ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން މަރުވެއްޖެ

ފުވައްމުލަކުގައި ކާރު އެކްސިޑެންޓް ވެފައި -- ފޮޓޯ/ އެމްވީކްރައިސިސް

ފުވައްމުލަކު ސިޓީގައި މިއަދު ހަވީރު ކާރެއް ކޮންޓްރޯލް ނުވެގެން، ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން މަރުވެއްޖެ އެވެ.

އެ ދެ މީހުން މަރުވެފައިވާކަން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ކާރެއް ކޮންޓްރޯލް ނުވެގެން އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 4:45 ހާއިރު އެވެ.

ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ އޭނާ ވިދާޅުވީ އޭގެތެރެއިން އެކަކު މަރުވީ 4:56ގައި ކަމަށެވެ. އަދި ދެވަނަ މީހާ މަރުވީ 5:04 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެކަކު އޮތީ ކާރުގައި ތާށިވެފައި. ފުރަތަމަ މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު. ތާށިވި މީހާ ހޮސްޕިޓަލަށް ގެންދެވުނީ ކާރުގެ އެކިތަންތަން ނައްޓާލައިގެން،" ޟިރާރު ވިދާޅުވި އެވެ.

"ދެމީހުން ވެސް ނެގި އިރު އޮތީ ވަރަށް ބޮޑުވަރުވެފައި،"

އެކްސިޑެންޓް ހިނގާފައި ވަނީ، އެ ރަށު ތާރު މަގުން ދުއްވާފައި ދިޔަ ކާރު ކޮންޓްރޯނުވެގެން ގޮސް ގަހެއްގައި ޖެހިގެންނެވެ.

ދެ ދޮރުފަތްލީ، އެ ކާރަކީ ރޭސިން ކާރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް