އެމްޕީއެލް އިން ދަތުރުފަތުރުގެ ތެރެއަށް ވަތް ގޮތާމެދު ސުވާލެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ، މަޖިލިސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ޓްރާންސްޕޯޓު ހިދުމަތް ފޯރުކޮށްދިނުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ޖެހުނު ސަބަބު ސާފުނުވާތީ، އެކަމާމެދު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ސުވާލުއުފައްދަވައިފި އެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރާ ފްލެޓުތަކުގެ މައްސަލައާއި މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދާ އުސޫލާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ތަޅުމަށް ހުށަހެޅި ރިޕޯޓަށް މިއަދު ވަނީ ބަހުސްކޮށްފަ އެވެ.

އެ މައްސަލައިގައި ބަހުސްކުރައްވަމުން މެމްބަރު ނިޔާޒް ވިދާޅުވީ އެއް ކުންފުނިން ކުރާ މަސައްކަތް އަނެއް ކުންފުނިން ކުރުމުން މަސައްކަތް ވެސް އެބަ ޑުޕްލިކޭޓް ވެގެންދާ ކަމަށެވެ.

އަދި ސަރުކާރުގެ ކުންފުނިތަކަށް ވަކިވަކި މެންޑޭޓު ހަވާލުކޮށްފައި ވާއިރު، އެ މެންޑޭޓުގެ ތެރެއަށް އެހެން މެންޑޭޓެއް ހަވާލުކޮށްފައިވާ ކުންފުންޏަކުން ވަންނަން ނުޖެހޭނެ ކަމަށެވެ.

އެގޮތުން މިސާލު ޖައްސަވަމުން ނިޔާޒް ވަނީ ދަތުރުފަތުރުގެ ކަންކަމާ ގުޅޭ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އޮއްވައި އެމްޕީއެލް އިން ވެސް ދަތުރުފަތުރުގެ ވިޔަފާރީގެ ތެރެއަށް ވަދެފައިވުމެވެ.

ހުޅުމާލޭގައި އެތެރޭގެ ދަތުރުފަތުރުތައް ކުރަނީ އެމްޓީސީސީންނެވެ. ނަމަވެސް ހުޅުމާލެއާއި މާލެއާ ދެމެދު ބަހުގެ ހިދުމަތް ދެނީ އެމްޕީއެލްއިންނެވެ.

"އެމްޓީސީސީގެ ނަމާ އަދި މެންޑޭޓަށް ބަލާއިރު އެއީ ޓްރާންސްޕޯޓާ ގުޅުންހުރި ކުންފުންޏެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމަ އެކަމަށް އިންވެސްޓުކޮށްގެން އެކަން ރަނގަޅުކުރުމަށް އެމްޓީސީސީން މަސައްކަތް ކުރީމާ ސުވާލެއް ނުއުފެދޭ،" ނިޔާޒް ވިދާޅުވި އެވެ.

ނަމަވެސް އެމްޕީއެލް އިން ބަހުގެ ހިދުމަތް ދޭން ޖެހެނީ ކީއްވެތޯ ނިޔާޒް ސުވަލު އުފެއްދެވި އެވެ.

"ހަގީގަތުގައި ވެފަ އޮތް ގޮތަކީ އެދުވަސްވަރު އެމްޕީއެލް ތެރެއިން ބަސްތަކެއް ވިއްކުމަށްޓަކައި ކޮންމެސް ވިޔަފާރިއެއް ކުރުމަށްޓަކައި ކޮށްފައި އޮތް ކަމެއް އަޅުގަނޑުމެންނަށް ލަފާކުރެވެނީ. އެހެން ނޫން ނަމަ ސަރުކާރުގެ ސަތޭކަ ޕަސެންޓު ކުންފުންޏެއް އެމްޓީސީސީއަކީ ވެސް. އެމްޕީއެލްއަކީ ބަނދަރުތައް ރަނގަޅަށް ހިންގާ ރާއްޖޭގެ ޕޯޓުތައް ބަލަހައްޓާ، ރާއްޖޭގެ ސަރަހައްދުގައި ޕޯޓުތައް އެޅުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް. އެ ކުންފުނިން ކިހިނެތްތޯ ދަތުރުފަތުރުގެ ހިދުމަތް ތެރެއަށް ވަދެގެން މި އުޅެނީ،" މެމްބަރު ވިދާޅުވި އެވެ.

އެހެންކަމުން ޑުޕްލިކޭޓްކޮށް މަސައްކަތްތައް ބަލައި، މެންޑޭޓު ފުށޫ އަރާ ކަންކަން ސްޓްރީމްލައިން ކުރުމަށް މެމްބަރު ވަނީ އެސްއޯއީ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

ބަހުގެ ހިދުމަތް ފެށުމަށް އެމްޕީއެލް އިން 100 މިލިއަން ރުފިޔާ އިންވެސްޓު ކުރި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

comment ކޮމެންޓް