ހާޝުގްޖީ މަރާލަން އެންގީ ސައުދީ ވަލީ އަހުދު: އިންޓެލިޖެންސް ރިޕޯޓު

ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލަން އަމުރު ކުރީ އެގައުމުގެ އިސް ވެރިން ކަަމަށް ތުރުކީން ތުހުމަތު ކުރޭ -- ފޮޓޯ: އޭއެފްޕީ

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގެ ތެރޭގައި، ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލުމަށް އެނގީ، އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާއިން ހާމަ ކުރި އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފި އެވެ.

ހުކުރު ދުވަހު އެމެރިކާގެ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އޮފީހުން އާންމު ކުރި އެމެރިކާގެ ސީއައިއޭގެ އިންޓެލް ރިޕޯޓުގައިވާ ގޮތުން ހާޝުގްޖީ މަރާލުމަށް ނިންމި ނިންމުމަކީ ބިން ސަލްމާންގެ ފުރިހަމަ ބާރުގެ ދަށުން ނިންމި ނިންމުކެވެ. އަދި އޭނާ މަރާލުމުގައި ބިން ސަލްމާންގެ އިސް އެޑްވައިޒަރާއި، އޭނާގެ ސެކިއުރިޓީ ޓީމުގައި ހިމެނޭ މީހުންވެސް ބައިވެރިވި ކަމަށް ބުނެފައިވެ އެވެ.

ހާޝުގްޖީއަކީ ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކީ މީހެއް ކަމުން، އޭނާ އަކީ ނުރައްކަލެއްގެ ގޮތުގައި ސަލްމާން ދެކެވަޑައިގެންނެވި ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި އޭނާގެ އަޑު ކަނޑުވާލުން މުހިންމު ކަމަށް ބިން ސަލްމާން ދެކެވަޑައިގެންނެވި ކަމަށްވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ސައުދީގެ އިންޓެލިޖެންސް ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލު އޭނާ އަތުގައި އޮވެ އެވެ. އަދި އެފަދަ ނިންމުމެއް ނިންމުގެ ބާރު ބިން ސަލްމާންއަށް ލިބިގެންވެ އެވެ.

އެމެރިކާގައި ދިރިއުޅެމުން ދިޔަ ހާޝުގްޖީއަކީ ސައުދީ ޝާހީ އާއިލާއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ލިޔުންތެރިއެކެވެ.

އޭނާ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ 2 އޮކްޓޯބަރު 2018އިގަ އެވެ. އެއީ އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކުރުމަށް ބޭނުންވާ ލިޔުންތަކެއް ހޯދާށެވެ.

އޭގެ ފަހުން އޭނާ އެ ކޮންސިއުލޭޓުން ނުނިކުތުމުން، އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ތުހުމަތު ކުރި އެވެ. ނަމަވެސް ސައުދީން އޭރު އެ ތުހުމަތު ދޮގު ކުރި އެވެ. އަދި ހާޝުގްޖީ މަރުވެފައިވާ ކަމަށް ސައުދީން އެއްބަސްވީ އޭނާ ނުފެންނަތާ 18 ދުވަސް ފަހުންނެވެ. އެގައުމުން ބުނި ގޮތުގައި ހާޝުގްޖީ މަރުވީ ކޮންސިއުލޭޓު ތެރޭ ކުރިއަށްދިޔަ މަޝްވަރާއެއް "ހޫނުވެ"، ހަމަނުޖެހުމަކަށް ބަދަލުވުމުގެ ސަބަބުންނެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތުރުކީގެ ޖާސޫސީ އިދާރާތަކުން ވަނީ ހާޝުގްޖީ މަރާލީ ދުރާލާ ރާވައިގެން ކަމަށް ބުނެފަ އެވެ.

ދި ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ނިންމާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން މީގެ ކުރިން ރިޕޯޓު ކޮށްފައިވެ އެވެ.

comment ކޮމެންޓް