ސުޕްރީމު ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޯ މައްސަލަ މުއާހަދާއާ ހިލާފު

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުންގެ މައްޗަށް 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފުކަމަށް ކަނޑައަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޗްއާރުސީއެމްގެ ކުރީގެ މެންބަރުން ކަމުގައިވާ އަހުމަދު ތޮލާލް އާއި ޖީހަން މަހުމޫދު، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، މިދިޔަ އަހަރުގެ ނޮވެންބަރު ދެވަނަ ދުވަހު އެ ކޮމިޓީއިން ގޮތް ނިންމައި، ކޮމިޓީގެ ވިއުސް އެޑޮޕްޓް ކޮށްފައިވާ ކަމަށެވެ.

އަދި ކޮމިޓީގެ ވިއުސް 19 ފެބުރުވަރީ 2021 ގައި ރަސްމީކޮށް ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން، 25 ސެޕްޓެމްބަރު 2016 ގައި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅި މައްސަލާގައި، ސުޕްރީމް ކޯޓުން 2014 ގައި އެޗްއާރުސީއެމް އާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލައާއި، ހިއެޗްއާރުސީއެމް އިން ރާއްޖޭގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ގާނޫނާ ހިލާފު، ވަކި ކޮޅަކަށް ބުރަވެފައިވާ އަދި އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއްކަމަށް ނިންމުމާއި، އެޗްއާރުސީއެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އދ. އަށް މަޢުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާގޮތަށް އަމަލުކުރަންޖެހޭ ވަކި ގައިޑްލައިންއެއް ކަނޑައެޅުމުގެ ސަބަބުން އެ ކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ގެ 19 ވަނަ މާއްދާއިން ލިބިދޭ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް އެ މައްސަލާގައި ފާހަގަ ކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެޗްއާރުސީއެމްގެ މެމްބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ބަލައި ގައިޑްލައިން އެއް ނެރުނީ އެ ކޮމިޝަނުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ފޮނުވި "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" (ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ އެވެ.

https://sun.mv/56929

ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލައަށްފަހު ނެރެފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުންކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ މުވައްސަސާތަކުން ކުރާ ކަންތައްތަކާއި އާންމު މަސްލަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން އެ ކޮމިޓީއިން ފާހަގަ ކޮށްފައިވާ ކަމަށް އޭޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ހިންގާފައިވާ ސުއޯ މޯޓޫ މައްސަލައަށް ބެލުމަށްފަހު، އެ ކޮމިޓީން ކަނޑައަޅާފައި ވަނީ އެޗްއާރުސީއެމް އަށް ކޯޓުން ކޮށްފައިވާ ތުހުމަތުތަކާއި ފާހަގަ ކޮށްފައިވާ ކަންކަމާއި ނެރެފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު "ގައިދުކުރުން" ކަމަށެވެ.

އެއީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމު މަގުސަދެއް ހާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ކަނޑައަޅާފައިވާ ކަމަށާއި އަދި، މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމަށް ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެޗްއާރްސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގެ ގާނޫނީ ބާރު ނިމުމަކަށް ގެނައުމަށް އެޗްއާރުސީއެމް ގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުއެވެ. މަޖިލީހުން އެ އިސްލާޙް ފާސްކޮށް، ތަސްދީގު ކުރެވުމުން އެ ގައިޑްލައިންގެ ގާނޫނީ ބާރު ވަނީ ނިމުމަކަށް އައިސްފައެވެ.

އެ އިސްލާހުގެ ސަބަބުން، ގާނޫނުއަސާސީން އެޗްއާރުސީއެމް އަށް މަތިކޮށްފައިވާ ހުރިހާ ޒިންމާތައް މިނިވަންކަމާއެކު އަދާކުރުމުގެ ފުރިހަމަ ފުރުސަތު އޮންނާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް