލީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް މެއެވެ. ގައުމެއްގެ ގޮތުގައި ވެސް މެއެވެ. އެ ކަންތައްތައް ދޫ ކޮށްލައިފި މީހަކު އެ ވެއްޓުނީ އިބްލީސްގެ މަގަށެވެ. ޖަންގަލީގެ ޖަނަވާރުތަކަށް ވުރެ ވެސް ދަށު ދަރަޖަޔަކަށެވެ. އަޅުގަނޑުމެން އުޅޭންވީ ޔޫރަޕިއަން ޔޫނިއަނާއި، ދުނިޔޭގެ ސުޕަރޕަވަރާއި، ބޮޑު އަވަށްޓެރީންނާއި، ޑޮލަރާއި ޔޫރޯގެ ސާހިބުން ރުއްސާކަށް ނޫނެވެ. ބިންމަތީގައި ހުރި ވިނަ ހޮވައިގެން ކައިގެން އުއި ފޮތީން ލަނގޮޓި މަރައިގެން ދުނިޔޭގައި އުޅޭން ޖެހުނަސް، އަޅުގަނޑުމެން ސާބިތުކަމާ އެކު ބަލާން ވީ އަޅުގަނޑުމެން ކަރާމާތްތެރި ކުރައްވައި ހުރުމަތްތެރި ކުރެއްވި ﷲ ތަޢާލާއަށް ހެޔޮ ގޮތުގައި ޝުކުރުވެރި ވެވޭތޯއެވެ. އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވި އަގުލާއި، ޒަމީރާއި، އިލާހީ ދީނުގެ ހިދާޔަތުގެ ދަންމަރުގެ އަލިކަމުގެ ތެރޭގައި ދުނިޔަވީ ހަޔާތް ވެއަތު ކުރެވޭތޯއެވެ.

ދައުލަތުގެ އަސާސްތައް

މި ދެންނެވި ވާހަކަތަކުން ފެނިގެންދާ ހަމައެކަނި ކަމަކީ ކަރާމާތާއި ހުރުމަތާއި އިއްޒަތުގެ ވެރި ފަރުދަކު ބިނާ ކުރެވޭނޭ މަގަކީ ކޮބައިކަމެއް ނޫނެވެ. އަދި ކީއްތޯއެވެ! ކަރާމާތާއި ހުރުމަތާއި އިއްޒަތް ލިބިގެން ވާ ހެޔޮ ދައުލަތެއް ބިނާ ކުރެވޭނޭ މަގު ވެސް މި ވާހަކަތަކުން އެއޮތީ ސާފުކޮށް ފެންނާށެވެ.

