އަނަސްގެ މަރު: "ކުޑަކުއްޖާ"ގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރި ހުކުމް އިސްތިއުނާފުކުރަނީ

ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗެހިން މަރާލާފައި އޮއްވައި ފެނުނު ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް ---

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރި "ކުޑަކުއްޖާ"ގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

އަނަސް މަރާލީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން އައި އަށް މީހަކަށް ފިލަން އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމުން އެތާ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދީ އެވެ. އޭނާގެ ހަށިގަނޑަށް 24 ފަހަރު ވަޅި ހަރާފައިވެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި އަށް މީހަކަށް ދައުވާކޮށްފައިވެ އެވެ. ލ. ގަން، ނަންނާރިގެ، ޖުނައިހު އަބްދުﷲއާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާއާއި، ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ޅ. ކުރެންދޫ، އަސަރުމާގެ، އަހުމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ، އަފްރާހު އަބްދުލްރައްޒާގު، އިތުރުން ހާދިސާ ހިނގި އިރު ކުޑަކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވެ އެވެ.

ހާދިސާ ހިނގި އިރު 18 އަހަރު ނުފުރޭ މީހާގެ މައްސަލަ ހުށަހެޅީ ޖުވެނައިލް ކޯޓަށެވެ. ބާކީ މައްސަލަތައް ކްރިމިނަލް ކޯޓަށެވެ. ޖުވެނައިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް އެ ކޯޓުން ޖެނުއަރީ މަހު ވަނީ ހުކުމްކޮށްފަ އެވެ.

ޕީޖީ އޮފީހުން މިއަދު "ސަން"އަށް ބުނީ، ޖުވެނައިލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ގަރީނާތަކުން، ހާދިސާ ހިނގި ވަގުތު، ހާދިސާ ހިނގި ތަނުގައި، ތުހުމަތު ކުރެވޭ މީހާ ހުރިކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އަދި ދިފާއުން ހުށަހެޅި ހެކީންގެ ހެކިބަހުން ހާދިސާ ހިނގި ވަގުތު ހާދިސާ ހިނގި ތަން ނޫން އެހެން އެކި ތަންތަނުގައި އޭނާ އުޅެފައިވާކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ހާދިސާ ހިނގި އިރު އެ މީހާ އަކީ ކުޑަކުއްޖެއް ކަމުން، ކުޑަކުދިންނަަށް ގާނޫނުން ހާއްސަ ރައްކާތެރިކަން ލިބިގެންވާތީ އެ މައްސަލައިގައި ހިމެނޭ މީހާގެ ވަނަވަރު ވަނީ ސިއްރު ކުރެވިފަ އެވެ.

ބާކީ ހަތް މީހުންގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

އަނަސްގެ މަރުގެ ތަހުގީގަށްފަހު ފުލުހުން ބުނެފައި ވަނީ އޭނާ މަރާލީ ސީދާ އޭނާއަށް ހަމަލާދޭން ރާވައިގެން ނޫން ކަމަށެވެ. އެކަން ހިނގީ، އެހެން މީހަކަށް ރާވައިގެން ހަމަލާ ދޭން އުޅެނިކޮށް އޮޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

comment ކޮމެންޓް