އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ފެބްރުއަރީ 26، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުން ނުފަށަނީސް، އެއްވުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮއްފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ މަގުމައްޗަށް އެއްވެ ކުރިއަށްގެންދިޔަ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ހައްޔަރު ކުރި 30 މީހުންގެ ތެރެއިން ތިން މީހަކު ފިޔަވައި ބާކީ މީހުން ދޫކޮށްލީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެގެން ފިޔަވަޅު އެޅުމަށްފަހު ކަމަށެވެ.

އެގޮތުން އެ 27 މީހުން ވަނީ 1،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ ޕީއެންސީގެެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އިދިކޮޅު މަޖިލިސް މެންބަރުން އަދި ޕީޕީއެމް/ޕީއެންސީގެ ކައުންސިލް މެންބަރުންވެސް ހިމެނެއެވެ.

ފިޔަވަޅު ނާޅާ ދޫކޮށްލިމީހުންނަކީ މުޒާހަރާ ފެށުމުގެ ކުރިން ހައްޔަރު ކުރި މީހުންނެވެ.

އިއްޔެ އިދިކޮޅުން މާލޭގެ މަގުމައްޗަށް އެއްވެފައިވަނީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

މާލޭގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެއްވުންތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް މާލޭގެ މަގުމައްޗަށާއި އާންމު ތަންތަނަށް އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން ވަނީ މަަނާ ކޮށްފައެެވެ.

comment ކޮމެންޓް