އެހެން އިބާރާތަކުން ދަންނަވަނީވިއްޔާ، އަޅުގަނޑުމެންގެ ދައުލަތަކީ ހެޔޮ ދައުލަތެއް ކަމަށް ހެދުމުގެ ތަޅުދަނޑިއަކީ، އަދި އަޅުގަނޑުމެންގެ ގައުމަށް ސަލާމަތާއި ނަޖާގެ ތަޅުދަނޑިއަކީ އެ ދައުލަތް ހެޔޮ ބުއްދި އާއި، ރިވެތި އަޚްލާގާއި، މާތް ވެގެން ވާ އިސްލާމް ދީނުގެ ފުރިހަމަ އަދި ކުށްނެތް ހިދާޔަތުގެ އަލިކަމުގެ މަތީގައި ބިނާ ކުރުމެވެ. އަޅުގަނޑުމެންގެ ދައުލަތުގެ ދުސްތޫރީ ނިޒާމުން ފެށިގެން ގޮސް ދައުލަތުގެ ރަސްމީ ބަންދު ދުވަސްތައް ކަނޑައެޅުމާ ހަމަޔަށް، ހުރިހައި ކަމެއްގައި ވެސް އަޅުގަނޑުމެން ތަބާ ވާ އަސާސްތަކަކީ މި ކަންކަން ކަމަށް ހެދުމެވެ. ގައުމު ބިނާ ކުރުމަށް ޓަކައި ބޭނުން ވާ އިލްމުތަކާއި ފަންނުތަކާއި ދާއިރާތައް ތަރައްގީ ކުރުމުގައި ތަބާ ވާ އަސާސްތަކަކީ ވެސް މި ކަންކަން ކަމަށް ހެދުމެވެ. އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު މި ކަންކަމުގެ މައްޗަށް ބިނާ ކުރުމެވެ. އަޅުގަނޑުމެންގެ އިގުތިސާދީ ނިޒާމު މި ކަންކަމުގެ މައްޗަށް ބިނާ ކުރުމެވެ. އަޅުގަނޑުމެންގެ އަދަބިއްޔާތާއި ފަންނުވެރިކަމާއި މުނިފޫހި ފިލުވުމުގެ ދާއިރާތައް ވެސް މި ކަންކަމުގެ މައްޗަށް ބިނާ ކުރުމެވެ. އަޅުގަނޑުމެންގެ ދާޚިލީ އަދި ޚާރިޖީ ގުޅުންތަކާއި ސިޔާސަތުތަކުގެ އަސާސަކީ ވެސް މި ކަންކަން ކަމަށް ހެދުމެވެ. އަޅުގަނޑުމެންގެ ދުސްތޫރާއި ގާނޫނީ ނިޒާމުގެ ބިންގަލަކީ މި ކަންކަން ކަމަށް ހެދުމެވެ. އަޅުގަނޑުމެންގެ ސަގާފަތާއި ގައުމިއްޔަތުގެ އެންމެހައި ކަންތައްތަކެއްގެ ބިންގަލަކީ ވެސް މި ކަންކަން ކަމަށް ހެދުމެވެ.

އޮޅުމެއް ނެތް ގޮތުގައި ކީރިތި ﷲ އިންސާނާއަށް ދެއްވެވި އެންމެ ބޮޑު ތިން ނިއުމަތް ކަމަށް ވާ ބުއްދި އާއި، ޒަމީރާއި، މާތް ވެގެންވާ އިސްލާމް ދީނުގެ ހުރުމަތް ނަގައިލައި، އެ އެއްޗެތި އުކައިލައިފައި އެހެން ގޮތްތަކެއް ހޯދާން ދުއްވައިގެންފި ކޮންމެ ބަޔަކީ ގެއްލެނި ވެގެން ދާނޭ ބައެކެވެ. އެ ބަޔަކުގެ އަތުގައި ކިތަންމެ ބައިވަރު ޑޮލަރަކާއި ޔޫރޯއެއް ހުއްޓަސް، އެއީ ފަގީރުންނެވެ. އެ ބަޔަކު ކިތަންމެ އަގުބޮޑު ސޫޓުތަކެއް ލައިގެން ކިތަންމެ އޮފުގަދަ ބޫޓުތަކަކަށް އަރައިގެން ތިއްބަސް، އެއީ އޮރިޔާން ހާލުގައި ތިބި ބައެކެވެ. އެ ބަޔަކު ޗުއްޓީ ހޭދަ ކުރާން ލަންޑަނުން ޕެރިހުން އެމްސްޓަރޑެމުން އަގުބޮޑު "ބޭކަން" ކައިގެން، "އޯލްޑް" އަދި އަގުބޮޑު "ވައިން" ބޮއެގެން ތިއްބަސް އެއީ ހަގީގަތުގައި ބަނޑުހައިކަމަކާއި ކަރު ހިއްކުމެއްގައި ހަނާ ވޭވޭ ތިބި ބައެކެވެ. އެ ބަޔަކު ލިބަރަލިޒަމާއި، ހިޔުމަނިޒަމާއި، ހެޑޮނިޒަމާއި، ފެމިނިޒަމާއި، ކެޕިޓަލިޒަމާއި، ސޯޝަލިޒަމާއި، ދެންވެސް މި ބާވަތުގެ ކިތަންމެ "ޒަމްތަކެއްގެ" އަޑު އުފުލިޔަސް، އެ ބަޔަކީ ހަގީގަތުގައި ފިކުރީ އަޅުންތަކެކެވެ. އިބްލީސިއްޔަތުގެ އަޅުންތަކެކެވެ. އެފަދަ މީހުންނަށް ޓަކައި ދުނިޔަވީ ހަޔާތަކީ މާއްދީ ބާރާއި އިއްޒަތާއި އުސް ގޮނޑިތަކާއި ބޮޑެތި ވަޒީފާތަކާއި ފަލަ މުސާރަތަކާއި ދުނިޔަވީ މުދަލާއި ފައިސާޔަށް ޓަކައި، "ނޯ ރައިޓް، ނޯ ރޯންގް ފޯރ މީ، އައި އޭމް ފްރީ" ފަލްސަފާގެ ދަށުން ޖަހާ ރޭހެކެވެ. އެ ރޭހުގެ ނިމުމުގައި އޮތީ އެ ފިޔަވަޅެއްގައި އެއްވެސް މާނައެއް ނެތް ފަނާގެ ފިޔަވަޅެވެ. އެ ބަޔަކުގެ ދިރިއުޅުން ވެއަތު ވެގެން ދާނީ ނުބައި ބާރުތަކުގެ އަޅުވެތިކަމުގައެވެ. އެ ބަޔަކުގެ ނިމުން އަންނާނީ އަނދިރިކަމާއި ފަޅުކަމާއި މާޔޫސީ ފިޔަވައި އެހެން އެއްޗެއް ނެތް ހުސްވުމެއް އަދި ހުސްކަމެއްގެ ގޮތުގައެވެ.

