"ދެރިޔާ"ގެ ދެވަނަ ބައެއް ގެންނަނީ، ކެތްމަދުވެފާތަ؟

ދެރިޔާގެ ޕޯސްޓަރެއް---

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ދެރިޔާ"ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ނުކުތް އެ ފިލްމަކީ ދިވެހި ސިނަމާގައި ވެސް މިހާތަނަށް ނެރުނު އެންމެ ރީތި ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. ޕީއެސްއެމްގެ ދިވެހި އެފްއެމްގެ ޝޯ "ފެމިލީ އަލްބަމް"ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވި "ދެރިޔާ"ގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން ވިދާޅުވީ ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ފިލްމުގައި ހިމެނޭ ދެ ލަވައެއްގެ ރެކޯޑިންވެސް މިހާރު މުޅިން ނިންމާލާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. ކުރީގެ ފިލްމާ ގުޅުވާލައިގެން ދެވަނަ ބައިގެ ވާހަކަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި ފިލްމު ހެދުމުގައި ޓެޑްރީ އާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށްވެސް މުހައިމިން ވަނީ ބުނެފައެވެ. މުހައްމަދު ނިޔާޒް (ޓެޑްރީ) އަކީ ދެރިޔާ ފިލްމުގެ ޑައިރެކްޓަރެވެ.

މީގެ 27 އަހަރު ކުރިން ނުކުތް ކާމިޔާބު ފިލްމު "ދެރިޔާ"ގެ ލީޑް ރޯލް ކުޅުނީ އަލީ ޚާލިދާއި ހައްވާ ޒާހިރާ އެވެ. "ދެރިޔާ" އަކީ ރާއްޖޭގައި ބޭއްވި ފުރަތަމަ ގައުމީ ފިލްމު އެވޯޑްސްގައި އަށް އެވޯޑް ހޯދި ފިލްމެކެވެ.

މުހައިމިން ބުނީ ފިލްމަށް ކާސްޓުން ނެގުމާ ދޭތެރޭ އަދި ނުވިސްނާ ކަމަށާއި ބެލުންތެރިންނަށް ފިލްމު ގެނެސްދެވޭނެ އިރެއް ބުނަން އަދި މާ އަވަސް ކަމަށެވެ. ދެން އޮތީ މި ފިލްމުގެ ދެވަނަ ބަޔަށް އިންތިޒާރުކުރުމެވެ.

comment ކޮމެންޓް