މި އަހަރުގެ ނިޔަލަށް ރިޟްވާން މައްސަލައިގެ ފުރިހަމަ ރިޕޯޓެއް ލިބޭނެ: ރައީސް

ޔާމީން ރަޝީދާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ އެމްޑީޕީ

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގު ނިމި، މި އަހަރުގެ ނިޔަލަށް ފުރިހަމަ ރިޕޯޓެއް ލިބޭނެ ކަމަށް މަރު ކޮމިޝަނުން ބުނެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި "ރަށްވެހި ފަތިސް" ކެމްޕޭނު ބައްދަލުވުމުގައި އެމްޑީޕީ ކެންޑިޑޭޓަކު ވަނީ އެ މައްސަލައާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ރިޟްވާންގެ އާއިލާއަށް މަރު ކޮމިޝަންގެ ފަރަތުން މައްސަލައިގެ އަޕްޑޭޓްތައް ދެމުންދާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ބޭރުގެ މާހިރެއްގެ އެހީގައި ކުރާ މަސައްކަތްތައް ކަމަށާއި، ބޭރަށް ފޮނުވައިގެން ވެސް ތަހުލީލުތަކެއް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޕޯޓު އެކުލަވާލުމަށް އަހަރެއް ދިނުމަށް މަރު ކޮމިޝަނުން މި އަހަރު ފެށުނު އިރު އެދިފައިވާ ކަމަށެވެ.

"އެހެންވީމަ މިހާރު އަޅުގަނޑުމެން މަޑުކޮށްގެން މި ތިބީ އެކްސްޕާޓުންގެ ލަފަޔާ އެކީގައި މި އަހަރު ނިމުމުގެ ކުރިން ރިޟްވާންގެ މަރާ ގުޅޭ ފުރިހަމަ ރިޕޯޓެއް ގެނެސްދެއްވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މައްސަލައަކީ ގިނަ ދުވަސްވީ، ބުރަ އަދި އުނދަގޫ މަސައްކަތެއް ކަމަށެވެ.

ރިލްވާން އަބްދުﷲ ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަމުންދާއިރު އެ ވަޅިން މުހިންމު ހެކިތައް ފެނިފައިވާކަމަށް މަރުކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ވަޅިއާ ގުޅޭ ސައްހަ މައުލޫމާތު ދޭ ފަރާތަކަށް 500،000 ރުފިޔާ ދިނުމަށް އިއްޔެ މަރު ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

މަރު ކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައިވަނީ ރިލްވާނު ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށެވެ.

ރިލްވާނު ގެއްލުވާލި މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ.

comment ކޮމެންޓް