ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި

ފެބްރުއަރީ 26، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުން ނުފަށަނީސް، އެއްވުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮއްފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލެ ސިޓީގައި އެއް ފަހަރާ މަގުމައްޗަށް ނުކުމެވޭ މީހުންގެ އަދަދު ފަހަކަށް މަދުކޮށްފި އެވެ.

ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީވެ، ބަލިން ރައްކާތެރިވުމަށްތަކައި މާލެ ސަރައްހަދުގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން އެޗްޕީއޭއިން މަނާކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ނަމަވެސް މިރޭ އެޗްޕީއޭ އިން ވަނީ ކޮވިޑްގެ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސްފަ އެވެ.

ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު ސޮއިކުރައްވައި މިރޭ ނެރުނު އެނގުމުގައި ބުނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލްއޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން މާދަމާއިން ފެށިގެން މާލެ ސަރައްދު ހިމެނޭ، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން މަނާވާނެ ކަމަށެވެ.

އެޗްޕީއޭ އިން ފިޔަވަޅުތައް ވަރުގަދަކުރި އިރު، އިދިކޮޅުން ވަނީ މާދަމާ މުޒާހަރާއަށް ނުކުތުމަށް ނިންމައިފަ އެވެ. ދިހަ މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކޮށްފައި ވަނިކޮށް ވެސް އިދިކޮޅުން ވަނީ މާލޭގައި މުޒާހަރާ ކޮށްފަ އެވެ.

މިިދިޔަ ހަފްތާގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް އެ އެއްވުން ނުބޭއްވުމަށް އިންޒާރުކޮށް ގާނޫނާ ހިލާފު އެއްވެސް އެއްވުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ އެއްވުން ރޭވުމުގައި އިސްކޮށް އުޅުނު މީހުން ހައްޔަރުވެސް ކޮށްފަ އެވެ.

comment ކޮމެންޓް