ނުކުންނާން ވީ ހަގީގީ އިސްލާހަށެވެ!

އަޅުގަނޑުމެންނަށް މިއަދު ލިބިފައި ވާ އެންމެ ބޮޑު ނިކަމެތިކަމަކީ ކޮބައިތޯއެވެ؟

އާދޭހެވެ! ދިވެހި ގައުމަށް ލިބިފައި ވާ އެންމެ ބޮޑު ނިކަމެތިކަމަކީ، ބުއްދި އާއި ޒަމީރާއި އިލާހީ ހިދާޔަތު އެއްފަރާތް ކުރެވި، އެހެން ކަންތައްތަކެއްގެ މައްޗަށް އަޅުގަނޑުމެންގެ މުޅި ދިރިއުޅުމާއި، އަޅުގަނޑުމެންގެ އިޖުތިމާއީ އަދި ގައުމީ ހަޔާތުގެ އެންމެހައި ކަންކަން ބައްޓަން ކުރެވެމުން ދާ ދިޔުމެވެ. ފަރުދީ ފެންވަރުގައި، އާއިލީ ފެންވަރުގައި، އިޖުތިމާއީ ފެންވަރުގައި، އަދި ގައުމީ ފެންވަރުގައި ވެސްމެއެވެ. މިހެން ވާން ޖެހުނީ އިސް ވެ ދެންނެވި އަސާސްތަކުގެ މައްޗަށް ދިރިއުޅުމާއި އިޖުތިމާއީ އަދި ގައުމީ ހަޔާތުގެ އެންމެހައި ކަންކަން ބިނާ ކުރާނޭ ގޮތް ކިޔައިދޭނޭ ތައުލީމީ އަދި ތަރުބަވީ ނިޒާމެއް އަޅުގަނޑުމެންގެ ތެރޭގައި ގާއިމު ނުކުރެވުނީތީއެވެ. އެ ތިން އަސާސުގެ މައްޗަށް ހެޔޮ ގޮތުގައި މުޖުތަމައަށް މަގު ދައްކައިދޭނޭ ދީނީ އިލްމުވެރީން އަޅުގަނޑުމެންގެ ތެރޭގައި ނުއުފެއްދުނީތީއެވެ. ދެން ގައުމު ސަލާމަތް ކުރެވޭން އޮތް މަގަކީ މި ދެންނެވި ގޯސްތައް ރަނގަޅު ކުރުމެވެ. ހެޔޮ ގޮތުގައި މާތް ވެގެންވާ އިސްލާމް ދީނުގެ ތައުލީމާއި ތަރުބިއްޔަތު އަޅުގަނޑުމެންގެ ދަރީންނަށް ދޭން ވީއެވެ. ބުއްދި އާއި ޒަމީރު ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ޓަކައި ކުދީންނަށް އެހީ ވެދޭނޭ އިލްމުތައް ކުދީންގެ ޅައުމުރުގައި ކިޔަވައިދޭން ވީއެވެ. އިލާހީ ހިދާޔަތަށާއި ބުއްދިއަށާއި ޒަމީރަށް ފުރަގަސް ދީ، އިންސާނާއަކީ ޚުދު އޭނާގެ އަމިއްލަ ނަފުސުގެ ވެރި "ކަލާނގެ" ކަމަށް ބަލައިގެން އުޅޭ މީހުންގެ އަދަބިއްޔާތާއި ފިލްމާއި ފިކުރުތަކުން އަޅުގަނޑުމެންގެ ޅަދަރީން ސަލާމަތް ކުރާން ވީއެވެ. ﷲ އަށް ފުރަގަސް ދީ އުރެދިގަތް މީހުންނާއި އިބްލީސްގެ އެކުވެރީންގެ ފިކުރީ އަޅުވެތިކަމުން އަޅުގަނޑުމެންގެ ޅަ ޖީލުތައް ހިމާޔަތް ކޮށް، ބުއްދި އާއި ޒަމީރާއި އިލާހީ ހިދާޔަތުގެ އަލިކަމުން ލިބެވޭ ހަގީގީ ހުއްރިއްޔަތާއި ހަގީގީ މިނިވަންކަމުގެ މަގަށް އެކުދީން ހެއި ލައްވާން ވީއެވެ. އިންސާނާއަށް ހަގީގީ މާނައިގައި ކަރާމާތާއި މާތްކަމާއި ހުރުމަތް ލިބުނު ސަބަބުތަކަށް ތެދުވެރި އަދި އަމާނާތްތެރި ޖީލުތަކެއް އަޅުގަނޑުމެންގެ ގައުމުގައި އުފައްދާން ވީއެވެ. އަޅުގަނޑުމެން އެ އިސްލާހަކާއިގެން ނުކުންނާން ވީ އިސްލާހަކީ މިއެވެ.

