ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު އޮންނާނެ: އިމްރާން

ހޯމް މިނިސްޓަރ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ އާއި ގުޅިގެން މިިނިސްޓަރު އިމްރާނު ކުރެއްވި ޓްވީޓަކަށް ވަނީ ފާޑުކިޔުން އަމާޒު ވެފަ އެވެ.

ނިސްޓަރު އިއްޔެ ވިދާޅުވީ "މުޒާހަރާ ކުރިއަށް ގެންދިޔުމުގައި އަދުރޭ ގެންގުޅުއްވާ ސްޓްރެޓެޖީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ" ކަމަށެވެ.

އަދުރޭއާއި އިމްރާންއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި، އެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުގައި އެއްކޮށް މަސައްކަތްކުރި ދެ މީހުންނެވެ. އެގޮތުން އެ ސަރުކާރާ ދެކޮޅަށް ގިނަ މުޒާހަރާތަކުުގައި އެ ދެބޭފުޅުން އިސްކޮށް މަސައްކަތްކޮށްފައިވެ އެވެ.

މިނިސްޓަރު އިމްރާނުގެ އެ ޓްވީޓާ ގުޅިގެން އިދިކޮޅުން ވަނީ އެކަމަށް ފާޑުކިޔައި މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވާލައިފައެވެ. ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އިމްރާންގެ ބަސްމަގު ހުރީ ހޯމް މިނިސްޓަރެއްގެ ބަސް މަގު ހުންނަ ޖެހޭ ގޮތަށް ނޫން ކަމަށެވެ.

ފާޑުކިޔުންތަކާއެކު މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

"ރައްޔިތުންނަށް ފަހިވާނީ އޭރުން. އެ މަގަށް އެންމެ ފަހިވާނެހެން މި ސަރުކާރުން ފުރުސަތު ދޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

އިދިކޮޅުން އިއްޔެ މުޒާހަރާ އެއް ކޮށްފައިވަނީ މުޒާހަރާ އަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީ އިންވެސް ބުނެފައި ވަނިކޮށެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ މާލޭގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުންވެސް މަނާކޮށްފައެވެ.

comment ކޮމެންޓް