ޕޮލިސް ފްލެޓުތައް ހަދަން ބަޔަކާ ހަވާލުކުރަން އިމާރާތް އަގުމަގު ކުރަނީ

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އަޅާ ފްލެޓުތައް --- ފޮޓޯ ދި އެޑިޝަން

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅަން ފަށާފައިވާ ފުލުހުންގެ ފްލެޓުތަކުގެ ވެލުއޭޝަން ނުވަތަ އަގު މަގު ކުރުމުގެ އޮޑިޓެއް ހަދަން ނިންމައިފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހުޅުމާލެ، ފުރަތަމަ ފޭސް ގައި އިމާރާތް ކުރަމުންދާ ހައުސިން ޕްރޮޖެކްޓް މިހާރުގެ ކޮންޓްރެކްޓަރުގެ އަތުން ނަގަށް ކަނޑައާޅާފައިވާތީ، އެ ޕްރޮޖެކްޓަށް ގަނެފައިވާ މުދަލާއި ހިދުމަތްތައް ދެނެގަތުމަށްޓަކައި ވެލުއޭޝަން އޮޑިޓެއް ހަދަން ބޭނުން ވާ ކަމަށެވެ.

ވެލުއޭޝަން އޮޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލާފައިވާއިރު އެކަމަށް ޝަައުގުވެރިވާ، އަދި އެ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ބޭނުން ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން މާޗު 21 ވަނަ ދުވަހު އިސްކަންދަރު ކޮށި 1 ގައި އޮންނާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިވެގެން ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު އެވެ.

ފްލެޓުތައް އިމާރާތް ކުރަން ފުރަތަމަ ހަވާލުކުރީ ނޫމަޑިއާ އެވެ. ނޫމަޑީގެ އެއް ހިއްސާދާރުގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް އައިލެންޑު އެކްސްޕާޓުން ފުރަތަމަ މަސައްކަތް ނެގީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގަ އެވެ. ފަހުން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު 2016 ގައި މަސައްކަތް އަލުން ހަވާލުކުރީ ސީދާ އައިލެންޑް އެކްސްޕާޓާ އެވެ. ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ނުގޮސް ބޮޑެތި މައްސަލަތަކަކާ ކުރިމަތިވީ އެވެ.

comment ކޮމެންޓް