ވިސްނަވާށެވެ! އަޅުގަނޑުމެންގެ ދަރީން އުފާފާގަތިކަމާއި ބާއްޖަވެރިކަމާއި ޝަރަފާއި އިއްޒަތުއްނަފުސާ އެކު ދިރިއުޅޭކަށް މި ދުނިޔެއަކު އަޅުގަނޑުމެންގެ ގުރުބާނީން ބިނާ ކޮށް ދެމެހެއްޓި ވަޒަނެއް އަދި ގައުމެއް އަދި ދައުލަތެއް ނޫނީ ނުއޮންނާނެއެވެ. އެހެން ކޮންމެ ތަނެއްގައި އެ ކުދީން އުޅޭނީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައެވެ. އާޚިރުގައި އެކުދީންނަށް ޖެހޭނީ ރޫސީ އަންބަރާތޫރިއްޔާގައި ޝަރްކަސީންނަށް ޖެހުނު ހާލެވެ. ޔޫރަޕުގައި ނާޒީންނާއި ފެޝިސްޓުންގެ އަތްމަތީން ޔަހޫދީންނާއި ޖިޕްސީން ފަދަ ގައުމީ ޖަމާއަތްތަކަށް ޖެހުނު ހާލެވެ. ބަރުމާގައި ރޮހިންގްޔާ މުސްލިމުންނަށް ޖެހުނު ހާލެވެ. ވީމާ، ކީރިތި ﷲ އިންސާނާއަށް ދެއްވި ކަރާމާތާއި މާތްކަމުގައި ކޮޅުފައިން ޖަހައި އެއްލައިލައިފައި، ޝައިތާނީ ބާރުތަކަށް އަޅުވެތި ވެގެން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންގެ ދުނިޔެ އާއި އާޚިރަތް ނަގައިލުން ހެޔޮ ވާނެތޯއެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް