ދީނުގެ ނަމުގައި އަންހެނުން ބާރު ކަޑުވަން ކުރާ މަސައްކަތާ ދެކޮޅަށް ތެދުވާނަން: މަޖިލިސް ރައީސް

ރައީސް ނަޝީދު --

ދީނުގެ ނަމުގައި އަންހެނުންގެ ބާރު ކަޑުވަން ބައެއް ދީނީ އިލްމުވެރިން މަސައްކަތް ކުރާ ކަމަށާއި އެކަމާ ދެކޮޅު ހަދާނެ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ނަޝީދު، މަޖިލިސް ޖަލްސާގައި ވިދާޅުވީ، ދީނުގެ ނަމުގައި އަންހެނުންގެ ބާރު ކުޑަ ކުރުމަށް ކުރެވޭ މަސައްކަތުގެ ބާރު ގަދަވަމުންދާ ކަމަށެވެ. އަދި އެއީ ބިރުވެރިކަމެއް ކަމަށާއި އެކަމާ ދެކޮޅަށް ނުކުތުމަށް ވައުދުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ވައުދުވަން އެކަމުގައިވެސް [ދީނުގެ ނަމުގައި އަންހެނުންގެ ބާރު ކަޑުވާލުން] އަޅުގަނޑުމެން ކުރިއަށް ނުކުންނަން. އަންހެނުންގެ ހައްގުތަކައިގެން އަޅުގަނޑުމެން ވީ އެންމެ ބޮޑު މިންވަރެއްގައި މަސައްކަތް ކުރުމަށް،" ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދިވެސް އިންނެވި ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަމުގައި އޮތް އެންމެ ބޮޑު ހިތާމައަކީ، އެކަން ކުރަނީ ދިނުގެ ނަމުގައި ކަމެވެ. އަދި އެކަން ކުރަނީ ދީނީ އިލްމުވެރިންކަމަށް ދެކޭ ބައެއް ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"އަންހެނުންގެ ބާރުވެރިކަން ކުޑަ ކުރުމަށް، ވަކާލާތު ކުރާ އެހެން ފަލްސަފާއެއްގެ އަޑު ބާރުކޮށް އިވެމުން މިދަނީ. އެންމެ ބޮޑު ބިރުވެރިކަމަކީ، ހިތާމައަކީ، ދީނުގެ ނަމުގައި ދައްކާ ވާހަކައެއްގެ ގޮތުގައި، އަދި އެ އަޑު ފަތުރާ ބޭފުޅުންނަކީ، އިލްމުވެރިންގެ ގޮތުގައި އެބޭފުޅުން ދެކެވަޑައިގަންނަވައިގެން މި ވަކާލާތު ކުރަމުން ގެންދާކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ދުވަހާ ގުޅިގެން ރައީސް ނަޝިދު އެހެން ވައުދެއްވެސް ވެވެޑައިގެންނެވި އެވެ. އެގޮތުން ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވައުދުވެ ވަޑައިގަތެވެ.

"އަޅުގަނޑު މި ދުވަހު ތި އިއްޒަތްތެރި މެމްބަރުންގެ ނަމުގައި އަދި މި މަޖިލީހުގެ ނަމުގައި ވައުދުވާން ބޭނުން، ރާއްޖޭގެ ސިޔާސީ ކަންކަމުގައި، ހާއްސަކޮށް މަޖިލީހުގައި މިހާރު އަންހެނުން ޝާމިލުވާ މިންވަރަށްވުރެ އިތުރުކުރުމަށް އަޅުގަނޑުމެން އެންމެވެސް މަސައްކަތް ކުރަން ޖެހޭ،" ރައީސް ނަޝިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އަންހެނުންގެ ބައިވެރިވުން ސިޔާސީ ކަންކަމުގައި އިތުރުކުމަށް ސިޔާސީ ޕާޓީތަކުގެ ދައުރު ބޮޑު ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބުގައިވެސް ސިޔާސީ ޕާޓީތަކުން އަންހެނުންނަށް ޓިކެޓް ލިބޭ ގޮތް ހަމަޖެހިފައިވާނަމަ، އަންހެނުން ތަމްސީލުވާ މިންވަރު އިތުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެ އިތުރުން ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ގޮޑިތައް ހާއްސަ ކުރުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ ތާއީދާއެކު އެކަން ކުރެވުނު ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މަޖިލިސް ރައީސް އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަން ވައުދުވުމުން އެކަމަށް މިނިސްޓަރު އައިޝަތު ދީދީ ޝުކުރު އަދާކުރެއްވި އެވެ.

comment ކޮމެންޓް