އިހުތިޖާޖު ކުރުމުގައި ޕީޕީއެމް، ޕީއެންސީއިން ގެންގުޅޭ ޕްލޭން އިމްރާނަކަށް ނޭނގޭނެ: އަދުރޭ

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އިހުތިޖާޖު ކުރުމުގައި ގެންގުޅޭ ޕްލޭން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް އެނގިވަޑައިނުގަންވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އިހުތިޖާޖު ކުރަން ޕީޕީއެމް،ޕީއެންސީއިން ގެންގުޅޭ ޕްލޭން މިނިސްޓަރު އިމްރާނަށް އެނގިވަޑައިނުގަންނަވާކަން މިއަދު ފެނިފައިވާ ކަމަށެވެ.

"ހަރަކާތު ކޮމެޓީއިން މި ހަރަކާތް އެކި ގޮތްގޮތަށް ބަދަލުކުރަމުން، އެކި ގަޑިތަކަށް ބަދަލުކުރަމުން ގެންދާނީ. އެއީ ކުރީ ދުވަހެއްގައި އިމްރާނު ވިދާޅުވި އަޅުގަނޑުމެންގެ ޕްލޭން ތިމަންނާއަށް އެނގެޔޭ. އިމްރާނަށް މިއަދު އެނގޭނެ ޕީޕީއެމް، ޕީއެންސީއިން އިހުތިޖާޖު ކުރުމުގައި ގެންގުޅޭ ޕްލޭން އެނގިވަޑައިނުގަންވާކަން،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން-- ސަން ފޮޓޯ

މިނިސްޓަރު އިމްރާން އަދުރޭއަށް ބަހުގެ ހަމަލާތަކެއް ދެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހު އިދިކޮޅުން "ފުލެޓު ކޮބާހޭ"ގެ ނަމުގައި ބޭއްވި މުޒާހަރާއާ ގުޅިގެން ޓުވިޓާ މެދުވެރިކޮށެވެ.

އެ ޓުވީޓުގައި "މުޒާހަރާ ކުރިއަށް ގެންދިޔުމުގައި އަދުރޭ ގެންގުޅުއްވާ ސްޓްރެޓެޖީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ" ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެ އެވެ.

މިއަދުގެ އިހުތިޖާޖު ފެށުމުގެ ކުރިން ފުލުހުން ވަނީ އެ އިހުތިޖާޖު ހުއްޓުވުމަށްޓަކައި މާލޭގެ ބޮޑެތި ބައެއް މަގުތައް ބަންދުކޮށްފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު އިހުތިޖާޖު ފެށުމުގެ ކުރިން މަގުތައް ބަންދުކޮށްފައި-- ސަން ފޮޓޯ

އިހުތިޖާޖުގެ ބައިވެރިވި މީހުންގެ ތެރެއިން 39 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ހައްޔަރު ކުރުމުގެ ތެރޭގައި އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ބައިވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ސަން ފޮޓޯ/ފަޔާޒު މޫސާ

comment ކޮމެންޓް